ކޮލަމް

އަސްލު އިސްމާއިލް ހިލްއަތު ރަޝީދަކީ "ސަޅި" މީހެއް!

Mar 28, 2015
9

ސެޕްޓެމްބަރު 24، 2003: "ކައެ، ހިރިގާ ގާތުގައި ބުނޭ ތަޅުދަނޑި ފައްޗާ ޕްރެސް ކާޑް އޮންނާނޭ މޭޒުގެ ވަތްގަނޑުގައި" މެންދުރު ފަހު ތިނެއް ވެސް ޖަހާފައި ވަނިކޮށް އޮފީހުން ނުކުންނަމުން އެ ދުވަސްވަރު އެންމެންގެ ސަމާލުކަމާއި ލޯބި ހޯދި ނޫސްވެރިޔާ އަޅުގަނޑާ ދިމާއަށް ބުންޏެވެ. އެއީ މީގެ 11 އަހަރާ ހަމަހާއި ތިން ދުވަސް ކުރި އެވެ. މިދިއަ ދިގު މުއްދަތުގައި އޭނާވެފައި ވަނީ ދިވެހިން ވަރަށް ރުޅި އަންނަ ނުރުހޭ މީހަކަށެވެ. އެގާރަ އަހަރުވީ އެ ދުވަސްތައް ނިމުމަކަށް ގެންނަ ބޭނުންވާ ކަމުގެ ހަބަރު އޭނާ އިއުލާން ކުރީ މިދިއަ ބުރާސްފަތި ދުވަހު އެވެ. އެހަބަރު ފުރަތަމަ ދިނީ ވެސް އަޅުގަނޑަށެވެ. "އަހަރެން މުޅީން ބަދަލުވެ ތައުބާ ވެއްޖައިމޭ" ބުނަމުންނެވެ.

އެންމެނަށްވެސް ހިލްއަތު އެނގެ އެވެ. ވަރަށް މަޝްހޫރެވެ. އެހާ ރުޅި އާދެ އެވެ. އެކަމަކު އަސްލު ހިލްއަތު، ނުވަތަ އިސްމާއީލް ހިލްއަތު ރަޝީދު އެނގޭނީ ވަރަށް މަދު މީހަކަށެވެ. ގާތުން އޭނާ ދަންނަ ވަރަށް މަދު މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނެ އެވެ. އެކުގައި ގާތްގަނޑަކަށް ހަތް އަހަރު އުޅެވިފައި ވާތީ އެވެ.

ނަވަރާސަތޭކަ ނުވަދިހަ ހަތްވަނަ އަހަރު އަޅުގަނޑު އާފަތިހުން ހަވީރަށް ބަދަލުވެއްޖައިމެވެ. ހަވީރުން އަޅުގަނޑަށް މަރުހަބާކީ ނޫސްވެރިންގެ ތެރޭގައި ހިލްއަތު ހިމެނެ އެވެ. އޭގެ ކުރިން ވެސް އަޅުގަނޑު ހިލްއަތު ދަންނަމެވެ. އެއީ ރައީސް މައުމޫންގެ ބައެއް ސްޕީޗްތައް އިނގިރޭސި ބަހުން ލިޔާ ޒުވާނާގެ ގޮތުއެވެ. ރައީސް މައުމޫނު އެންމެ ވިދާލި ބާލިން އާތު ސަމިޓްގެ އާދަޔާހިލާފު ތަގުރީރު ފަދަ އެތައް ތަގުރީރެއް ލިޔެފައި ވަނީ ހިލްއަތުގެ ގަލަމުންނެވެ. ރައީސް އޮފީސް ދޫކޮށް ނޫސްވެރިއެއްގެ ފައިވާނުގައި އޭނާ ފެނުމުން އަޅުގަނޑު ހައިރާންވި އެވެ.

އެ ދުވަހުން ފެށިގެން ހަވީރުގެ ތެރެއިން އަޅުގަނޑު ބެލީ ދެމީހެއްގެ ހިޔަނީގައި ހިނގާށެވެ. އެއީ ހިލްއަތާއި މުހައްމަދު ޝަހީބެވެ. ނޫސްވެރިކަމުގައި އަޅުގަނޑު މުންޑޫ އާދަމް ހަލީމަކަށްވީ އެ ދެމީހުންގެ މަސައްކަތުންނެވެ. އެކަމަކު އެ ދެމީހުން ކަހަލަ ނޫސްވެރިޔަކަށް އަޅުގަނޑަކަށް ދުވަހަކުވެސް ނުވެވޭނެ އެވެ. އަޅުގަނޑުގެ ނަޒަރުގައި އެއީ މިޒަމާނުގެ ނޫސްވެރިކަމުގައި ރާއްޖެ ދުށް އެންމެ އާދަޔާހިލާފު ދެ ނޫސްވެރިންނެވެ.

