ހަބަރު

ރިޝްވަތު ދޭން އުޅުމުގެ ތުހުމަތަށް މައުމޫން ފަޅީގެ މީހަކު ހައްޔަރުކޮށްފި

Apr 7, 2017
2

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ރިޝްވަތުގެ ފައިސާ ރައްކާކޮށްގެން ގެންގުޅުނު ކަމަށް ފުލުހުން ތުހުމަތު ކުރާ، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅީގެ އިސް މެންބަރެއް ކަމަށްވާ އިބްރާހިމް އަފްރާތު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.

އޭނާ މިރޭ ހައްޔަރު ކުރި އިރު، މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި ދިނުމަށް ފައިސާ ރައްކާކޮށްފައި ހުރި ކަމުގެ ތުހުމަތުގައި އޭނާގެ ގެ މއ. ގުލްޝަންކިނާރާގެ ފުލުހުން ރޭ ވަނީ ބަލައި ފާސްވެސް ކޮށްފަ އެވެ. ފުލުހުން އޭނާ މިރޭ ހައްޔަރުކޮށް ފުލުހުންގެ އިދާރާއަށް ގެނެސްފައި ވަނީ ފުލުހުން ތަހުގީގު ކުރާ މައްސަލައެއްގައި ސުވާލުކޮށް މައުލޫމާތު ހޯދުމަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އިތުރު ތަފްސޫލެއް ނުދެ އެވެ.

ގުލްޝަންކިނާރާގެ ބަލައިފާސްކުރުމަށް ފުލުހުން ހޯދި އަމުރުގައިވާ ގޮތުގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ ރުހުން އޮތްތޯ ބެލުމަށް ނަގަން ތާވަލުކޮށްފައިވާ ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމަށް އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ސިޔާސީ ފަރާތްތަކަށް ފައިސާ ފޯރުކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަފްރާތު އަދާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ ފައިސާ އަފްރާތުގެ ގޭގައި ރައްކާކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މައްސަލައާ ގުޅުން ހުރި ހެކި ހޯދުމަށް އެގެ ބަލާ ފާސް ކުރަން ބޭނުންވާ ކަމަށް ކޯޓް އަމުރުގައިވެ އެވެ.

މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތަަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.