ކުޅިވަރު

އިންޑިއާ ތަފާތު ބޮޑުކުރަނީ، ރާއްޖެ އޮތީ ކިހާ ހިސާބެއްގައި؟

Apr 8, 2017
2

އެންމެ ފަހުން ނެރުނު ފީފާ ވޯލްޑް ރޭންކިންގައި ދިވެހިރާއްޖެ ވަނީ 11 ދަރަޖަ ވެއްޓިފަ އެވެ. ސަރަހައްދީ ގޮތުން ދިވެހިރާއްޖެއާ އެންމެ ވާދަވެރި އިންޑިއާ ވަނީ އެންމެ ފަހުގެ ފީފާ ރޭންކިންގައި 33 ދަރަޖަ ކުރިއަށް ޖެހި، ރޭންކިންގެ 101 ވަނަ އަށް އަރައިފަ އެވެ. އިންޑިއާ އަކީ މި ވަގުތު އޭޝިއާގެ 11 ވަނަ އެވެ. އެ ގައުމު އޮތީ ރޭންކިންގައި އޮމާން އާއި އުތުރު ކޮރެއާ އާއި ތައިލޭންޑް އަދި އިރާގަށްވުރެ ކުރީގަ އެވެ. ރޭންކިންގައި އިންޑިއާ އިން މި ހޯދި ކުރިއެރުން އެ ގައުމުން ވަރަށް ބޮޑަށް ފާހަގަކުރެ އެވެ. އޭޝިއާގެ ގަދަ ބާރުތަކާ ގޮންޖަހާލުމަށް އިންޑިއާ އިން ކުރަމުންދާ މަސައްކަތުގައި މިއީ އިންޑިއާ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

އިންޑިއާގެ ވިސްނުން މިހާރު ހުރީ ސާކް ސަރަހައްދުގެ ފުޓްބޯޅައަކަށް ނޫނެވެ. ސަރަހައްދީ މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ އިންޑިއާ ގަބޫލްކުރާ ގޮތުގައި ސަރަހައްދީ ފުޓްބޯޅަ އަށް ވިސްނައިގެން އެ ގައުމަށް އިތުރު ކުރިއެރުމެއް ނެތެވެ. އިތުރު ކުރިއެރުން ލިބޭނީ ސާކް ސަރަހަައްދުގައި އޮތް ގައުމުތަކަށްވުރެ ވަރުގަދަ ގައުމުތަކާ ވާދަކޮށްގެނެވެ. އިންޑިއާގެ މި ވަގުތު އަމާޒު ހިފާފައިހުރީ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. ދުރު ވިސްނުމުގައި އޮތީ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުންމީދެވެ.

އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނި ގޮތުގައި އިންޑިއާގެ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕަށް ހުރިހާ ސަމާލުކަމެއް ދީގެން އެ ގައުމަށް މި ވަގުތު ލިބޭނެ ކުރިއެރުމެއް ނެތް ކަމަށެވެ.

"އަހަރެމެން އަމާޒަކީ ދެން ކޮންމެ ފަހަރަކު ވެސް އޭޝިއަން ކަޕަށް ކޮލިފައިވުން. އަހަރެމެންގެ ފެންވަރު ކަނޑައަޅަން ވާނީ އެކަމުން. އޭޝިއަން ކަޕްގައި މި ކުޅެނީ އޭޝިއާ ބައްރުގެ އެންމެ ވަރުގަދަ ގައުމުތައް. އަހަރެމެންނަށް ކުރިއެރުން ލިބޭނީ މި ފެންވަރުގެ މުބާރާތްތަކުގައި ކުޅެގެން،" އޭއެފްސީ ކަޕްގެ މެޗަކަށް ބެންގަލޫރު އެފްސީއާއެކު މިދިޔަ ހަފުތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ޗެތުރީ ބުންޏެވެ. "ސާކްގެ ގައުމުތަކަށް އަހަރެމެން އިހުތިރާމްކުރަން. އެކަމަކު މިހާރު އަހަރަމެންނަށް ކުރިއަށް ދެވޭނީ ސާފް ޗެމްޕިއަންޝިޕަށްވުރެ ވަރުގަދަ މުބާރާތްތަކަށް އިސްކަންދީގެން."

އިންޑިއާ އިން އެ ގައުމުގެ ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތްކުރަމުންދަނީ ވަރުގަދަ ޕްލޭނެއްގެ ދަށުންނެވެ. ފީފާ އާއި އޭއެފްސީން އޮތީ އެ މަަސައްކަތަށް އެހީވުމަށް ތައްޔާރަށެވެ. އިންޑިއާ ފަދަ އާބާދީ ބޮޑު ގައުމެއްގައި ފުޓްބޯޅައިގެ ފޯރި ހިފައިފި ނަމަ، ލިބޭނެ ފައިދާ އޭއެފްސީ އާއި ފީފާ އަށް އެނގެ އެވެ.

