ހަބަރު

ރައުދާ މަރުވި ރޭ ލޯބިވެރިޔާއާ ދެމެދު ހޫނު ޒުވާބެއް

Apr 8, 2017
13

ބަންގްލަދޭޝްގައި ދަންޖެހިފައި ހުއްޓާ ފެނުނު ދިވެހި މޮޑެލް ރައުދާ އާތިފް މަރުވި ކަމަށް ބެލެވޭ ރޭ އޭނާގެ ލޯބިވެރިޔާއާ ދެމެދު މައްސަލަ ޖެހި، ދެ މީހުންގެ ދޭތެރޭގައި ހޫނު ޒުވާބުތަކެއް ހިނގާފައިވާކަން ހާމަވެއްޖެ އެވެ.

ރައުދާގެ ފޯނު ދިވެހި ފުލުހުން ހުޅުވުމަށް ފަހު އޭގެއިން ހޯދި ބައެއް މައުލޫމާތުތައް ބަންގްލަދޭޝްގެ ފުލުުހުން އެ ގައުމުގެ "ދަ ޑެއިލީ ސްޓާ" ނޫހާ ހިއްސާ ކުރަމުން ބުނެފައި ވަނީ ރައުދާގެ ލޯބިވެރިޔާގެ އަމަލުތައް ހުރި ގޮތުން އެކަމާ މެދު ރައުދާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި މާޔޫސްވެގެން ވަރަށް ގިނަ މެސެޖްތަކެއް ލޯބިވެރިޔާއަށް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ރައުދާ މަރުވެފައި ހުއްޓާ ފެނުނީ 29 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތެއްގައި އޭނާ ދިރިއުޅެމުން އައި ކޮލެޖްގެ ހޮސްޓެލްގެ ކޮޓަރީގެ ތެރެއިންނެވެ.

ބަންގްލަދޭޝްގައި ހުރި ރައުދާގެ ބައްޕަ ވެސް ބުނެފައި ވަނީ ރައުދާގެ ފޯނުން ފެނުނު ބައެއް މައުލޫމާތުތައް ފުލުހުން އޭނާއަށް ދެއްކި ކަމަށާއި އެ މައުލޫމާތުތަކުން ވެސް ރައުދާ އެރޭ ހުރީ ވަރަށް ބޮޑަށް ރުޅި އައިސް ހިތްހަމަ ނުޖެހިފައިކަން އެނގޭ ކަމަށެވެ. އެހެން ނަމަވެސް އެއީ އާދަޔާހިލާފު ވާހަކަތަކެއް ނޫން ކަމަށާއި އެފަދަ ކަންކަމާ ކުރިމަތިލުމުގެ ގާބިލްކަން އޭނާގެ ދަރިފުޅުގެ ގައިގާ ހުންނާނެ ކަމަށް ބައްޕަ ވަނީ ބުނެފަ އެވެ.

އާއިލާއިން ތުހުމަތު ކުރަނީ ބަޔަކު ރާވައިގެން ރައުދާ މަރާލުމަށް ފަހު ދަންޖެހުނު ކަމަށް ދައްކަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އޮޓޯޕްސީ ރިޕޯޓްގައި ބުނެފައި ވަނީ ރައުދާ ދަންޖެހިގެން މަރުވި ކަމަށެވެ. ނަމަވެސް އާއިލާއިން ބުނެފައި ވަނީ އޮޓޯޕްސީ ރިޕޯޓް އޮޅުވާލާފައިވާ ކަމަށެވެ.

ރައުދާގެ ތަހުގީގަށް ބަންގްލަދޭޝްއަށް ދިޔަ ދިވެހި ދެ ފުލުހުން ވެސް މިހާރު ވަނީ ތަހުގީގު ނިންމައި އެ ގައުމުން އެނބުރި އައިސްފަ އެވެ. އެ ޓީމްގައި އިސްކޮށް ހުންނެވި ޗީފް ސްޕްރިޓެންޑެންޓް އަބްދުﷲ ރިޔާޒު ބަންގްލަދޭޝްއިން ފުރުމުގެ ކުރިން ވެރިރަށް ޑާކާ އެއާޕޯޓްގައި ހުންނަވައި ދަ ޑެއިލީ ސްޓާ ނޫހަށް ވިދާޅުވީ ރައުދާގެ ފޯނުން ހޯދުނު މުއާމަލާތްތަކަކީ އޭނާގެ ތަހުގީގަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށެވެ. އަދި އެ މައުލޫމާތުތައް ބަންގްލަދޭޝްގެ ފުލުހުން ހާމަ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ފުލުހުން ބުނެފައި ވަނީ ރައުދާގެ ފޯނާއި ލެޕްޓޮޕުން ހޯދުނު މައުލޫމާތުތައް އިތުރަށް އެނަލައިޒް ކުރުމަށް ޑާކާގައި ހުންނަ އެ ގައުމުގެ ސީއައިޑީ ފުލުހުންގެ ލެބޯޓްރީއަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި ތަހުލީލުތަކަށް ފަހު އިތުރު މައުލޫމާތު އާންމު ކުރާނެ ކަމަށް ވެސް އެ ގައުމުގެ ފުލުހުން ވަނީ ޑެއިލީ ސްޓާ ނޫހުގައި ބުނެފަ އެވެ.

ރައުދާ ކިޔަވަމުން އައި އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖްގައި ދިވެހި ހަތަރު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ކިޔަވަމުން އާދެ އެވެ. އެކުދިންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ރިޔާޒްއާ ސުވާލުކުރުމުން ވިދާޅުވެފައި ވަނީ، އެ ކޮލެޖްގައި ތިބި ދިވެހި ކުދިންގެ ރައްކާތެރިކަމާއި ކޮލެޖާ ގުޅޭ ގޮތުން އެކުދިންގެ ފަރާތުން ހާސްކަމެއް އަދި ކަންބޮޑުވުމެއް ފާހަގަވެފައި ނެތް ކަމަށެވެ.