ލައިފްސްޓައިލް

ކެއްކުމުގައި ހެދޭ ބައެއް ގޯސްތައް

Apr 10, 2017

ރެސިޕީ ފޮތް ބަލައިގެން ކެއްކި ނަމަވެސް ބައެއް ފަހަރު އެ ކެއްކި އެއްޗެއްގައި ލާންޖެހޭ ރަހަ ނޫން ރަހަތައް ލާ ފަހަރު އާދެ އެވެ. އަދި ކިތަންމެ މީރުކޮށް ކައްކަން އުޅުނު ނަމަވެސް ހިތްހަމަޖެހޭ ރަހަ ނައިސްގެން ކެއްކުންމަތިން ފޫހިވާ ފަހަރު ވެސް އާދެ އެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކެއްކުމަކީ ވެސް ފާޑެއްގެ ހުނަރެކެވެ. މި ހުނަރު ޖެހެނީ ކޮންމެވެސް ގޮތަކުން ނެރެގެން ދަސްކުރާށެވެ.

މީރުކޮށްކައްކަން ބޭނުންވާ ނަމަ ކެއްކުމުގައި ހަދާ މިގޯސްތައް އިސްލާހުކޮށްލާށެވެ.

ބޭނުންކުރެވެނީ ރަނގަޅު ތެޔޮތަ؟

ސިއްހަތަށް ބަލައިގެން އުޅޭ އެންމެން ވެސް ގިނައިން މި ބޭނުންކުރަނީ އޮލިވް އޮއިލް އެވެ. އެއީ ކޮންމެ އެއްޗެއް ކެއްކި ނަމަވެސް މިފަދަ މީހުން ކެއްކުމުގައި އޮލިވް އޮއިލް ބޭނުންކުރެ އެވެ. ނަމަވެސް އޮލިވް އޮއިލް އަކީ ހުރިހާ ކެއްކުމަކާ ގުޅޭނެ އެއްޗެއް ނޫންކަން އެނގޭ ހެއްޔެވެ؟ މާ ހޫނުގަދަކޮށް ނުވަތަ ގިނިގަދަކޮށް ކައްކާ އެއްޗެހީގައި އޮލިވް އޮއިލް އަކީ ގުޅޭ ހޮވުމެއް ނޫނެވެ. އޭގެ ބަދަލުގައި އާދައިގެ ތެޔޮ ބޭނުންކުރާށެވެ. ހާއްސަކޮށް ގިނިގަދަކޮށްގެން ތެލުލާއެއްޗެއް ހަދާނަމަ އޮލިވް އޮއިލް ނޫން އާދައިގެ ތެލެއް ބޭނުންކުރާށެވެ.

މަސް ކައްކާއިރު ހެދޭ ގޯސް

މަސް ފުރަތަމަ ކެއްކުމުގެ ކުރިން 30 ހަކަށް މިނެޓް ވަންދެން މަޑުކޮށްލާށެވެ. އޭރުން ރަނގަޅަށް މަސްގަނޑު ހުންނާނީ ހޫނުވެފަ އެވެ. އަދި މަސްގަނޑު އޮންނާނީ ރަނގަޅަށް މަޑުވެފަ އެވެ. އަދި ފުރިޖުން ނަގާގޮތަށް ރަނގަޅަށް މަސް މަޑު ނުވަނިސް އަވަސް އަރުވާލައިގެން ކައްކަން ނޫޅެށެވެ.

ޕާސްތާ މަޑުކުރާއިރު ފެން އަޅަނީ މަދުންތަ؟

ޕާސްތާ ނުވަތަ ނޫޑްލްސް ކަހަލަ އެއްޗެހި މަޑުކުރާއިރު، އަބަދުވެސް ތަތްނުލަވާ ވަަރަށް ގިނައިން ފެން އަޅަން އާދަކުރާށެވެ. ނޫންނަމަ މަޑުކޮށް ނިމޭއިރު ހުންނަނާނީ އެކަތި އަނެއްކައްޗާއި ތަތްލަވާފަ އެވެ. މިގޮތަށް ފެންގަނޑު ފުރަތަމަ ކައްކާއިރު އޭގެ ތެރެއަށް ތެޔޮ އެޅުމަކީ ބޭކާރު ކަމެކެވެ. އޭގެ ބަދަލުގައި ގިނައިން ފެން އެޅުމުން ޕާސްތާ ނުވަތަ ނޫޑްލްސް ތަތް ނުލަވައި ރީތިކޮށް މަޑުވާނެ އެވެ.

