މަސައްކަތް ކުރާނީ އެފްއޭއެމް އާއި ކުލަބު ތަކާއި ގުޅިގެން ޓީމެއްގެ ގޮތުގައި ކަމަށާއި ރާއްޖޭގެ ފުޓްބޯޅައަށް އޮތީ ދިގު ރާސްތާ ޕްލޭނެއް ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ ތުރުކީގެ ޖޭން ވަންލީ ބުނެފި އެވެ.
ޓެކްނިކަލް ޑައިރެކްޓާގެ މަގާމާ ހަވާލުވުމަށްފަހު، 'އަވަސް' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަންލީ ބުނީ ޓެކްނިކަލް ޑައިރެކްޓާގެ މަގާމުގައި އޭނާ ހުރި ނަމަވެސް، މަސައްކަތް ކުރާނީ އޭނާ އެކަނި ނޫން ކަމަށާއި ފުޓްބޯޅައިގެ ހުރިހާ ސްޓޭކް ހޯލްޑަރުންގެ ބައިވެރިވުން ހޯދާނެ ކަމަށެވެ.
"އަހަރެންގެ އޮތީ ދުރު ރާސްތާ ޕްލޭނެއް، އެހެންވެ އެހާ އަވަހަށް މި މަސައްކަތުގެ ފޮނި މޭވާ ނުލިބިދާނެ، މިއަދު މުޅި ދުނިޔޭގައިވެސް ފުޓްބޯޅައިގެ ކާމިޔާބާ ހަމަޔަށް ދެވެނީ ދުރު ރާސްތާ އަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތުން، އަހަރެން އެދެން ހުރިހާ ފަރާތްކުން ކެތްތެރިވެ މި މަސައްކަތުގައި އެއްބާރުލުން ދިނުން،" ވަންލީ ބުންޏެވެ.
ކުރިން ވީބީ އައްޑޫ އެފްސީ އަށް ކޯޗް ކޮށްދިން ވަންލީ ބުނީ، އޭނާ އަކީ، މިއަދު ވީބީގެ ކޯޗް ނޫން ކަމަށާއި، ދިވެހި ހުރިހާ ކުލަބު ތަކަށް އޭނާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.
ވަކިވަކި ހުނަރަށް ބަލާއިރު ރާއްޖޭގައި މިހާރު އެންމެ ބޮޑު މައްސަލައަކީ ދިވެހި ކީޕަރުން، ރާއްޖޭގެ އެންމެ ޓޮޕް ފުޓްބޯޅައިގެ މަދު ވުމެވެ.
"ކީޕަރުން އުފެއްދުމަށްވެސް އަހަރެން ބޮޑު އިސްކަމެއް ދޭނަން، އެންމެ ފުރަތަމަ ކަމަކީ ކީޕަރުން އުފެއްދުމަށް ފުރިހަމަ ކުރަން ޖެހޭ އެހެން ކަންކަން ފުރިހަމަ ކުރުން،" ވަންލީ ބުންޏެވެ. އެފްއޭއެމުން ވނީ ކީޕަރު ޓްރެއިނަރުންނާއި ކީޕަރުން ތަމްރީން ކުރުމަށް ބޭރުގެ ކީޕަރު ޓްރެއިނަރެއް ގެނައުމަށް ނިންމާފަ އެވެ.
އަދި ކީޕަރު ޓްރެއިނަރުންގެ ޓްރެއިނިން ކޯސް ރާއްޖޭގައި ހިންމގުމަށް މިއަހަރު ޕްރޮގްރާމް އެކުލަވަލާނެ ކަމަށް އެފްއޭއެމުން ބުންޏެވެ.
މިހާރު ކުރިއަށްދާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރްވެސް އެނަލައިސް ކުރުމަށް އޭނާވެސް ރާއްޖެ ތެރެއަށް ދާނެ ކަމަށް ވަންލީ ބުންޏެވެ. އަދި އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތްވެސް އަދި ނުނިމި އޮތުމުން އެ މުބާރާތްވެސް ގާތުން އޮބްޒާވް ކޮށް ކުޅުންތެރިންގެ ހުނަރު ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށެވެ.