ލައިފްސްޓައިލް

ބައްޕައިން ދަރިންނާއެކު މާގިނަ ވަގުތު މަޖާ ކުރޭ

Jul 25, 2017
1

ދަރިންލިބޭ ހިސާބުން ކޮންމެ ދެމަފިރިއެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. ހާއްސަކޮށް މަންމައިންގެ ޓާސްކް ތަފާތުވެފައި ލައިފް ސްޓައިލަށް ބޮޑު ބަދަލުތަކެއް އާދެ އެވެ. މީގެއިތުރުން ވެސް ގިނަ މައިންނަކީ ގޭތެރޭގެ ކަންތައް ކުރަމުން ދަރިންބަލަން ޖެހިފައިވާ މައިންނަށް ވުމުން ބޮޑެތި ބަދަލު ތަކެއް އާދެ އެވެ.

ބައެއް ކުދިން ބައްޕަ ފެންނަ އިރަށް ދުވެފައި ގޮސް ކޮނޑަށް އަރާނެ އެވެ. އެކުދިން ގަބޫލު ކުރާ ގޮތުގައި ބައްޕަ ކޮންމެ ވެސް ކަހަލަ ސަކަރާތެއް ޖަހާނުލައި ނުދާނެ އެވެ. މަންމައާއި ބައްޕަ އެއްކޮށް ފެނުނު ނަމަވެސް ބައްޕަގެ ކޮނޑަށް އެންމެ ފުރަތަމަ ވެސް އަރަނީ ސަބަބެއް އޮވެގެންނެވެ.

ޔުނިވަސިޓީ އޮފް މިނެސޯޓާ އިން 12،000 އަންހެނުން ބޭނުން ކޮށްގެން ތައްޔާރުކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ ދަރިން ލިބޭ ހިސާބުން ހުރިހާ ބެލެނިވެރިން ވެސް ދަރިންނާއެކު އެ އުފާވެރިކަން ހިއްސާ ކުރާ ކަމަށެވެ. މިއީ އެންމެން ވެސް އެއްބަސްވާ ކަމެކެވެ.

އެ ދިރާސާގައި ބުނެފައިވަނީ މަންމައިންނަށް ވުރެ ބޮޑަށް ބައްޕައިން ދަރިންނާއެކު މަޖާ ކުރާ ވަގުތު ގިނަ ވަނީ މަންމައިންނަކީ ގޭތެރޭގެ މަސައްކަތް ކޮށް ދަރިންތަރުބިއްޔަތު ކުރުމުގެ ޒިންމާ އެންމެ ބޮޑަށް އުފުލާ ފަރާތަށް ވުމުން ކަމަށެވެ. އަދި ވަޒީފާއަށް ދާ މައިންނަށް ވެސް ގެއަށް ދިއުމަށްފަހު ގޭތެރޭގެ މަސައްކަތް ކޮށް ދަރިންގެ ކަންތައް ކުރަން ޖެހުމުން އެކުދިންނާއެކު ސަކަރާތްޖެހުމުގައި ވަގުތު ހޭދަކުރެވޭލެއް ބައްޕައިންނަށް ވުރެ މަދުވާ ކަމަށެވެ.

މި ކަމުގެ ހައްލެއް ކަމަށް ބުނެފައިވަނީ މަންމައިން މަސައްކަތް ކުރާ ވަގުތު ދަރިފުޅު ކިތަންމެ ކުޑަ ނަމަވެސް މަސައްކަތުގައި ބައިވެރި ކުރުވުމެވެ. އެގޮތުން ދަރިފުޅު ލައްވައި ކުދިކުދި ކަންތައް ކުރުވުމަކީ މިކަމަށް އޮތް ހައްލެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.