ވިޔަފާރި

އައުޓްލުކް ޓްރެވެލާޒް އެވޯޑްގެ އޭޝިޔާގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ

އައުޓްލުކް ޓްރެވަލާ މެގަޒިން އިން ހޮވާ އޭޝިޔާގެ އެންމެ މަގުބޫލް ޓޫރިޒަމްގެ މަންޒިލްގެ އެވޯޑް ރާއްޖެއަށް ލިބިއްޖެ އެވެ.

އޭޝިޔާގެ އެންމެ މަޝްހޫރު އެއް ޓްރެވަލް މަޖައްލާ ކަމަށްވާ "އައުޓް ލުކް ޓްރެވަލާ މެގަޒިން" އިން ރާއްޖެއަށް ލިބިފައިވަނީ އޭޝިޔާގެ ޓޫރިޒަމް ޑެސްޓިނޭޝަން ކެޓަގަރީ، ނޫނީ އޭޝިޔާ ސަރަހައްދުގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑެވެ. ޓުއަރިޒަމް މިނިސްޓަރު އަދީބު ސިފަކުރެއްވި ގޮތުގައި އެ އެވޯޑަކީ ރާއްޖެއަށް އަނެއްކާ ވެސް ލިބުނު ކާމިޔާބެކެވެ. އަދި އެފަދަ އެވޯޑްތަކުގެ ސަބަބުން ޓޫރިސްޓުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވެގެން ދާނެ އެވެ. އަދި އެފަދަ އެވޯޑްތައް ރާއްޖެއަށް ހޯދައިދިނުމުގައި އެމްއެމްޕީއާރުސީގެ ދައުރު ފާހަގަކޮށް މިނިސްޓަރު ވަނީ އެ ކުންފުނީގެ ޓީމުން ކުރާ މަސައްކަތަށް ޝުކުރު ދައްނަވައިފަ އެވެ.

މީގެ ކުރިން ރާއްޖެއަށް ލިބިފައިވާ މަޝްހޫރު އެވޯޑުތަކުގެ ތެރޭގައި ވޯލްޑް ޓްރެވަލް އެވޯޑާއި ސެވަން ސްޓާ ލަގްޒަރީ އެވޯޑު ހިމެނެ އެވެ. މީގެ މަޝްހޫރު ބުކިން ވެބްސައިޓް ޓްރިޕް އެޑަވައިޒާގެ ގިނަ އެވޯޑުތަކެއްވެސް ލިބިފައިވެ އެވެ.

ރާއްޖެއަށް މި އަހަރުވެސް ގިނަ އެވޯޑުތަކެއް ލިބިފައިވެ އެވެ. މި އަހަރު ބާލީންގައި ބޭއްވި އައިޓީބީ ފެއާގެ އެވޯޑެއްވެސް ރާއްޖެއަށް ލިބިފައިވެ އެވެ. މި ފެއާގެ ރާއްޖޭގެ ސްޓޭންޑަށް ތިން ވަނަ ވަނީ ލިބިފަ އެވެ.