ރިޕޯޓް

ބޭރުގެ ފާޑުކިޔުންތަކުގައި ސިޔާސީ ކުލަ ޖެހިފައިތަ!؟

ރާއްޖޭގެ ދާހިލީ ކަންކަމަށް ބޭރުގެ ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ މިފަހުން އަލަށް ފަށައިގެން އުޅޭ ކަމެއް ނޫނެވެ. ތާރީހުގެ ތެރެއަށް ފީނާލުމުން، ޒަމާނުއްސުރެއް ރާއްޖޭގައި ހިނގަމުންދާ ކަންކަމަށް ފާޑުކިޔާ އެކި މައްސަލަތަކު ތެރެއަށް ވަނުމަށް މަސައްކަތް ކުރުމަކީ ބޭރު ގައުމުތަކުން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމެކެވެ. އިނގިރޭސީންގެ އިސްތިއުމާރުގެ ކޮންމެވެސް ދުވަސްވަރެއްގައި ރާއްޖެ އޮތުމަކީ އޭގެ ފުރިހަމަ ހެއްކެކެވެ. ސަބަބަކަށް ވަނީ ސްޓްރެޓެޖިކަލް ގޮތުން ރާއްޖެ އޮންނަނީ އިންޑިއާ ކަނޑުގެ މުހިންމު ސަރަހައްދެއްގައި ކަމަށްވުމެވެ. އެހެން ކަމުން ރާއްޖެއަށް ނުފޫޒު ފޯރުވުމާއި ޕްރެޝާ ކުރުންތަކުން ރާއްޖެ ފިއްތާލުމަށް ކުރެވޭ މަސައްކަތް އޮތީ ހަމަ އެގޮތުގަ އެވެ.

އެވާހަކަ އެއް ފަރާތުގައި ބާއްވާފައި މި ބަހުސްގެ އަނެއް ފަޅިއަށް ވެސް ޖެހިލަމާ ހިނގާށެވެ. ބަވަނަވެފައި މިއޮތް ދުނިޔޭގައި ގައުމުތަކުގެ ކަންކަމަށް ބޮޑެތި ބަސްވިކޭ ގައުމުތަކުން އަބަދުވެސް ފާޑުކިޔާނެ އެވެ. ސަބަބަކަށް ވަނީ ދުނިޔެއަކީ ލާމެހިފައިވާ ތަނަކަށްވެފައި މުޅި ދުނިޔެއާ އެކަހެރިވެގެން ރާއްޖެއަށް ވެސް ނޯވެވޭނެތީ އެވެ. ތަހުޒީބު މުޖުތަމައުތަކުން ރާއްޖެއިން ބައިވެރިވާ ޖަމިއްޔާ ޖަމާއަތްތަކާއިި ސޮއިކޮށްފައި ހުންނަ މުއާހަދާތަކުގައި އޮންނަ ގޮތާ ހިލާފަށް ކަމެއް ހިނގާނަމަ އެފަދަ މައްސަލައަކަށް އަލިއަޅުވާލައި ރަނގަޅުގޮތް ކިޔައިދޭން ޖެހެ އެވެ. ނަމަވެސް އެކަން ކުރަން އޮންނަނީ ޗާޓަރުން ބޭރު ނުވެ، މައްސަލާގެ ދެ ފަރާތް ހޯދާ ވަކި ފަޅިއަކަށް ބުރަ ނުވާ ގޮތަކަށް ނޫން ހެއްޔެވެ؟

ނަމަވެސް މިހާތަނަށް ރާއްޖެއާ މެދު ބައެއް ބޭރު ފަރާތްތަކުން އަމަލު ކުރަމުން ގެންދަނީ ވަކި ފަޅިއަކަށް ނުޖެހި ހަމަހަމަ އުސޫލެއްގެ ތެރެއިން ހެއްޔެވެ؟ އޭގެ ބަދަލުގައި ފާޑުކިޔުންތައް ހުރީ ދުރު މުސްތަގުބަލުގައި އެ ފަރާތްތަކަށް ސިޔާސީ ގޮތުން ފައިދާ ވާނެ ފަޅިއަކަށް ބުރަވެގެން ހެއްޔެވެ؟ ދާދި ފަހުން ބައެއް ގައުމުތަކުން ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން ނެރުން ބަޔާންތަކަށް ބަލާލައި އިރު މި ސުވާލުތަކުގެ ޖަވާބު ލިބޭނެ އެވެ.

