ހަބަރު

ކޯޓު އަމުރެއްގެ ދަށުން އަލީމްގެ ފޯނު ފުލުހުން އަތުލައިފި

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ރިޝްވަތުގެ ފައިސާ ރައްކާކޮށްގެން ގެންގުޅުނު ކަމަށް ފުލުހުން ތުހުމަތު ކުރާ މައްސަަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަންގެ ސެކްޓްރީ ޖެނެރަލް އަބްދުލް އަލީމްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަތުލައިފި އެވެ.

އަލީމްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ބަހަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅޭ ހެކި ހޯދުމަށް ކަމަށެވެ.

މި އަމުރުގައި އަލީމްގެ ފޯނުން ކޮށްފައިވާ މުއާމަލާތްތައް ބެލުމަށް ފޯނުގެ ޕާސްވޯޑްތަކާއި ލޮކް ކޯޑްތައް އަދި ފިންގަޕްރިންޓް ދިނުމަށްވެސް އަމުރުކޮށްފައިވެ އެވެ.

މީގެ އިތުރުން ފުލުހުން މިރޭވަނީ އަލީމް ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސް ކޮށްފަ އެވެ. އެގެއިން އެެއްވެސް އެއްޗެއް ފުލުހުން ނުގެންދެ އެވެ. އަދި އަލީމް ވަނީ ފުލުހުންނާއެކު ފުލުސް އިދާރާއަށް ގޮސްފަ އެވެ. އޭނާ ހައްޔަރު ކުރީކަމެއް އަދި ސާފެއް ނުވެ އެވެ.

އަލީމްގެ ފޯނު މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އެމައްސަލައިގައި ރައީސް މައުމޫންފަޅީގެ އިސް މެންބަރެއް ކަމަށްވާ އިބްރާހިމް އަފްރާތުވެސް މިރޭ ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އަފްރާތުގެ ފޯނު އަތުލުމަށްފަހު އޭނާ މިހާރުވަނީ ދޫކޮށްލާފަ އެވެ.