ސަަރަހައްދީ ގައުމުތަކުގެ ތެރެއިން އިންޑިއާއާ އެންމެ ވާދަވެރި ގައުމެއްގެ ގޮތުގައި އޮތީ ދިވެހިރާއްޖެ އެވެ. އިންޑިއާ އާއި ދިވެހިރާއްޖޭގެ ކުރިމަތިލުންތަކުގައި އިންޑިއާ އަށް ގިނަ ފަހަރު ކުރިއެރުން ލިބުނު ނަމަވެސް، ރާއްޖެ ބަލިކުރުމަކީ މިހާރު އިންޑިއާ އަށް އެހާ ފަސޭހަކަމެއް ނޫނެވެ. އެކަމަކު ފުޓްބޯޅަ ކުރިއެރުވުމަށް ދެ ގައުމުން ކުރަމުންދާ މަސައްކަތަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި ރާއްޖެ އަަށް އަތުނުވާ ހިސާބަށް އިންޑިއާގެ ފުޓްބޯޅަ ކުރިއަރައިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.

ދިވެހިރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންނަށް ހަމަޖެހުމެއް ނުލިބި، ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ހޭދަކުރުމަށް ފަހު، އެފްއޭއެމްގެ ރައީސްގެ މަގާމަށް ބައްސާމް އަދީލް ޖަލީލް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވީ ފުޓްބޯޅަ އަށް އިތުރު ހަރުފަތަކަަށް ގެންގޮސްދޭނެ ކަމުގެ ވައުުދުވަމުންނެވެ. ބައްސާމްގެ ބައެއް ޕްލޭންތަކުގައި މިހާރު އަމަލީ ސިފަ ޖެހެން ފަށައިފި އެވެ. އެކަމަކު ބައެއް ކަންތައްތައް އަދިވެސް ފެންނަނީ ކުރިން ވެސް އޮތް ގޮތަށެވެ.

އޭޝިއަން ކަޕް ކޮލިފައިންނަށް އޭއެފްސީން ގެނައި ބަދަލާއެކު، ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ގައުމުތަކަށް ވެސް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުވެގެންދިޔަ އެވެ. އިންޑިއާ ފަދަ ގައުމުތަކުން މަސައްކަތްކުރަމުންދަނީ އެ ފުރުސަތުގެ ބޭނުން ހިފުމަށެވެ. އެކަމަކު އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗަށް ދިވެހިރާއްޖޭގެ ތައްޔާރީތައް ހުރިގޮތުން، ރާއްޖޭން އޭޝިއަން ކަޕް ކޮލިފައިންނަށް ދޭ ސަމާލުކަމާމެދު ސުވާލު އުފެދުނެވެ.

އެކުވެރިކަމުގެ މެޗެއް ނުކުޅެވުނު ކަމަށް އެފްއޭއެމް އިން ބުނީ އެޗް1 އެން1 ރޯގާ ފެތުރެން ފެށުމުންނެވެ. ގައުމީ ކޯޗު ވެސް ބުނީ މެޗެއް ނުކުޅެވުނީ އެހެންވެ ކަމަށެވެ. އެކަމާމެދު އެއްޗެއް ބުނެވޭކަށް ނެތެވެ. އެކަމަކު އޭގެ ކުރިން ވެސް، ސީދާ މެޗެއް ހަމަޖެހިފައިވާކަމެއް އެފްއޭއެމް އަކުން ނުބުނެ އެެވެ. އެޗް1 އެން1 ރޯގާ ފެތުރެމުންދާކަން ހާމަވެގެންދިޔައީ ކޮލިފައިން މެޗު ކައިރިވެފައިވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭން އުޅުނީ ސްރީލަންކާއާއެކު މެޗެއް ކުޅުމަށެވެ. ލަންކާއާ ކުޅެގެން، ރާއްޖެ އަށް މޮޅެއް ލިބުުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މޮޅެއް ލިބުމުން ސަޕޯޓަރުން ވެސް ހިތްހަަމަޖެހޭނެ އެވެ. އެކަަމަކު ކުރިއަރަން ބޭނުންވެއްޖެ ނަމަ، މިއީ މިހާރު ގެންގުޅެންޖެހޭ ވިސްނުމެއް ކަމަށް ގަބޫލެއް ނުކުރެ އެވެ. ބަލިވިޔަސް، ވަރުގަދަ ގައުމުތަކާ ދެކޮޅަށް މެޗުތައް ކުޅެންވީ އެވެ. ރާއްޖޭގެ ފުޓްބޯޯޅަ މިހާރު އޮތް ފެންވަރަށް ވެސް ދިޔައީ މެޗުތަކުން ބަލިވެގެނެވެ. އަވައްޓެރި ސްރީލަންކާ ވެސް ރާއްޖެ އަށްވުރެ ވަރުގަދަ ޒަމާނެއް ދިޔަ އެވެ. ދިވެހިންނަށް ކުރިއެރުން ލިބުނީ ތަފާތު ބޮޑު ނަތީޖާތަކުން ބަލިވެގެނެވެ.

