ކުޅިވަރު

ފަހު މިނެޓްގައި ބަލިވުން މާހިތްދަތި، އެނބުރި އަންނާނަން

Apr 5, 2017
1

އޭއެފްސީ ކަޕްގެ އެންމެ ފަހުގެ ރަނަރަފު އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް މުޅި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި، އެންމެ ފަހު މިނެޓްގައި ބަލިވުން އެއީ މާހިތްދަތި ކަމެއްކަމަށާއި، މުޅި ޓީމު އެކުގައި އެނުބުރި އަންނާނެ ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފި އެވެ.

އިިއްޔަ ބެންގަލޫރަ ދެކޮޅަށް، މާޒިޔާ ކުޅުނު މެޗުން، ބަލިވީ އެންމެ ފަހު މިނެޓްގައި ބެންގަލޫރުން ކާމިޔާބު ކުރި ލަނޑުން ނެވެ. މެޗު ބަލަށް ދަނޑަށް ވަން ބައެއް ސަޕޯޓަރުންވެސް ބުނީ، އިތުރު ލަނޑުތަކެއް ޖަހައިގެން ބަލިވާތަން ބަލުމަށް ވުރެ، އެންމެ ފަހު މިނެޓްގައި ބަލިވާތަން ފެނުމަކީ އުނދަގޫ ވާ ކަމެއް ކަަމަށެވެ.

"ބަލި މިވީ އެންމެ ފަހު މިނެޓްގެ ވެސް އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި، މިއީ ވަރަށް ޕެއިން ފުލް ނަތީޖާ އެއް، އޭއެފްސީކަޕްގެ އެންމެ ފަހުގެ ރަނަރަފު އަދި ބެންގަލޫރު ކަހަލަ ޓީމެއް މުޅި މެޗުގައި ހިފަހައްޓާލެވި، އެންމެ ފަހު މިނެޓްގައި ބަލިވުމުން ކުޅުންތެރިނަށް ވަރަށް ބޮޑަށް އަސަރު ކުރި،"

"ނަމަވެސް މުޅި މަޒިޔާ އެކުގައި އެނބުރި އަންނާނަން، މި މެޗުގެ ނަތީޖައިން ލޯކަލް މުބާރާތަށް އެއްވެސް އަސަރެއް ނުކުރާނެ، އެވަރުގެ ޓީމާކާ ދެކޮޅަށް މުޅި މެޗުގައި ހިފަހައްޓާ ލެވުމަކީ ލޯކަލް މެޗުތަކަށް ދާއިރު، ބޮޑު ހިތްވަރަކަށް ވެގެންދާނެ،" އަވަސްއާ ވާހަކަ ދައްކަމުން އަސަދުﷲ ބުންޏެވެ.

މިދިޔަ އހަރުވެސް، އިންޑިއާގެ މޯހަންބާގާން އާ ދެކޮޅަށް މާޒިޔާއަށް ދިމަވީ މިކަހަލަ ނަތީޖާ އެކެވެ. މަޒިޔާ މޮޅުވެގެން މެޗުން ނިމިގެން ދަނިކޮށް، މޯހަންބަގާންއިން ނަތީޖާ ހަމަހަމަ ކުރީ އެންމެ ފަހު ވަގުތު ކާމިޔަބު ކުރި ލަނޑުންނެވެ.

ލޯކަލް ލީގްގައި މާޒިޔާއަކީ، 100 ޕަސަންޓް ރެކޯޑެއް އޮތް ހަމަ އެކަނި ޓީމެވެ. މިހާތަނަށް ލޯކަލް ލީގްގައި އެ ޓީމު ކޮޅަށް ލަޏޑެއް ވަދެފައެއް ނުވެއެވެ.