"ރާއްޖޭގައި ޑިމޮކްރަސީގެ ހާލަތު މިހާރު އޮތް ގޮތާމެދު ޖަރުމަނުން އިންތިހާއަށް ކަންބޮޑުވޭ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނިންމީވެސް ކަނޑައެޅިގެން މަޖިލީހުގެ ގަވައިދުތަކާ ހިލާފަށް. ޑިމޮކްރަސީގެ ހަމަތަކުން ބޭރުން އިދިކޮޅު ފަރާތްތަކުން އަޅަމުންދާ ދަތިކުރުންތައް ހުއްޓާލުމަށް ގޮވާލަން. އަދި ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވާލަން،" ދާދި ފަހުން ޖަރުމަނު އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "27 މާޗުގައި މަޖިލީހުގެ މިނިވަންކަމާއި އަދި އިންސާފުވެރި ވޯޓެއް ނެގުމަށް ހުރަސް އެޅޭކަންކަން ހިނގާފައިވާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަން. ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި މަޖިލީހުގެ ޖަލްސާތައް އިންސާފުވެރިކޮަށް ބޭއްވުމަށް ގޮވާލަން،" ލަންކާގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކުރު ގޮތަކަށް ބުނާނަމަ މި ދެ ބަޔާނުގައި ދައްކާފައި ހުރި ވާހަކަތަކަކީ މިދިޔަ މަހު 27 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުމުން ނިކުމެ ދެއްކެވި ވާހަކަތަކެވެ. މައްސަލައެއް ނެތެވެ. އިދިކޮޅު ފަރާތްތަކުން ވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށް ރަނގަޅު ވާހަކައެއް ދައްކާ ނަމަ އެ ވާހަކަ ބޭރުގެ ފަރާތްތަކުން ވެސް ތަކުރާރު ކުރުން އެއީ މައްސަލައެއް ނޫނެވެ. އެކަމަކު ސަރުކާރު ކޯލިޝަންގެ ބަހެއްވެސް އިދިކޮޅު ފަރާތްތަކުން ހޯދަން ވާނެ އެވެ. މައްސަލައިގެ ދެކޮޅު ވެސް ބަލަން ވާނެ އެވެ.

މި ދެ ބަޔާނުގައި ވެސް މަޖިލީހުގައި ރޯލްކޯލް ވޯޓެއް ނެގުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބޭރު ފަރާތްތަކުން ބުނެފައިވާ އިރު މަޖިލީހުގެ ގަވައިދުގެ 165 ވަނަ މާއްދާގައި (ހ) ކިޔާލައިފި ނަމަވެސް އެ ފާޑުކިޔުންތަކުގެ އަސާސެއް ނެތްކަން ވަރަށް ބޮޑަށް ހާމަވެ އެވެ. ސަބަބަކީ އެ އަކުރުގައި ބުނެފައިވާ ގޮތުން ވަކިވަކި މެންބަރުންނާ ސުވާލުކޮށްގެން ވޯޓު ނެގުމަށް ހުށަހެޅި ތާއީދު ލިބިގެން އެގޮތަށް ފާސްވާ މައްސަލަތަކުގައި ރޯލް ކޯލް ވޯޓަކަށް ދިޔުމަކަށް މަޖިލީހުގެ ގަވާއިދު ހުރަހެއް ނާޅަ އެވެ. ހަގީގަތަކީ މަޖިލީހުގެ ގަވާއިދު އެކަމަށް ތަންދޭ ކަމެވެ. ކޮންމެހެން އެވޯޓް ދިޔައީ އެންމެ ރަނގަޅަށޭ ބުނަނީއެއް ނޫނެވެ. އެކަމަކު މަޖިލީހުގެ ގަވާއިދުގެ ތެރެއިން އެއީ ކުރެވެން އޮތް ކަމެކެވެ. އެ ދުވަހު އެވޯޓް ނެގީ ވެސް އެ އުސޫލުގެ ތެރެއިންނެވެ.

