ދުނިޔެ

ރޯހިންޔާގެ ގަތުލުއާންމަކީ ސޫކީ ދެނަހުރި ކަމަކަށް ނުވި

Apr 6, 2017
2

މިޔަންމާގެ ބައިމަދު މުސްލިމުންގެ ނަސްލު އެގައުމުން ނައްތައިލަން މަސައްކަތް ނުކުރާ ކަަމަށް އެގައުމުގެ ލީޑަރު އަންސަން ސޫކީ ވިދާޅުވެއްޖެެއެވެ.

މިޔަންމާގެ މުސްލިމުން ގިނަ ރާޚިން ސްޓޭޓްގައި މައްސަލަތަކެއް އެބަހުރި ކަން ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ސޫކީ ބީބީސީއަށް ދެއްވި ހާއްސަ އިންޓަވިއުގައި އެއްބަސްވެވަޑައިގެންނެވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ " އެތުނިކް ކްލޭންސިން" ( ނަސްލު ނައްތައިލުން) އެއީ އެމައްސަލަތަކާ ގުޅުވައިގެން ބޭނުންކުރާ ވަރަަށް ވުރެ މާ ހަރުކަށި ޓާމްއެއް ކަަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ މިޔަންމާ ދޫކޮށް ގޮސްފައިވާ މުސްލިމުން އެނބުރި އަންނަ ނަމަ މިޔަންމާ ސަރުކާރުން އެމީހުންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.

ސޫކީ މިހެން ވިދާޅުވި ނަމަވެސް މިޔަންމާގެ ރާޚިން ސްޓޭޓްގައި ދިރިއުޅޭ ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންނަކީ އެގައުމުގެ ރައްޔިތުން ކަމަކަށް އެގައުމުގެ ސަރުކާރުން ގަބޫލެއް ނުކުރެއެވެ. އެގައުމުގެ ސިފައިންގެ ވެރިޔާ ދާދި ފަހުން ވެސް ރޯހިންޔާ ދަރިކޮޅުގެ މީހުން ސިފަކޮށްފައި ވަނީ " ބަންގާޅީން"ގެ ގޮތުގައެވެ.

"އަހަރެން ނުދެކެން ނަސްލުނައްތައިލުމުގެ ކަންތައް ހިނގާ ކަމަކަށް. އަހަރެން ދެކޭ ގޮތުގައި ހިނގަމުންދާ ކަންތައްތައް ސިފަކުރުން، އެއީ ނަސްލު ނައްތައިލުން ކަމަށް ބުނުމަކީ މާހަރުކަށި ގޮތެއް،" ބީބީސީގެ ހާއްސަ ކަރެސްޕޮންޑެންޓް ފާގަލް ކިއާނީއަށް ދެއްވި އިންޓަވިއުގައި ސޫކީ ވިދާޅުވެފައި ވެެއެވެ.

ސޫކީ ވަނީ ރާޚިން ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ ވަރަށް ބޮޑަށް މުސްލިމުންގެ ބޮލުގައި އަޅުއްވާފައެވެ. އޭނާ ތުހުމަތުކުރައްވާ ގޮތުގައި ރާޚިން ސްޓޭޓްގެ މުސްލިމުން ވެސް މުސްލިމުން މަރައެވެ.

މިޔަންމާގެ ރާޚިން ސްޓޭޓްގައި 2012 ވަނަ އަހަރު އެގައުމުގެ ބުޑިސްޓުިން މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ފަހު، މުސްލިމުންގެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ ވަގުތީ ރެފިއުޖީ ކޭމްޕްތަކުގައެވެ. ހަނގުރާމަވެރިން ބަލިކުރަން ކަމަށް ބުނެ މިޔަންމާ ސިފައިން އެ ސަރަހައްދުގައި އޮޕަރޭޝަނެއް ހިންގަން ފެށުމުން ރޯހިންޔާ ދަރިކޮޅުގެ 70000 މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. އދ. އިން މިދިޔަ މާޗް މަހު ކުރި ސާވޭއަކަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އިއްފަތް ފޭރުމާއި ލާއިންސާނީ އަނިޔާ ދިނުމާއި އާއްމުން މެރުން ފަދަ ޖަރީމާތައް މިޔަންމާ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށެވެ. އަދި އެފަދަ ޖަރީމާތަކުގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ވެސް ވަނީ އާއްމުވެފައެވެ.

ސޫކީ ވިދާޅުވީ އެފަދަ ޖަރީމާތައް ހިންގުމުގެ މިނިވަންކަމެއް ސިފައިންނަށް ނޯންނާނެ ކަމަށެވެ. ނަމަވެސް " ގޮސް ހަނގުރާމަ ކުރުމުގެ މިނިވަންކަން އެމީހުންނަށް އޮންނާނެ" ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސިފައިންގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް އޮންނަ ގޮތަށް ހެދުމަކީ އަދިވެސް އުއްމީދުކުރައްވާ ކަމެއް ކަމަށެވެ.

މިޔަންމާގެ ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން އެގައުމުގެ ސިފައިންނަކީ ސަރުކާރުގެ މާބޮޑު ކޮންޓްރޯލެއް ނެތި، މިނިވަންކަމާ އެކު ހަރަކާތްތެރިވާ ބައެކެވެ.