ކުޅިވަރު

ޕޯޗްގަލްގެ ޓްރޭނަރާއެކު ނިއުގެ އެކެޑެމީ ފެށުން ހޮނިހިރުގައި

Apr 6, 2017

ނިއުރޭޑިއަންޓްގެ ސީނިއާ ޓީމުގެ ފިޒިކަލް ޓްރެއިނަރު ޕޯޗްގަލްގެ ވެލިނޮރެސް ފްރާޒާއޯގެ ބެލުމުގެ ދަށުން، އަންނަ ހޮނިހިރު ދުވަހު ނިއުގެ އެކެޑެމީގެ ޓްރެއިނިންތައް ފަށަން ތައްޔާރު ވެއްޖެ އެވެ.

ފިޒިކަލް ޓްރައިނަރެއްގެ އިތުރުން ފްރާޒާއޯ އަކީ، ކޯޗިން އެޑިއުކޭޝަންގައި ޔޫއެފްއާ 'ބީ' ލައިސެންސް އޮންނަ ކޯޗެކެވެ. އަދި އޭނާ އަކީ، ގްރާސްރޫޓް ކުޅުންތެރިން އުފެއްދުމުގެ އެކްސްޕާޓެއްވެސް މެއެވެ.

ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ، ނިއުގެ އެކެޑެމީ ކުރިއަށް ގެންދަން، ނިއުގެ ޗެއާމަން މުހައްމަދު ޒިޔާދު ބޭނުން ފުޅުވީ، އެކެޑެމީގެ ކުދިންގެ އަދަދު ވަކިވަރަކަށް ލިމިޓްކޮށްގެން ކަމަށާއި ބޭނުމަކީ ކުޅުންތެރިންނަށް އެންމެ އެދެވޭ ޓްރެއިނިން ފޯރުކޮށްދޭ މާހައުލަކަށް ނިއުގެ އެކެޑެމީ ހެދުން ކަމަށެވެ.

"ބޭނުން ވަރަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔައީމަ ކުލަބަށް މާލީ ގޮތުން ގިނަ ފައިދާ ތަކެއް ވާނެ، ނަމަވެސް ނިއުގެ ޗެއާމަން ބޭނުންނުވޭ އެގޮތަށް ގެންދާކަށް، އެހެންވެ އެކެޑެމީއިން ޓްރެއިނިން ކުރާ، އަދަދު ވަކި ވަރަކަށް ކަނޑައެޅިފައި ވާނީ، ބޭނުމަކީ އެކެޑެމީއިން އެންމެ ރަނގަޅު ޕްރޮޑެކްޓެއް އުފެއްދުން،" ނިޔާޒު ވިދާޅުވި އެވެ.

ފެރާޒާއޯގެ ދަށުން، އެކެޑެމީގައި މަސައްކަތް ކުރެވޭނީ ކޯޗިން އެޑިއުކޭޝަންގައި އެންމެ ދަށް ވެގެން، އޭއެފްސީ 'ސީ' ކޯޗިން ލައިސެންސް އޮންނަ ކޯޗުން ނަށެވެ.

ނިޔާ ވިދާޅުވީ ފެރާޒާއޯގެ ދަށުން އެކެޑެމީގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް، ކުރީގެ އެއް ވަނަ ކުޅުންތެރިޔާ، އިބްރާހިމް އަބްދު ލަތީފް (ލައްޗޭ) ހަމަޖައްސާފައިވާ ކަމަށެވެ. ލައްޗޭ ވަނީ މީގެ ކުރިންވެސް ނިއުގެ އެކެޑެމީގައި މަސައްކަތް ކޮށްފަ އެވެ.

ކުޅިވަރު އެކުވެނީގެ ޓާފް އެކެއްގައި އެކޭޑެމީ ރަސްމީކޮށް ފެށުމަށް ބާއްވާ ހަރަކާތުގައި، ހޮނިހިރު ދުވަހު، ނިއުގެ ސީނިއާ ޓީމު ކުޅުންތެރިން ބައިވެރި ވާނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.