ވަރަށް ސާފު ސީދާ ބަހުން މިހެން ބަޔާންކޮށްފައިވާ އިރު މަޖިލީހުގައި ކަންކަން ހިނގީ ގަވާއިދާ ހިލާފަށް ކަމެއް ބުނެވޭނެ އެއްވެސް ގޮތެއް އޮންނާނެ ހެއްޔެވެ؟ ނުވަތަ ބޭރު ފަރާތްތަކުން އެފަދަ ބަޔާންތައް ނެރެފައިވާ އިރު އެ ދުވަހު ކަން ހިނގައިދިޔަ ގޮތް ދިރާސާ ކުރުމަށް ކިހާ މަސައްކަތެއްކޮށްފައިވޭތޯ ސުވާލު އުފެދެ އެވެ.

"އަޅުގަނޑު ދާދި ފަހުން ސަފީރަކާ ބައްދަލުކޮށް ވާހަކަދައްކާލިން ނެރެފައި ހުރި ބަޔާންތަކާ ބެހޭ ގޮތުން. އަޅުގަނޑު ސުވާލުކޮށްލިން ބަޔާން ނެރުން އިރު މަޖިލީހުގެ ގަވައިދުގެ 165 ވަނަ މާއްދާ ބަލާލިންތޯއޭ. އެ ސަފީރު ވިދާޅުވީ ބަޔާން ނެރުން އިރު މަޖިލީހުގެ ގަވައިދެއް ނުބަލާ ކަމަށް. ދެން އަޅުގަނޑު ބުނިން ކީއްވެތޯ އެވަރު ނުބަލާ ބަޔާން ނެރުނީ. ސަފީރު ވިދާޅުވި ބަޔާން ނެރުނީ އެ އެމްބަސީއަށް ލިބިފައި ހުރި މައުލޫމާތުތަކުގެ އަލީގައި ކަމަށް. ދެން އަޅުގަނޑު އެހިން ސަރުކާރުން ނުވަތަ މަޖިލީހުގެ އިދާރާއިން އެއްވެސް ވަރަކަށް ސުވާލުކޮށްލިންތޯ ކަންތައް ހިނގާދިޔަ ގޮތް. ސަފީރު ވިދާޅުވީ އެވަރުވެސް ނުކުރާ ކަމަށް،" ބޭރުގެ ސަފީރަކަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ދެމެދު ދެކެވުނު ވާހަކަތައް "އަވަސް"އާ ހިއްސާ ކުރަމުން ވިދާޅުވި އެވެ. "ދެން ކިހިނެތްތޯ އެވަރުގެ ޒިންމާދާރު ކަމެއް ނެތި ބަޔާން ނެރޭއިރު އެކަން ގަބޫލު ކުރާނީ. ވަރަށް ރަނގަޅަށް އެނގޭ ބޭރުގެ ބައެއް ފަރާތްތަކުން ނެރޭ ސްޓޭޓްމަންޓުތައް އޮންނަނީ ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފަކަން،"

ބޭރުގެ ފަރާތްތަކުން ދެން އެންމެ ބޮޑަށް ފާޑު ކިޔާ އަނެއްކަމަކީ ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން އިދިކޮޅު ފަރާތްތަކަށް ފުރުސަތު ދީ މަޖިލީހުގެ ތެރޭގައި ވެސް މަސައްކަތް ކުރުމަށެވެ. އެހެން ވިދާޅުވާއިރު ވަކިވަކި މެންބަރުން ތެދުވެ އެ މެންބަރަކު ވޯޓު ދޭން ބޭނުންވާ ގޮތެއް އަނގަބަހުން ބުނުމަކީ ދެފުށް ފެންނަ ގޮތް ކަމަށް ބުއްދި ސަލާމަތުން ހުރި ކޮންމެ ފަރާތަކުން ވެސް ގަބޫލު ކުރާނެ އެވެ. ޑިމޮކްރަސީގެ އެންމެ ރީތި އުސޫލަކީ ވެސް ވީހާވެސް ޓްރާންސްޕޭރަންޓުކޮށް ރައްޔިތުންނާ ގުޅުންހުރި ކަންކަން ކުރުމެއް ނޫންތޯ އެވެ؟