ނޫސްވެެރިކަމުގައި އަޅުގަނޑަށް ލިބުނު ކުރިއެރުމުގެ އިތުރަށް ހަރުދަނާ ވަރަށް ގިނަ ކަންތައްތަކެއް ވެސް ހިއްތުގެ ކިބައިން ދަސްވި އެވެ. ފުރަތަމަ ކަމަކީ ވަގުތު ޖެހުމުން ނަމާދަށްދާން އާދަވުމެވެ. ހިއްތުއަކީ ފަސްވަގުތު ނާޅާ ނަމާދު ކޮށް ހަފުތާގެ ވަރަށް ގިނަ ދުވަހު ރޯދަ ހިފި ޒުވާނެކެވެ. މީގެ އިތުރުން ދާ ތަނަކަށް ގަޑި ނުޖެހި ދިއުމަށާއި އެހެން މީހުންނަށާއި ދިރޭ ތަކެއްޗަށް އިހުތިރާމް ކުރަން އޭނާ ދަސްކޮށްދިނެވެ. އެއްޗެއް ބުނަންވާ ތަނުގައި ނުބުނެ ނުހުންނަން ބުނެދިނެވެ. ދިރިއުޅުމުގައި އޮއި ފަހިކޮށް ދާ މީހަކަށް ވުމުގެ ބަދަލުގައި އޮޔާ ދެކޮޅަށް ރާޅު ފަޅާފައި ދާންޖެހޭ ވަގުތަށް ވެސް ތައްޔާރުވެގެން ހުރުމަށް ބުނެދިނެވެ. ޗުއްޓީ ނަގަށާއި އަމިއްލަ ނަފުސުގެ ތަރައްގީއަށްޓަކައި ޒަމާން ފަހަތުން ލޯ ހުޅުވައިގެން ދުވާން ދަސްކޮށްދިނެވެ.

އަހަރެމެން ހީނ، ސަކަރާތް ގަނެ ސަމާސާކޮށް، އަންހެން ކުދިންގެ ވާހަކަ ދައްކައި އުޅުނީ އެކީގަ އެވެ. ހަވީރުގެ މުޅި އާއިލާ މީހުނާ އިން އިރުވެސް އަހަރެމެން ދެމީހުން މީހުނާ ނުއިނދެ އުޅޭތީ އަހަރެމެން ދެމީހުންނަކީ "ސައިކުރާ ނައީމަކަށް" ވެދާނެ ކަމަށް ވެސް އޭރު ސަމާސާގެ ތެރޭގައި ކިޔައި އުޅުނެވެ. އަވަސް އަރުވާލައިގެން ފުރަތަމަ ކައިވެނި ކުރަންޖެހުނީ ވެސް އެކަމަކާ ވި އުނދަގުލުންނެވެ.

އަޅުގަނޑުމެން ނަމާދަށް ގޮސް އުޅުނީވެސް މުޅީން އެކީގައެވެ. ގިނަ ދުވަސް ދުވަހު ސަވާބު ގިނަވާނެއޭ ބުނަމުން ހިނގާފައި ވީހާވެސް ދުރު މިސްކިތްތަކަށް ގޮސް އުޅުނީމު އެވެ. ހަވީރާ އިންވެގެން ފުރުގާން މިސްކިތް ހުއްޓަ އެވެ. ހަމަ އެއްވެސް ނަމާދެއް ވައްޓައެއް ނުލަމު އެވެ. އޭގެ ގްރޫޕެއް ހަވީރުގައި އޮވެ އެވެ. ޝަހީބާއި ހަސަން އާމިރާއި އަޅުގަނޑާ ހިއްތު އެވެ. ދެން މޫސަ އެވެ.

