ހަބަރު

ފަނޑިޔާރަކު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް ޑެޕިއުޓީ މިނިސްޓަރަކު ހައްޔަރުކޮށްފި

ހައިކޯޓުގެ ފަނޑިޔާރު ސުޖާއު އުސްމާނު އަވަހާރަކޮށްލަވަން ރޭވި ކަމުގެ ތުހުމަތުގައި ސަރުކާރުގެ އިސް ބޭފުޅަކު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފް އެވެ. ޕޮލިސީ އެގްޒެކެޓިވް އަކީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.

ފަނޑިޔާރު ސުޖާއުއަށް ހަމަލާދޭން އުޅުނު ކަމުގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ކަށަވަރުކޮށްދެވި ނަމަވެސް މައްސަލައިގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ. "އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން ބަލަނީ ބަޔަކު ފައިސާތަކެއް ދީގެން ސުޖާއު އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެކެވެ.

މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް "އަވަސް"އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި މައްސަލާގައި ވަނީ އިބްރާހިމް ހަނީފް ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް މުއްދަތު ޖެހުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރާނެ އެވެ.

ސުޖާއު އުސްމާނު އަވަހާރަކޮށްލުމަށް ރާވައި އެކަމުގެ މަޝްވަރާތަކެއް ކުރާ އަޑު އިވޭ އޯޑިއޯއެއް ވެސް "އަވަސް"އަށް ވަނީ ލިބިފަ އެވެ. އެ އޯޑިއޯގައި ސުޖާއު އުސްމާނު އަވަހަރާކޮށްލައި، އެކަން ކާމިޔާބު ކޮށްފިނަމަ ހަތަރު ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް އެ އޯޑިއޯގައި ވާހަކަ ދައްކަނީ ކޮން ބައެއް ކަމެއް ކަށަވަރެއް ނުވެ އެވެ.

ސުޖާއު އުސްމާނު އަވަހާރަކޮށްލުމަށް ހަތަރު ލައްކަ ރުފިޔާގެ އިނާމެއް ހުށަހެޅިއިރު އެކަން ހަވާލުކުރާ މީހަ އެކަމާ އެއްބަސްވާކަން ވެސް އޯޑިއޯއިން އެނގެ އެވެ. އަދި އެޑްވާންސްއަށް 50 ޕަސެންޓް ފައިސާ ދެއްކުމުން "މިޝަން އޮން" ކަމަށް ބުނެ އެވެ.

ފަނޑިޔާރު ސުޖާއު ދެކުނު ގޮއްޕަށް ބަދަލުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ތެރޭފަ އެވެ. ވަރަށް ފަހުން ފަނޑިޔާރު ސުޖާއު ވަނީ މާލެ ވެސް ވަޑައިގެންފަ އެވެ. ފަނޑިޔާރު މާލެ ވަޑައިގަތީ ފުލުހުންގެ ރައްކާތެރިކަމާއެކު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ފުލުހުންގެ ރައްކާތެރިކަމާއެކު ފަނޑިޔާރު މާލެ ގެނެސްފައިވަނީ ފަނޑިޔާރު އަވާހަރަކޮށްލުމަށް ރާވަމުންދާ ކަމުގެ މައުލޫމާތުތަކެއް ލިބުމާ ގުޅިގެންނެވެ.