އިދިކޮޅު ފަރާތްތަކުން ދައްކާފައި ހުރި ވާހަކަތަކުގެ މައްޗައް ބިނާކޮށް ބައެއް ގައުމުތަކުން ފާޑުކިޔަމުން ދާއިރު އެ ގައުމެއްގެ ހާލަތު ހުރީ ވެސް އެންމެ ރަނގަޅަށް ތޯ ބަލާލަން ޖެހެ އެވެ. މިދިޔަ ހަފްތާ ތެރޭގައި އެމެރިކާ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވެގެން ދިޔައީވެސް ގާނޫނާއި ގަވައިދާ ހިލާފަށް މަޖިލީހުގެ އެއްވެސް ރުހުމެއް ހޯދުމަކާ ނުލާ ސީރިޔާއަށް މިސެއިލްގެ ހަމަލާއެއް ދިން މައްސަލައެެވެ. އެހެން ސަރުކާރަށް ސީދާ ހަމަލާއެއް ދޭނަމަ އެމެރިކާގެ ސެނެޓްގެ ރުހުން ހޯދަން ޖެހޭ ނަމަ ބުނެ އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ވެސް ބަހުސްތައް ކުރެ އެވެ.

ޖަރުމަނުން ވެސް މޮކްރަސީގައި ހިމާޔަތްކުރުމަށާއި ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ބުނަމުން ދާއިރު އެ ގައުމުން ބޭރުގެ ނޫސްވެރިންނަށް ފާރަލީ މައްސަލަ ފަޅާ އެރިތާ މާ ދުވަސްތަކެއް ވެއްޖެ ހެއްޔެވެ؟ ނޫސްވެރިންގެ އީމެއިލްތައް ކިޔާ ފޯންކޯލުތައް "ވަގަށް" އަޑުއެހުމަކީ ޑިމޮކްރަސީގެ ކިތައް ހައްގު އެއްފަހަރާ ނިގުޅައިގަތުން ހެއްޔެވެ؟

"މިހެންވެ އަޅުގަނޑު މި ބުނަނީ މި ވެގެން އުޅޭ ގޮތް ވަރަށް ސާފު. ބޭރުގެ ފާޑުކިޔުންތައް އިދިކޮޅު ފަރާތްތައް ގޮސް ހުސްވެފައި އޮންނަނީ އެ ފަރާތްތައް ސިޔާސީ ގޮތުން ފައިދާ ލިބިގަތުމަށް. އެމީހުންގެ ކުލައާ ގުޅޭ ފަދަ ވައްޓަފާޅިއެއް އިދިކޮޅު ފަރާތްތަކުން ގެންގުޅުއްވާތީ އެމީހުން ބުނާ ކޮންމެ އެއްޗަކަށް ބޯޖައިހައިގެން ތިބެނީ،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

ބޭރުގެ ފާޑުކިޔުންތަކުގައި ވެސް ބިނާކުރަނިވި ކަންބޮޑުވުންތަކެއް ހުރި ނަމަ ރާއްޖެއިން ވެސް އެ ކަންކަން ގަބޫލު ކުރަން ޖެހޭނެ އެވެ. އެހެން ނަމަވެސް އަބަދުވެސް އެއްފަޅިއަކަށް ބުރަވެ ފާޑުކިޔާ ނަމަ އެކަންކަން ބަލައިގަންނަން އުނދަގޫވާނެ އެވެ. އެފަދަ ފާޑުކިޔުންތައް އޭރުން ވާނީ ސަރުކާރަށް ވެސް ނޫނީ އެހެން ބަޔަކަށް ވެސް ބަލައިގަންނަން އުނދަގޫ ކަންކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ ބޭރުގެ ފަރާތްތަކުގެ ފާޑުކިޔުންތައް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން އެ ކަންކަން އަޑުއަހަން ބޭނުން ނުވަނީ ބޭރު ދުނިޔެއާ ރާއްޖެ އެކަހެރި ކުރަން ބޭނުންވާތީ ކަމަށެވެ. އެކަމަކު ސުވާލަކީ ބޭރުން ކިޔާ ކޮންމެ ފާޑު ކިޔުމަކަށް ބޯލަބަން ޖެހޭ ހެއްޔެވެ؟ ދިވެހިންގެ ކަންތައްތައް ނިންމާނީ ދިވެހިން ނޫން ހެއްޔެވެ؟ ރާއްޖޭގެ މައްސަލަތަކަށް ދިވެހިންގެ ހައްލެއް ހޯދާކަށް ނުވޭ ހެއްޔެވެ؟