ކުޅިވަރު

އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް ޝަވީދު ކުރިމަތިލަނީ

Apr 8, 2017

ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ކުރިމަތި ލައްވާނެ ކަމަށް، އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ވެސް ރައީސް މުހައްމަދު ޝަވީދު އިއުލާން ކުރައްވައިފި އެވެ.

މިއަދު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އެނައުލް ކޮންގްރެސް ނިންމާލަމުން، ޝަވީދު ވިދާޅުވީ، އޭނާ ވިދާޅުވީ، އޭނާ އަށް ވޯޓް ދިނުމާއި ނުދިނުމަކީ އެސޯސިއޭޝަންތަކުގެ ކަމެއް ކަމަށާއި އޮލިމްޕިކް ކޮމިޓީގެ މިދިޔަ ހަތަރު އަހަރު ގެ ދައުރުގައި ކުރި މަސައްކަތަށް ބަލުމަށް އެދޭ ކަމަށެވެ.

އެސޯސިއޭޝަންތަކުގެ އެތޭރެގެ ކަންކަމުގެ ތެރެއަށް އޭނާ ވަންނަން ބޭނުންނުވާ ކަމަށެވެ.

"ބައެއް އެސޯސިއޭޝަންތަކުގެ ބޭފުޅުން އެބަ ވިދާޅުވޭ، ޝަވީދު އޭ، އިންތިހާބު ގައި ވޯޓް ދިނުމުގެ ޕްރޮކްސީވެސް ދީފަނަމޭ މިވެނި ކަމެއް ބަދަލު ކޮށްލާށޭ، އަޅުގަނޑު ދަންނަވާނީ މިތާންގަ އަލުގަނޑު ހަތަރު އަހަރު ސްޕެންޑް ކޮށްފިން ކުރީގައި ބައިވެރިވި މުބާރާތްތަކާއި، ބައިވެރިވި ޓްރެއިނިންތަކާއި، ލިބުނު ފެސިލިޓީ އާއި ލިބުނު ބަޖެޓް އެއް ޑިޖިޓްގައި ހުރެފައި ދެ ޑިޖިޓަކަށް ބަދަލުވި ގޮތާއި، މިހުރިހާ އެއްޗެއް ތިބޭފުޅުން ކަލްކިއުލޭޓް ކުރައްވާނީ،"

"އެއްގޮކަށްވެސް އެސޯސިއޭޝަންގެ އިންޓާނަލް ސިޔާސަތު އަޅުގަނޑުމެން ލައްވައި ކުޅުވައިގެން އަޅުގަނޑުމެން މަގާމަކަށް ގެންނާކަށް އަޅުގަނޑެއް ބޭނުމެއް ނުވޭ،" ޝަވީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެންމެ ފަހުން ބޭއްވި އެކްސްކޯ ބައްދަލުވުމުގައި އިންތިހާބު އިއުލާން ކުރަން ފާސް ކޮށްފައި ވާނެ ކަމަށާއި، މާދަމާ ނުވަތަ ހޯމަ ދުވަހު ގެޒެޓް ކުރެވޭނެ ކަމަށެވެ.

އެމްއޯސީގެ އިންތިހާބުގައި ޝަވީދުގެ އިތުރުން، ދެން ވާދަ ކުރައްވާނެ ކަމަށް އިއުލާން ކޮށްފައި ވަނީ، އެފްއޭއެމްގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދެވެ. ޝަވީދަކީ، އިލްހާމް އެފްއޭއެމްގައި ހުންނެވި އިރު، އޭނާގެ އެޑްވައިޒަރެވެ.