ވިޔަފާރި

ރިޔާދު ފެއާގައި ރާއްޖެއަށް ބޮޑު ތަރުހީބެއް!

Apr 9, 2017

ސައޫދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ، ރިޔާދު ފެއާގައި ރާއްޖެއަށް ޒިޔާރަތް ކުރަން ކުންފުނިތަކުން ތައާރަފުކޮށްފައިވާ ޓްރެވަލް ޕެކޭޖުތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ރިޔާދު ފެއާގައިރާއްޖޭން ކުންފުނިތައް ބައިވެރިކުރި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ އޮފިޝަލް ވިދާޅުވީ ރާއްޖޭގެ 11 ކުންފުންޏެއް ފެއާގައި ބައިވެރިވަމުންދާއިރު، މި ފެއާ އަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"ކުންފުނިތަކަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން. ވަރަށް ބައިވަރު ކްލައިންޓުން ލިބެމުންދޭ،" އޮފިޝަލް ވިދާޅުވި އެވެ.

އަތްމަތި ތަނަވަސް ގިނަ ބަޔަކު ދިރިއުޅުން ގެންދާ އަރަބި މާކެޓަށް ހާއްސަކޮށްގެން ބާއްވާ ރިޔާދު ފެއާއަކީ ޕެކޭޖުތައް ވިއްކުމަށް ހާއްސަ ފެއާ އެކެވެ. މި ފެއާއަށް ގިނަ ކުންފުނިތަކުން ދަނީ ޕެކޭޖުތައް ތައްޔާރުކޮށްގެން ދުރާލާ ވިއްކުމަށެވެ. މި އަހަރުގެ ފެއާ އަށް ރާއްޖޭގެ ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ބައިވެރިވެފައިވެ އެވެ.

މަޓާޓޯގެ އޮފިޝަލް ވިދާޅުވީ ފެއާގައި ބައިވެރި ބޮޑު ބަޔަކީ ރިސޯޓުތައް ކަމަށެވެ.

"ވަކިވަކިން ބައިވެރިވާން ޖެހުމުން އަގު ބޮޑުވޭ. ނަމަވެސް މިގޮތަށް މަޓާޓޯގެ ދަށުން ބައިވެރިވުމުން ކްލައިންޓުންނަށް އަގު ހެޔޮވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ރިޔާދު ޓްރެވަލް ފެއާގައި މިދިޔަ އަހަރު 52 ގައުމަކުން 246 އެކްޒިބިޓަރުން ބައިވެރިވި އެވެ. އަދި މިދިޔަ އަހަރު އެ ފެއާއަށް 25،000 ގިނަ މީހުން ޒިޔާރަތް ކުރި އެވެ.

މެދުއިރުމައްޗަކީ ރާއްޖެ އަށް އެންމެ އުންމީދީ އެއް މާކެޓެވެ. ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ތިން ޕަސެންޓް މިދިޔަ މަހު ހިއްސާ ކުރީ މި ސަރަހައްދުންނެވެ.