ހަބަރު

އެމެރިކާ އިން ރާއްޖެ އާއި ލަންކާގެ ސަފީރު ކަމަށް އިންޑިއާ ނަސްލުގެ ބޭފުޅެއް

ސްރީ ލަންކާ އާއި ރާއްޖެ އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަވާ ސަފީރުު ކަމުގެ މަގާމަށް އައްޔަން ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އިންޑިއާ ނަސްލުގެ ބޭފުޅެއްގެ ނަން ހުށަހަޅުއްވައިފި އެވެ.

ރާއްޖެ އާއި ލަންކާގެ ސަފީރު ކަމުގެ މަގާމަށް ހުށަހެޅުއްވި އަތުލް ކެޝަޕް ވަނީ އިންޑިއާގައި ހުންނަ އެމެރިކާ އެމްބަސީގެ ސީނިއަ ފޮރިން ސާވިސް އޮފިޝަލެއްގެ ގޮތުން މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. މިހާރު އޭނާ ހުންނެވީ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ ހަމަޖައްސާފައި ވަނީ 2013 ވަނަ އަހަރު އެވެ.

ކެޝަޕް ރާއްޖެ އާއި ލަންކާގެ ސަފީރު ކަމަށް ހަމަޖެއްސުމުން، އެމެރިކާގެ ސަފީރުންގެ ގޮތުގައި ސާކްގެ ގައުމުތަކުގައި ތިއްބެވި އިންޑިއާ ނަސްލުގެ ބޭފުޅުންގެ އަދަދު ތިނަކަށް އިތުރުވާނެ އެެވެ.