ކުޅިވަރު

އޮލިމްޕިކް ކޮމިޓީއަށް 24 މިލިއަން ރުފިޔާގެ ބަޖެޓެއް

Apr 9, 2017

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ މިއަހަރުގެ ބަޖެޓްގެ ގޮތުގައި 24.7 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

ހޮޓެލް ޖެންގައި، މިއަދު ބޭއްވި، އެމްއޯސީގެ ކޮންގްރެސްގައި ހުށަހެޅި ބަޖެޓްގައި، 24.7 މިލިއަން ރުފިޔާގެ ހަރަދު ވާނެކަމަށް ލަފާ ކޮށްފައި ވީނަމަވެސް، އާމްދަނީ އަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނި 20 މިލިއަން ރުފިޔާ އެވެ. މާނައަކީ ގާތްގަޑަކަށް ފަސް މިލިއަން ރުފިޔާ ދަރަނި ވުމެވެ.

ފައިސާ ވަންނާނެ ކަމަށް، އެންމެ ބޮޑަށް ބެލެވޭ ދާއިރާ އަކީ، ގޭމްސްތަކަށް ލިބޭނެ ފައިސާއިން ނެވެ. އެއީ ގޭމްސްއަށް ލިބޭ 2.9 މިލިއަން ރުފިޔާ އެއީ ސަރުކާރުންނާއި، އިންޓަނޭޝަނަލް ކުރިވަރު އެސޯސިއޭޝަންތަކުންނެވެ.

ބަޖެޓްގައި، އެންމެ ބޮޑު ހަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ، ކުޅިވަރު ޕްރޮގްރާމް ތަކަށެވެ. ޖުމްލަ ނުވަ ދާއިރާއެއް ހިމެނޭ ގޮތަށް 22 މިލިއަން ރުފިޔާ ހޭދަ ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

ހިންގުމާއި އިދާރީ ހަރަދުތަކުގެ ދާއިރާއަށް 2.6 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މިއަހަރު 24 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރުމުން މިއީ މިދިޔަ އަހަރަށް ވުރެ ދެ ގުނަ އަށް ވުރެވެސް ބޮޑު ބަޖެޓެކެވެ. މިދިޔަ އަހަރު އެމްއޯސީއިން ހަރަދު ކޮށްފައި 9.7 މިލިއަން ރުފިޔާ އެވެ.