ހަބަރު

ބިދޭސީންނަށް ދޭ ހަމަލާތަކާ ގުޅިގެން 24 ގަޑިއިރުގެ ހެލްޕްލައިނެއް ގާއިމުކޮށްފި

މާލޭގައި ބަންގްލާދޭޝް މީހަކު މަރާލައި ބައެއް މީހުންނަށް ވަޅިން ހަމަލާ ދިނުމުގެ ހާދިސާތަކެއް ހިނގުމާ ގުޅިގެން، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް އެހީތެރިކަން ބޭނުންވާ ހާލަތުގައި 24 ގަޑިއިރު ގުޅޭނެ ހެލްޕްލައިނެއް ބަންލަދޭޝް ހައިކޮމިޝަނުން ގާއިމުކޮށްފި އެވެ.

ބަންގްލަދޭޝްގެ ނޫސްތަކުން ބުނީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަނުން ގާއިމުކުރި ހޮޓްލައިން ނަންބަރަކީ 3320859 ކަމަށެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ބުނެފައި ވަނީ އެހީތެރިކަން ބޭނުންވާ ކޮންމެ ވަގުތެއްގައި ބަންގްލަދޭޝް މީހުން މި ނަންބަރަށް ގުޅުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނަށް ހަަމަލާދޭ މައްސަލަ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅުއްވާފައި ކަމަށާއި ބިދޭސީންގެ ސަލާމަތީ ކަންކަމަށް އިސްކަން ދިނުމަށް ރައީސް މިހާރު އަންގަވާފައިވާ ކަމަށް ވެސް ބަންގްލާދޭޝްގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

ހާބަރު ސަރަހައްދުގައި ހުންނަ ޅިޔަނު ކެފޭގައި މަސައްކަތްކުރާ ބަންގްލާދޭޝް މީހެއްގެ މެޔަށް ވަޅި ހަރާ މަރާލި ފަހުން އެކި ދުވަސްމަތިން މާލޭގައި ވަނީ ތޫނު އެއްޗެހިން ބިދޭސީންނަށް ހަމަލާ ދިނުމުގެ އަމަލުތަކެއް ހިންގައިފަ އެވެ. ފުލުހުން ބުނެފައި ވަނީ މިއީ މާލެތެރެ ހަލަބޮލިކޮށް ބިރުވެރިކަން އުފައްދަން ބަޔަކު ރާވައިގެން ކުރާ ކަމެއް ކަމަށެވެ.