ހަބަރު

ފަނޑިޔާރު ސުޖާއު އަވަހާރަކޮށްލަން އުޅުނު މައްސަލައެއް ބަލަނީ

ހައިކޯޓްގެ ދެކުނު ގޮފީގެ ފަނޑިޔާރު ސުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފަނޑިޔާރު ސުޖާއުއަށް ހަމަލާދޭން އުޅުނު ކަމުގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ކަށަވަރުކޮށްދެވި ނަމަވެސް މައްސަލައިގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ. "އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން ބަލަނީ ބަޔަކު ފައިސާތަކެއް ދީގެން ސުޖާއު އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެކެވެ. އެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ވަނީ ކަށަވަރުވެފަ އެވެ.

ފަނޑިޔާރު ސުޖާއު އުސްމާނަކީ، ރައީސް ނަޝީދުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގައި ވެސް ހިމެނޭ ބޭފުޅެކެވެ.

އެ ހަމަލާދޭން އުޅެފައިވަނީ ކޮން އިރަކު ކޮން ތާކު ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. އަދި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ވެސް ހާމައެއް ނުކުރެ އެވެ.

ފަނޑިޔާރު ސުޖާއު ދެކުނު ގޮއްޕަށް ބަދަލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ތެރޭފަ އެވެ. ވަރަށް ފަހުން ފަނޑިޔާރު ސުޖާއު ވަނީ މާލެ ވެސް ވަޑައިގެންފަ އެވެ. ފަނޑިޔާރު މާލެ ވަޑައިގަތީ ފުލުހުންގެ ރައްކާތެރިކަމާއެކު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުލުހުންގެ ރައްކާތެރިކަމާއެކު ފަނޑިޔާރު މާލެ ގެނެސްފައިވަނީ ފަނޑިޔާރު އަވާހަރަކޮށްލުމަށް ރާވަމުންދާ ކަމުގެ މައުލޫމާތުތަކެއް ލިބުމާ ގުޅިގެންނެވެ.