ހަވީރުގައި މަގާމުތަކުގެ ހަރުގަނޑުން އެރޭނީ ވަރަށް މަސައްކަތުންނެވެ. އެކަމަކު ހިއްތުއަކަށް އެކަން މާ ބޮޑު ކަމަކަށް ނުވި އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެންމެ މަގުބޫލް ނޫސްވެރިޔާއަށްވި އެވެ. އޭނާގެ ލިޔުންތަކާއި ކްރިޓްކްސް ކިޔާ ހިތުން މީހުން އަބަދު އިންތިޒާރު ކުރި އެވެ. ހަވީރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ހޯދި އެވެ. ހިއްތުގެ ހިޔަނީގައި ހުއްޓަސް އަޅުގަނޑަކަށް އެ ލޯތްބެއް ނުހޯދުނެވެ. ބޯ ހަރު ކަމުން ކޮށައިލާން އެއްބަސް ނުވެވުނު ދިގު އިސްތަށިގަނޑާހެދި އެވެ. އެ އިސްތަށިގަނޑަކީ ބްރޭންޑެއް ކަމަށާއި "ޒާހިރު ވިދާޅުވިޔަސް ކޮށައިގެން ނުވާނޭ" އަޅުގަނޑުގާތުގައި ބުނީ ވެސް ހިއްތު އެވެ. އެ ދުވަސްވަރު ނޫސްވެރި ކަމުގައި އަޅުގަނޑު ފުރަތަމަ ފަހަރަށް ހައްޔަރު ކުރުމުން ދުނިޔޭގެ ނޫސްތަކަށާއި އޭޖެންސީތަކަށް އަޅުގަނޑުގެ ވާހަކަ ކިޔައި ދޭން، އަޅުގަނޑު މިނިވަން ކުރަންދެން ހިއްތު އުޅުނެވެ.

ހަވީރުގައި ހުރިހާ ގޮތަކުން ވެސް ހިއްތު ސީނީއާވެފައި އޭނާގެ ބާރު ގަދަ އެވެ. އެ ދުވަސްވަރު އެއް ދުވަހެއްގެ އަސުރު ނަމާދު ވަގުތުގައި އަޅުގަނޑާ ހިއްތު ސުވާލު ކުރެއެވެ. "ކައެ، ނަމާދު ވަގުތު ޖެހުމުން ނަމާދަށް ނުގޮސް އޮފީހުގައި ކުރަނީ ކީއްހެއްޔެ" ވެ. ސޮފުހާ ނިންމަނީ ކަމަށް ބުނުމުން "ނަމާދަށް ނުގޮސް ތިކަން ނުކުރިޔަސް އެންމެ ރަނގަޅޭ" ބުނެ އެދުވަހު އަޅުގަނޑު ފޮނުވާލި އެވެ. ދެވަނަ ދުވަހު އަޅުގަނޑު އޮފީހަށް ނެރެ ނަމާދާ ދުރު ނުވުމުމަށާއި ނަމާދު އަޅާފައި ކުރާ މަސައްކަތުގައި ކާމިޔާބެއް ނެތް ކަމަށް ވެސް ބުންޏެވެ.

ހިލްއަތު އަރައިގެން ދިޔައީ ރާއްޖޭގެ އެންމެ މަޝްހޫރު ނޫސްވެރިޔާއަށް ވެގެނެވެ. މެލޭޝިޔާގައި އިތުރަށް ކިޔަވާނެ އޭނާއަށް ފުރުސަތު ތަނަވަސް ވެގެން އައީ އެހިސާބުންނެވެ. މެލޭޝިޔާގައި ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރި ދުވަސްވަރު އެއްފަހަރު ޗުއްޓީއެއްގައި އަތުވެއްޖެ އެވެ. އެފަހަރު ބޭއްވި ސީނިއާ ސްޓާފުންގެ ބައްދަލުވުމެއްގައި ހިއްތުގެ ކުުރިއެރުން ސިފަކޮށް ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން ވިދާޅުވީ "ހިލްއަތަކީ އަޅުގަނޑުގެ ދަރިއަކަށްވީ ނަމަ" އޭ އެވެ. އެއީ ތިމަން މަނިކުފާނު އެހާވެސް ލޯބިފުޅުވާ ކުއްޖެކޭވެސް ވިދާޅުވި އެވެ. ހިއްތު އިނީ އަޅުގަނޑުގެ ކުރިމަތީގަ އެވެ. އޭނާގެ ލޮލުން ކަރުނަ ހިލުނު މަންޒަރު އަހަރެމެން އެންމެނަށް ވެސް އެދުވަހު ފެނުނެވެ. އޭގެ ފަހުން އެއްކޮށް މާލެއައުމާއެކު ހިލްއަތުވީ ހަވީރުގެ އެކްޓިން އެޑިޓަރަށެވެ. އަޅުގަނޑުގެ ބޮހަކަށް ހިލްއަތުވުމާއެކު ދުރު ކަމެއް ވެސް އުފެދުނެވެ. އެކަމަކު އޭގެ އަޅުގަނޑުގެ އާ ހުނަރެއް ހިލްއަތު ޓެސްޓް ކުރުވި އެވެ. ވާހަކަ އާއި ތާރީހު ލިޔުއްވި އެވެ. ތާރީހީ ގޮތުން އަޅުގަނޑު ލިޔުނު އެ ލިޔުންތަކާއި އަޅުގަނޑު ލިޔުނު ކުރުވާހަކަތައް ވެސް މަޝްހޫރުވި އެވެ. އަޅުގަނޑުގެ ވާހަކަތައް ހަވީރުގައި ޖެހުން ހުއްޓުވައިލީ ވެސް ހިއްތު އެވެ. އެއީ އެ ވާހަކަތަކުގައި ހުރި އިސްލާމުންނާ ނުގުޅޭ އަދި "ސެކްސް" އަށް މަގު ފަހިވާ އިބާރާތްތައް އެޑިޓް ކުރަން އަޅުގަނޑު ދެކޮޅު ހެދުމުންނެވެ.

