ވިޔަފާރި

މަސް ޕްރޮސެސިން ފެކްޓްރީއެއް ހިންމަފުށީގައި ހުޅުވައިފި

ބިގްފިޝް ފިޝް މޯލްޑިވްސްގެ ފަރާތުން ކ. ހިންމަފުށީގައި ބޮޑު މަސް ފެކްޓްރީއެއް ގާއިމްކޮށް އެތަން ހުޅުވައި އެ ކާރުހާނާގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ހިންމަފުށީގައި ބިގްފިޝް އިން ހުޅުވާފައިވާ މި ކާރުހާނާއަކީ 40 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ވާއިރު މި ފެކްޓްރީގައި 300 ޓަނުގެ މަސް ރައްކާ ކުރެވޭނެއެވެ. މީގެ އިތުރުން މި ފެކްޓޮރީގައި ދުވާލަކު 30 ޓަނު މަސް ޕްރޮސެސް ކުރެވޭނެ ކަމަށާއި އެއްފަހަރާ ފަސް ދޯނިން ކާރުހާނާއަށް މަސްބޭލޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

މި ފެކްޓްރީ ރަސްމީކޮށް ހުޅުވުމަށް ހިންމަފުށީގައި އިއްޔެ އޮތް ރަސްމިއްޔާތުގައި ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް ވިދާޅުވީ މި ފެކްޓްރީ ހުޅުވުމާއެކު އެ ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށެވެ. އެ ގޮތުން މި ފެކްޓްރީ ހުޅުވުމާއެކު 130 ވަޒީފާ އުފެދިގެންދާއިރު އޭގެ 50 ޕަސެންޓް ވަޒީފާ ދިނުމަށް ހަމަޖެހިފައިވަނީ ދިވެހިންނަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ވަޒީފާ ތަކަށް މީހުން ބިނާ ކޮށް ތަމްރީން ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރަށު ކައުންސިލް ގެ ރައީސް ވިދާޅުވި އެވެ.

ބިގްފިޝް ގެ ޑިރެކްޓާ އަލްއުސްތާޒު އިސްމާއިލް ވިޝާމް މި ރަސްމިއްޔާތުގައި ވަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތައް ޝުކުރު އަދާކުރައްވައިފަ އެވެ.

މި ރަސްމިއްޔާތުގައި ބިގްފިޝް އިންވަނީ މިނިސްޓްރީ އޮފް ފިޝެރީސް އެންޑް އެގްރިކަލްޗާގެ މެރިން ރިސާޗް ސެކްޝަން (އެމްއާރުއެސް) އަށް 100،000 ރުފިޔާގެ ގެ ފައިސާގެ އެހީ ދީފަ އެވެ. މިނިސްޓްރީ އޮފް ފިޝެރީސް އެންޑް އެގްރިކަލްޗާއާ މި އެހީ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އެ މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ ހުސެއިން ޝިނާން އެވެ.

ދެހާސް ހަތަރުވަނަ އަަހަރު ބިގްފިޝް ޕްރޮސެސިން ޔުނިޓް އުފައްދާފައިވާއިރު އާ މެނޭޖްމެންޓަކާއެކު ބިގްފިޝް އިން ހަ ވައްތަރުގެ ކަންނެލި ދުނިޔޭގެ ނުވަ ގައުމަކަށް އެކްސްޕޯޓު ކުރާނެކަމަށް އެ ކުންފުނިން ބުންޔެވެ.