ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގަންނަވަން ގެއިން ނުކުންނެވި ވަގުތު ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ގަޔަށް ކަޅު ތެޔޮ ޖަހައިފި އެވެ.
އިމްތިޔާޒް ފަހުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ މަޖިލީހަށް ވަޑައިގަތުމަށް ގޭން ނުކުތް ވަގުތު ދެ މީހަކު އައިސް ގަޔަށް ކަޅުތެޔޮ ޖެހީ ކަމަށެވެ. އަދި ގޭގެ ދޮރަށާއި ފާރަށް ވެސް ކަޅުތެޔޮ ބުރި ކަމަށް ވިދާޅުވި އެވެ. އެކަމާ ގުޅިގެން އިމްތިޔާޒު މަޖިލީޙަށް ވަޑައިގެންނެވީ މަޖިލީހުގެ ސެކިއުރިޓީންނާ އެކު މަޖިލީހުގެ ވެހިކަލެއްގަ އެވެ. އޭނާ މަޖިލީހުގެ ތަޅުމުގައި ވަނީ ގަމީހަށް ކަޅުތެޔޮ ޖަހާފައިވާ ތަން ވެސް ދައްކާލައިފަ އެވެ.
"މިއީ ހަމަ ސީދާ ރާވައިގެން ހިންގި ސްޓޭޓް ޓެރަރިޒަމް،" އިންތި ވިދާޅުވި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒްގެ ގަޔަށް ކަޅުތެޔޮ ޖެހީ އޭނާ މަޖިލީހަށް ވަޑައިގަތުމަށް ކާރަށް އަރުއްވަނިކޮށް ސައިކަލެއްގައި އައި ބަޔެކެވެ. އަދި އޭނާ މަޖިލީހަށް ވަޑައިގެންނެވީ އެ ގަމީސް ނުބާއްލަައްވައި ކަޅު ތެޔޮތަކާ އެކު އެވެ. ރިޔާޒްގެ ގަމީހުގެ ކުރި މައްޗާއި ފުރަގަސް ވެސް އޮތީ ކަޅު ތެލުން މުޅިން ފޯވެފަ އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ބައެއް މެންބަރުން ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް ސެކިއުރިޓީ ލިބެން ޖެހޭ ކަމަށެވެ. އަދި އެކަމަށް މަޖިލީހުގެ ރިޔާސަތުން ސަމާލުކަން ދިނުމަށް މެންބަރުން ގޮވާލެއްވި އެވެ. ސެކިއުރީޓީ މެންބަރުންނަށް ދިނުމަކީ މަޖިލީހުގެ ރިޔާސަތުން ކޮށްދޭން ޖެހޭ ކަމެއް ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދުން ފެށިގެން ސެކިއުރިޓީއަށް އެދޭ މެންބަރުންނަށް އަލުން ސެކިއުރިޓީ ލިބޭނެ ކަމަށެވެ. އަދި އެކަން މީގެ ކުރިން ވެސް އެގޮތަށް ހަމަޖެހިފައި އޮތް ކަމަށް މަސީހު ވިދާޅުވި އެވެ.