ވިޔަފާރި

ޖަޕާނު މެރިން ޑައިވް ފެއާގައި ރާއްޖޭން ބައިވެރިވެއްޖެ

Apr 8, 2017

ޖަޕާނުގައި ބާއްވާ، މެރިން ޑައިވް ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޮޕަރޭޝަން (އެމްްއެމްޕީއާރުސީ) ގެ ބައިވެރިވުމާއެކު ރާއްޖޭން ބައިވެރިވެއްޖެ އެވެ.

ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާ، އެމްއެމްޕީއާރުސީން ބުނީ މިމަހުގެ 7-9 އަށް ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި ބާއްވާ މި ފެއާގައި ރާއްޖޭގެ ގިނަ ކުންފުނިތަކުން ބައިވެރިވާ ކަމަށެވެ. މި ފެއާ ކުރިއަށްދާއިރު، ރާއްޖޭގެ ޑެލިގޭޓާ ރާއްޖޭން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފު ވަނީ ބައްދަލު ކުރައްވާފަ އެވެ.

މެރިން ޑައިވް ފެއާ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއްވެސް ދަނީ ދެމުންނެވެ.

މެރިން ޑައިވް ފެއާއަކީ ފީނުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި ދުނިޔޭގައި ބާއްވާ އެންމެ މަޝްހޫރު އެއް ފެއާ އެވެ. މި ފެއާގައި ދުނިޔޭގެ 50 ގައުމަކުން 200 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެ އެވެ. އަދި މި ފެއާއަށް މިދިޔަ އަހަރު ވެސް ބައިލައްކައެއްހާ މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.

މި ފެއާ ބާއްވާ ޖަޕާނަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 39،894 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.