ހަބަރު

ގިނަ މުދަލާ އެކު ކާށިދޫ ކައިރިއަށް ދޯންޏެއް އަޑިއަށް ގޮސްފި

Apr 8, 2017

މުދާބަރުކޮށްގެން މާލެއިން ށ. ފުނަދުއަށް ދަތުރުކުރި ދޯންޏެއް މުދަލާ އެކު އަޑިއަށް ގޮސްފި އެވެ.

ބޮޑު މިނުގައި 70 ފޫޓް ހުންނަ މި ދޯނި މުދަލާ އެކު މިއަދު ހަވީރުގެ ވަގުތެއްގައި އަޑިއަށް ދިޔައިރު އޭގައި ހަތަރު މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެހެން ނަމަވެސް އޭގެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި މިހާރު ވަނީ ސަލާމަތްކޮށްފަ އެވެ.

އެ ދޯނި އަޑިއަށް ދިޔައީ، ކާށިދޫގެ 12 ނޯޓިކަލް މޭލު ހުޅަނގަށެވެ. އެމްއެންޑީއެފް އިން ބުނީ އެ ދޯނި އަޑިއަށް ދިޔައީ އާދަޔާ ހިލާފަށް ދިޔަވެގެން ކަމަށެވެ. އަދި އެ ދޯނި އެހާ ބޮޑަށް ދިޔަވި ސަބަބެއް ނޭނގޭ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ދޯނި ކާށިދުއަށް ގެންދެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ދޯންޏާއި އޭގެ ބައެއް މުދާ އެ ސަރަހައްދުން އޮޔާ ދާތީ ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.