ކުޅިވަރު

ފުޓްބޯޅަ ޓްރެއިނިން ސްކޫލް އުފެއްދުމުގެ މަސައްކަތް ފަށައިފި

Apr 6, 2017

މި ސަރަހައްދުގެ އެއް ވަނަ ފުޓްބޯޅަ ޓްރެއިން ސްކޫލް ރާއްޖޭގައި ގާއިމު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ތަސަވަރުގެ ދަށުން، ފުޓްބޯޅަ ޓްރެއިނިން ސްކޫލްގެ ޕްލޭނިންގެ މަސައްކަތް، އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ ޖޭން ވަންލީގެ ބެލުމުގެ ދަށުން ފަށައިފި އެވެ.

އެފްއޭއެމްގެ ރައިސް ބައްސާމް އަދީލް ޖަލީލް 'އަވަސް' އަށް ވިދާޅުވީ އިނީޝިއަލް ޑްރާފްޓިންގެ މަސައްކަތް ވަންލީގެ ބެލުމުގެ ދަށުން ފަށާފައިވާ ކަމަށާއި، އިނީޝިއަލް ޕްލޭނިންގެ ފުރަތަމަ ޑްރާފްޓާއެކު، އިތުރު މަޝްވަރާއަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މިހު އިށީންނާނެ ކަމަށެވެ.

"ފުޓްބޯޅަ ޓްރެއިނިން ސްކޫލް އެއީ ސީދާ ރައީސްގެ އަމިއްލަ ހިޔާލު ފުޅެއް، އަޅުގަނޑުމެން (އެފްއޭއެމް) އާ ރައީސް ވަނީ ކުރިއަށް ގެންދަން ބޭނުންވާ ތަސަވަރުވެސް ހިއްސާ ކުރައްވާފަ،" ބައްސާމް ވިދާޅުވި އެވެ.

ޝައިހް ކަމާލް ކަޕްގައި ޓީސީ ސްޕޯޓްސް ކުލަބު ހޯދި ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން، ރައީސް ޔާމީން ވިދާޅު ވެފައި ވަނީ، ފުޓްބޯޅަ ޓްރެއިނިން ސްކޫލްގެ ހިދުމަތް ފެށި ފުރަތަމަ ތިން އަހަރަށް ފަހު، ފުރަތަމަ ޑިވީޝަން ކުލަބުތަކުގެ ކުޅުންތެރިންގެ ވަކި ޕަސަންޓެއް އެއީ ފުޓްބޯޅަ ޓްރެއިނިން ސްކޫލުން ތަމްރީން ވެގެން ނިކުންނަ ކުޅުންތެރިންނަށް ވާން ޖެހޭނެ ކަމަށެވެ.

"ރައީސް ވިދާޅުވި ހެން، ފުޓްބޯޅަ ޓްރެއިނިން ސްކޫލް ހުޅުވައި ފުރަތަމަ ތިން އަހަރަށް ފަހު ފުރަތަމަ ޑިވިޝަން ކުލަބު ތަކުގެ ވަކި ޕަސަންޓެއްގެ ކުޅުންތެރިންނަކީ ފުޓްބޯޅަ ޓްރެއިނިން ސްކޫލް ފުރިހަމަ ކޮށްފައިވާ ކުލުންތެރިންނަށް ވާން ޖެހޭނެ، އަނެއްކާވެސް އޭގެ ދެތިން އަހަރު ނިމޭއިރު އަމާޒަކީ ފުރަތަމަ ޑިވިޝަންގެ ކުލަބު ތަކުގެ ހުރިހާ ކުޅުންތެރިންނަކީ ފުޓްބޯޅަ ޓްރެއިނިން ސްކޫލުން ތަމްރީން ފުރިހަމަ ކޮށްފައިވާ ކުޅުންތެރިންނަށް ވާން ޖެހޭނެ،" ބައްސާމް ވިދާޅުވި އެވެ.

މީގެ ކުރިން އަވަސްއަށް ދެއްވި އިންޓަވިއުގައި ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ، ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕްގައި، ވާދަ ކުރި ދެކުނު ކޮރެއާގެ ޕޮޗެއޮން ސިޓީގެ ކުޅުންތެރިންނާއި އެ މުބާރާތުގެ ވާދަ ކުރި އެހެން ޓީމު ތަކުގެ ކުޅުންތެރިންނާ ތަފާތު ކަމަށެވެ.

"ކޮރެއާގެ އެ ޓީމުގެ ހުރިހާ ކުޅުންތެރިންނަކީވެސް ކޮރެއާގެ ފުޓްބޯޅަ ޓްރެއިނިން ސްކޫލުތަކުން ތަމްރީން ކޮށްފައިވާ ކުޅުންތެރިން، އެހެންވެ އެ ކުޅުންތެރިންނަކާ ނުޖެހޭނެ ކުލަބާ ގުޅުމަށް ފަހު ފުޓްބޯޅައިގެ ބޭސިކް ދަސް ކުރާކަށް، މާނަ އަކީ މީސަލަކަށް އެ ކުޅުންތެރިޔާއަށް އެނގޭނެޔޭ ޕާސް ޖަހަންވީ ރަނގަޅު ތަނާ ޕާސް ޖަހަންވީ ރަނގަޅު ޓައިމް އަދި ބޯޅަ ކޮންޓްރޯލް ކުރަންވީ ސިޓްއޭޝަން، އެއީ ފުޓްބޯޅަ ޓްރެއިނިން ސްކޫލު ޓްރެއިނިން ފުރިހަމަ ކުރުމަށްފަހު އަންނަ ތަފާތަކީ،"

ނަމަވެސް އަޅުގަނޑުމެންގެ ކުޅުންތެރިން ކުލަބަކާ ގުޅޭއިރު ޓީމެއްގެ އެ ހުންނަ ކޯޗަކަށް ހުންނަ މީހަކު މިޖެހެނީ އެކުޅުންތެރިޔަކު ގޮވައިގެން މިކަހަލަ ބޭސިކުން ފަށައިގަންނަން، އެހެންވެ އަޅުގަނޑަށް އެ މުބާރާތުން ވިސްނުނު ފުޓްބޯޅަ ޓްރެއިނިން ސްކޫލެއްގެ ރާއްޖެ އަށްވެސް ކިހާ މުހިންމު ކަން،" ނިޒާމް ބުންޏެވެ.