ހަބަރު

ކުނޫޒު ކުރިމަތީގައި އޮންނަ މަގު ހަދަން ފަށައިފި

Apr 8, 2017
1

ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކަމަށްވާ މ. ކުނޫޒް ކުރިމަތީ އޮންނަ ފަނޑިޔާރު މަގު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ރޭ ފަށައިިފި އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ހުސައިން ވިދާޅުވީ، މަޖީދީމަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ހައުސިން މިނިސްޓްރީން ފަށާފައިވާ މަސައްކަތުގެ ދަށުން ފަނޑިޔާރު މަގު ހަދަން ކުރިންވެސް ނިންމާފައިވާ ކަމަށެވެ. އަދި މަޖީދީ މަގުގެ އެ ހިސާބު އަލުން މަރާމާތު ކުރިއިރު ފަނޑިޔާރު މަގުގެ މަސައްކަތް ނުކުރީ ޓްރެފިކް މައްސަލަތަކެއް ދިމާވާނެތީ ކަމަށެވެ.

ފަނޑިޔާރު މަގަކީ މަޖީދި މަގާއި ގުޅިފައިވާ މަގަކަށް ވާތީ މަގުގެ އެއްބައި ހަދާފައި ނިންމާނުލެވޭނެތީ އެ މަގުހެދުމުގެ މަސައްކަތް ކުރަން ކުރިން ނިންމާފައިވާ ަކަމަށެވެ. އަދި އެ މަގު ހަދަން ވަކި ސީދާ ތާރީހެއް ކަނޑައަޅާފައި ނުވާނެ ކަމަށް ފަޒާލް ވިދާޅުވި އެވެ.

ފަނޑިޔާރު މަގު ހެދުމުގެ ފަށާފައިވަނީ ރޭ ހަތް ގަޑި ބައިކަން ހާއިރު އެވެ. މަޖީދީ މަގު އަލުން ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ގެންދަނީ ސެގްމަންޓް ފަހެއްގެ މަސައްކަތެވެ. އެއީ މަޖީދީ މަގު ރެޑްވޭވް ހުންނަ ސަރަހައްދެވެ. މަޖީދީ މަގު އަލުން ހެދުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ނުވަ ސެގްމަންޓަކަށް ބަހާލައިގެންނެވެ.