ހިއްތު އަކީ ވަރަށް ސާދާ މީހެކެވެ. ގޮތް ބޮޑެއް ނުވާނެ އެވެ. ކޮންމެ ތަނެއްގައި ކޮންމެ ހާލެއްގައިވެސް އުޅެވޭ މީހެކެވެ. ވަރަށް ރީތިކޮށް ހެދުން އަޅަ އެވެ. އޭނާގެ ތުނބުޅިއަކީ ހާއްސަ ތުނބުޅިއެކެވެ. ބުނަނީ އެއީ ޑެލްޕިއޭރޯ ސްޓައިލް ކަމަށެވެ. ޕެޓް ގެންގުޅޭ ހިތްވެއެވެ. ވަރަށް ގިނަ އަހަރުތައް ވަންދެން ހިއްތުއާ ވާހަކަ ދައްކާ އުޅުނު ދެ ގްރައެއްވެސް ގޭގައި ގެންގުޅުނެވެ. އޭގެ ތެރެއިން އެއް ގުރައަކީ އަޅުގަނޑާ ދެމީހުން ގޮސް ގަތް ގުރައެކެވެ. ވަރަށް ގިނައިން ފިލްމު ބަލަ އެވެ. ސިނަމާއަށް ދެ އެވެ. ލަވަ އަޑު އަހަ އެވެ. އަލީ ރަމީޒަކީ އޭނާގެ ފޭވަރިޓެވެ.

-- ޒަމާންތަކަކަށް ފަހު އިއްޔެ ހަވީރުން ފެށިގެން ރޭ އިރުއަރަން ދެން ހިއްތު އުޅުނީ އަޅުގަނޑާއެކު އެވެ. އެހުރިހާ ވަގުތަކުވެސް އޭނާ އެންމެ ގިނައިން ސުވާލު ކުރީ ހަވީރާ ބެހޭ ގޮތުންނެވެ. ޑރ. ޒާހިރާ ބެހޭ ގޮތުންނެވެ. ދެން ޝަހީބާ ބެހޭ ގޮތުންނެވެ. ވަރަށް ގިނަ އިރު ވިސްނަން އިނދެފައި ނޫސްވެރި ކަމުގައި ދެން "ދެވަނަ ޝަހީބެއް ނޫފުދޭނެ ދޯ" އޭ ބުނެފައި "އެންމެ މިސް ވަނީ ޝަހީބާއި ހިރިގާ އާއި އިސްމާއީލް ނަސީރާއި އެޑަމް" އޭ ބުނި އިރު ހިއްތުގެ ލޮލުން ކަރުނަ އެެވެ. މިހާ ދުވަސްކޮށްފައި ދިމާވި އިރުވެސް އެއް އާދައެއް އޭނާގެ ބަދަލު ނުވެ އެބަހުއްޓެވެ. އެއީ ކެއުމަށް ހުންނަ ފޯރި އެވެ. ރޭ ހަތަރު ދަމުހެން ހިއްތު އަހަރެންގެ އާއިލާއާއެކު ހަމަ ކެއީ އެވެ. ރޭ ފަތިހު ވަކިވެގެން ދިއުމުގެ ކުރިން އަހަރެމެން އެކުގައި ކުރިންވެސް ފިލްމު ބަލައި އުޅުނު ގޮތަށް ފިލްމު ބަލައި ހެދީމެވެ. ރޭ އަހަރެމެން ބެލީ ޑެންޒަލް ވޮޝިންޓަންގެ އީކްއަލައިޒާ އެވެ. ފިލްމު ބަލާ ނިމުމުން މީގެ 10 އަހަރު ކުރިން ވެސް އޭނާ ބުނާ ޖުމްލަ ބުންޏެވެ: "އޮބިނޯވޭ ދޯ" އެވެ. --

