ހަބަރު

ނަގުދު ފައިސާ އެތެރެކޮށް ބޭރު ކުރާއިރު ހުއްދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި

Mar 28, 2015
2

އެއް ފަހަރާ 300،000 ޑޮލަރުން ފެށިގެން މަތީގެ ނަގުދު ފައިސާ ރާއްޖެއިން ގެންދިޔުމަށާއި ގެނައުމަށް ކަސްޓަމްސްގެ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

މަނީލޯންޑްރިން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ، "ރާއްޖެއަށް އެތެރެކުރާ އަދި ބޭރަށް ގެންދާ ނަގުދު ފައިސާ ރިޕޯޓްކުރުމުގެ ގަވާއިދަށް" މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަމަލު ކުރަން ފަށާފައިވާ އިރު، އެ ގަވާއިދުގައި ބުނަނީ 300،000 ޑޮލަރު ނޫނީ އެއަށް ވުރެ މަތީ އަދަދަކާ އެއްވަރުގެ ނަގުދު ފައިސާ ބޭރު ކުރާ ނަމަ ނޫނީ ރާއްޖެ އެތެރެ ކުރާނަމަ، ""ކޭޝް ޑިކްލަރޭޝަން" ފޯމް މެދުވެރިކޮށް އެކަން ކަސްޓަމްސްއަށް ރިޕޯޓް ކުރަން ޖެހޭ ކަމަށެވެ. އެ ގަވާއިދުގައިވާ ގޮތުގައި ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ އިތުރަށް ކްރިއާ ސާވިސް މެދުވެރިކޮށް ނުވަތަ ޕޯސްޓް މެދުވެރިކޮށް ވެސް އެ އަދަދަށް ނަގުދު ފައިސާ ގެންނަ ފަރާތްތަކުން އެކަން ކަސްޓަމްސްއަށް އަންގަން ޖެހެ އެވެ.

ރިޕޯޓްކުރަންޖެހޭ އެހެން ނަމަވެސް ރިޕޯޓްކޮށްފައިނުވާ ނަޤުދު ފައިސާއަކީ މަނީ ލޯންޑްރިންގެ އަމަލަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ގުޅިފައިވާ ފައިސާއެއް ކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވޭނަމަ، ނުވަތަ ރިޕޯޓް ކުރުމުގައި ނުރަނގަޅު މަޢުލޫމާތުދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ނަމަ، ކަސްޓަމްސްއަށް އެ ފައިސާތައް ހިފެހެއްޓުމުގެ ބާރު އެ ގަވާއިދުން ލިބެ އެވެ. އަދި އެ ފައިސާތައް ހިފަހައްޓާތާ 24 ގަޑިއިރު ތެރޭގައި އެ ފައިސާތަކަކީ ޓެރަރިޒަމާއި މަނީލޯންޑްރިންއާ ގުޅުން ހުރި އެއްޗެއް ނޫންކަން ޔަގީން ނުވެއްޖެ ނަމަ، ނޫނީ ކަސްޓަމްސްއަށް ދިން މައުލޫމާތުގެ ސައްހަކަން ކަށަވަރު ނުކުރެވޭ ނަމަ، ނޫނީ އެ މައުލޫމާތެއް ރަނގަޅު ނުކުރާ ނަމަ، އެ މައްސަލަ ތަހުގީގު ކުރުމަށް ޕޮލިހުންނަށް ކަސްޓަމްސުން ފޮނުވަން ޖެހެ އެވެ.

ކަސްޓަމްސުން ބުނި ގޮތުގައި ކޭޝް ޑެކްލަރޭޝަން ފޯމް ބަނދަރުތަކުންނާއި ކަސްޓަމްސްގެ ވެބްސައިޓުން އޮންލައިންކޮށް ލިބޭނެ ގޮތް މިހާރު ވަނީ ހަދައިފަ އެވެ.

މަނީލޯންޑްރިން ހުއްޓުވުުމުގެ ގާނޫނުގެ ދަށުން 50،000ރ. އަށް ވުރެ މަތީގެ އަދަދުތަކުގެ ފައިސާ އާއި ޗެކް ޖަމާކުރާއިރު، އެ ފައިސާ ލިބުނު ގޮތާއި ޖަމާކުރާ މީހާގެ ތަފްސީލްތައް ބޭންކަށް ފުރިހަމައަށް ދޭންޖެހެ އެވެ. އަދި އެ ގާނޫނާ އެކު އެމްއެމްއޭގެ ދަށުން ވަނީ އެންޓި-މަނީލޯންޑްރިން ޔުނިޓެއް އުފައްދައިފަ އެވެ. އަދި މަނީލޯންޑްރިން އާއި ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ބެލެވޭ ފައިސާގެ މުއާމަލާތްތަކަށް ފާރަލުމާއި އެ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންނާއި ކަސްޓަމްސް އަށް ބޮޑެތި ބާރުތަކެއް އެ ގާނޫނުގައި ދީފައިވެ އެވެ.