"ބަލިވެދާނެތީ ބިރުން އުޅެގެން، މިހާރު ކުރިއެރުމެއް ނެތް. މޮޅެއް ލިބިދާނެ. އަވައްޓެރި އާދައިގެ ގައުމުތަކާ ކުޅެގެން އެތައް ބައިވަރު މޮޅެއް ލިބިދާނެ. އެކަމަކު އޭގެ އަހަރެމެންނަށް ކުރާނެ ފައިދާއެއް ނެތް. ކުރިއެރުން އޮތީ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ކުޅެގެން،" ފުރަތަމަ ޑިވިޝަންގެ ކުރީގެ ކޯޗެއް ބުންޏެވެ.

އިންޓަނޭޝަނަލް ފްރެންޑްލީ އެއް ނުލިބި، ވާދަވެރި މެޗުތަކަށް ނުކުންނަންޖެހުމަކީ ގައުމީ ޓީމާ ހަވާލުވި ކޯޗުން މީގެ ކުރިން ވެސް ކުރަމުންދިޔަ ޝަކުވާއެކެވެ. މި ފަހަރު ވެސް މި ދިމާވީ އެގޮތަށެވެ. އެކަމަކު މި ވަގުތު ގައުމީ ޓީމުގެ ކޯޗަކަށް ހުރި ޑެރަން ސްޓުވާޓް ބުނަނީ ޝަކުވާއެއް ނެތް ކަމަށެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި ފަލަސްތީން އަތުން 3-0 އިން ރާއްޖެ ބަލިވުމުގެ ޒިންމާ އުފުލަންޖެހޭނީ އޭނާ ކަމަށް ސްޓުވާޓް ބުންޏެވެ. އެފްއޭއެމްގެ އިސް ފަރާތްތަކާއި ކުޅުންތެރިން ޒިންމާވާން ނުޖެހޭ ކަމަށް އޭނާ ބުންޏެވެ.

ސްޓުވާޓް މިހެން ބުނި ނަމަވެސް، އެފްއޭއެމް އާއި ކުޅުންތެރިންގެ ޒިންމާ އެބައޮތެވެ. އަދި މި ފަހަރުގެ ހާލަތުގައި އެފްއޭއެމްގެ ޒިންމާ ވަަރަށް ބޮޑެވެ. މުހިންމު މެޗަކަށް ދިވެހިރާއްޖޭގެ ކުޅުންތެރިން ނިކުތީ ގަލޮޅު ދަނޑުގައި ދެކޮޅަށް ބޯޅަ ޖަހާލައިފަ އެވެ. މިކަމާ މެދު ސީރިއަސްކޮށް އުޅޭ ސަރަހައްދީ އެހެން ހުރިހާ ގައުމަކުން ވެސް ދުރާލާ ކޮލިފައިންނަށް ތައްޔާރުވެ، ކޮލިފައިންގެ ކުރިން އެކުވެރިކަމުގެ މެޗުތަކެއް ކުޅުނެވެ.

ފުޓްބޯޅައިގައި ކުރިއެރުން އޮޮތީ ވަރުގަދަ ޕްލޭނެއް އެކުލަވާލައި، އެކަމުގެ އަމަލީ ސިފަ ޖައްސައިގެނެވެ. ހަމައެކަނި ވާހަކަ އާއި ކަރުދާހުން ކުރިއެރުން ދައްކައިގެން، ކުރިއަށް ދެވޭކަށް ނެތެެވެ. އެފްއޭއެމް އިން ވަނީ ރަނގަޅު ހިޔާލުތަކާއި ޕްލޭންތައް ހިއްސާކޮށްފަ އެވެ. އެފްއޭއެމް އިން މިހާރު ޖެހެނީ އެ ވިސްނުންތަކާއި ޕްލޭންތަކަށް އަމަލީ ސިފާ ޖައްސާށެވެ.