އަސްލު ހިލްއަތާއެކު، ކަން ދިމާ ކުރި ގޮތުން ހަވީރުގައި ހިލްއަތުގެ ދައުރު މާ ދިގެއް ނުވިއެެވެ. މަޝްހޫރު ސެޕްޓެމްބަރު 19 އަތުވެއްޖެ އެވެ. އެ ހާދިސާ އާއި 20 ވަނަ ދުވަހުގެ ބަޑިހެހި ހާދިސާ އޭނާ ބޭނުންވި ގޮތަކަށް ހަވީރުން ކަވަރެއް ވެސް ނުކުރި އެވެ. ނަތީޖާއަކަށްވީ ޑޭމް އެއް ފަޅައިގެން ދިއުމުން ފެންގަނޑު ބަނޑުވި ފަދައިން ހިލްއަތުގެ ހިތުގެ އެތެރޭގައި ހުރި ހުރިހާ ޝުއޫރެއް ބަންޑުންކޮށްލައި ހަވީރުން އިސްތިއުފާ ދީފައި ނުކުމެގެންދިޔައީ އެވެ.

ދިމަ ދިމާއިން އިވެން ފެށީ ރައީސް މައުމޫންގެ ސަރުކާރާއި ދެކޮޅަށް ހިލްއަތު އަޑު އުފުލާ ވާހަކަ އާއި އެއްޖިންސުން ޖިންސީ ގުޅުން ހިންގަން ޝައުގުވެރިވާ ވާހަކަ އާއި މަސްތުވާތަކެތި ބޭނުން ކުރާ ވާހަކަ އާއި އިސްލާމްދީން ގަބޫލު ނުކުރާ ވާހަކަ އާއި ދީނީ މިނިވަންކަން ހޯދައިދޭން ހިލްއަތު މަސައްކަތް ކުރާ ވާހަކައެވެ. އެހިސާބުން އަޅުގަނޑާ ހިލްއަތާ ދެމެދު އޮތް ގާތްކަމަަށް ނިމުން އައީ އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލުގަ އާއި ރިހެބުގައި ހުރުމަށްފަހު ވެސް ހިލްއަތު ހަވީރާ ގުޅުނެވެ. ނަމަވެސް ދެ ހަފުތާއެއް ދުވަހުގެ ތެރޭގައި އަނެއްކާވެސް ހިލްއަތު ބަސްޓްވީ އެވެ. އަދި އޭގެ ފަހުން ދީނީ މިނިވަން ކަމަށް ފާޅުގާ ގޮވާލި އެވެ. އޭގެ ތެރެއިން އައި އެތެއް ކަމަކާހުރު ހިލްއަތު މަރާލަން ދިން ނުރަކާތެރި ހަމައަލައިގެ ޒަހަމްތަކަށް ފަރުވާ ހޯދަން ސްރީލަންކާއަށް ގެންދެވުނު ގޮތަށް މިދިއަ ބުރާސްފަތި ދުވަހާ ހަމައަށް ހިލްއަތު ސްރީލަންކާގައ ކުރީ ކީއްކަން އެންމެނަށް އެނގެ އެވެ. އެކަމަކު ނޭނގޭނީ އެކަން އެހެން ދިމާވި ސަބަބެވެ. އަދި އޭނާ ބަދަލުވި ގޮތެވެ. އަލުން ތައުބާވާން މެދުވެވެރި ސަބަބެވެ. ނަސީބު ކަންދިމާ ކުރި ގޮތުން އެހުރިހާ ވާހަކައެެއް ހުރިހާ ފަހަރެއްގައިވެސް އޭނާ ކިޔައިދިން ހަމައެކެނި މީހަކީ އަޅުގަނޑެވެ. އަސްލު ހިއްތުއަކީ ސަޅި މީހެކެވެ. މޮޅު މީހެކެވެ. ބޮޑު ގޯހެއް ހެދުނީ އެވެ. އޭނާ މިހާރު އެބުނާ ގޮތަށް ބަދަލުވެއްޖެކަން އޭނާ އަމަލުން ކަށަވަރު ކޮށްދޭނެ ނަމަ އެވެ.