ތަޒާ ފަތް ބޭނުން ކުރުމުގެ ބަދަލުގައި ހިކިފަތް ބޭނުން ކުރުން

ކައްކާއިރު ރަހަ މީރު ކުރުމުގެ ގޮތުން ކޮރެއަންޑާ ފަދަ ތަފާތު ބާވަތްތަކުގެ ފަތް ބޭނުން ކުރެއެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަނީ މިފަދަ ފަތް ތާޒާކޮށް ހުއްޓައި ބޭނުން ކުރުމަކީ އެންމެ މޮޅުގޮތް ކަމަށެވެ. ނަމަވެސް އެނގޭހެއްޔެވެ؟ މިފަދަ ފަތް ތަޒާކޮށް ހުންނައިރަށްވުރެ، ފަތް ހިކިފައި ހުއްޓައި ބޭނުން ކުރުމުން ރަހަ ގަދަކޮށްދޭނެ އެވެ. ވީމާ ދެން ފަހަރަކުން ވެސް މިފަދަ ފަތް ހިކުނަސް އެއްލާނުލައި ކެއްކުމުގައި ބޭނުން ކުރާށެވެ. ކޮންމެހެން ތާޒާ ފަތް ބޭނުން ކުރުން މުހިންމެއް ނޫނެވެ.

ލޮނުމެދު އެންމެ ފުރަތަމަ ނާޅާށެވެ

މިއީ ކެއްކުމުގައި އެންމެ ގިނަ މީހުން ހަދާ އެއް ގޯހެވެ. ފިޔާރަތްކުރާއިރު، އެންމެ ފުރަތަމަ ވެސް ލޮނުމެދު ކޮޅު އެއްކޮށްލާނެ އެވެ. މިހެން ހެދުމުން ލޮނުމެދު ރަހަ ކެނޑި ލޮނުމެދުކޮޅު އަވަހަށް އަނދާނެ އެވެ. އޭގެ ބަދަލުގައި އަބަދުވެސް އެންމެ ފަހުން ލޮނުމެދު އަޅަން އާދަކުރާށެވެ.

ކެއްކުމަށްފަހު ރަހަ ބަލަންތަ؟

ކައްކާ ނިންމުމަށްފަހު މިއީ ބައެއް މީހުން ނުކުރާ ކަމެކެވެ. ނަމަވެސް ކެއްކި އެއްޗެހީގެ ލޮނު ރަހަ ނުވަތަ ކުޅިރަހަ ނުވަތަ ފޮނިއެއްޗެއް ނަމަވެސް އޭގެ ލާންޖެހޭ ވަރަށް ރަހަ ހެޔޮވަރުތޯ ޔަގީން ކުރަންވާނެ އެވެ.

މީގެއިތުރުން ވެސް އެއްޗެހި ކެއްކުމަށްގެންގުޅޭ ތަވާ ނުވަތަ ތެއްޔަކީ ވެސް ކާއެއްޗެހީގެ ރަހަޔާއި ގުޅިފައި އޮންނަ ކަމެކެވެ. ވީމާ އަބަދު ވެސް އެއް ތަވައެއް ނުވަތަ ތެއްޔެއްގަ ކެއްކުމުގެ ބަދަލުގައި ތަފާތު ކާއެއްޗެހި ތަފާތު ތެލި ތަކުގައި ކައްކާށެވެ.

ތެލުލާއިއިރު ނުވަތަ ފިހާއިރު މާގިނަ ގިނައިން ފުށުން ޖެހުމުގެ ބަދަލުގައި އެއްފަޅި ރީތިކޮށް ފިހެވެންދެން އަބަދުވެސް މަޑުކުރާށެވެ. އަދި ބިސް ކައްކާއިރު ވެސް ޓައިމާއެއް ބޭނުން ކުރާށެވެ. އޭރުން ބިސް ކެއްކޭ ވަރު އެނގޭނެ އެވެ. އަބަދުވެސް ކައްކާއިރު، ވަގުތު ބެލުމަކީ ކާއެއްޗެހި ރަނގަޅަށް ކެއްކުމުގައި ވަރަށް މުހިންމު ކަމެކެވެ. އަދި ރެސިޕީ ބަލައިގެން އެއްޗެއް ހަދާނަމަ އެއްޗެހި ގަތުމުގެ ކުރިން ފުރަތަމަ ކަމަކަށް ރެސިޕީ ރަނގަޅަށް ކިޔާލަން ވާނެ އެވެ. އޭރުން އެއްޗެއް މަދުވެގެން ނުވަތަ ނުގަނެވިގެން ހާސްވާކަށް ނުޖެހޭނެ އެވެ.