ހަބަރު

ޒުވާނެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފި

އައިޖީއެމްއެޗް ކައިރީ ތޫނު އެއްޗަކުން ހަމަލާދީ ރޭ ދަންވަރު ޒަހަމްކޮށްލި ޒުވާނަކު ފަރުވާދެނިކޮށް މަރުވެއްޖެ އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މަރުވެފައިވަނީ 29 އަހަރުގެ ޒުވާނަކު ކަމަށެވެ. އޭނާއަށް ހަމަލާދީ ޒަހަމްކޮށްލީ ރޭ ދަންވަރު 1:30 އެހާކަންހާއިރު ކަމަށާއި، އެ ޒުވާނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 3:30 އެހާކަންހާއިރު ކަމަށެވެ.

ވަޅި ހަރައި މަރާލި ޒުވާނަކީ، ނޫރު އާދަމް ހަސަންފުޅު، 29އ. އެވެ. އޭނާގެ ކަރަށާއި އަރިކަށްޓަށް ވަޅިން ހަމަލާދީފައި ވަނީ އައިޖީއެމްއެޗް ކައިރިން ބުރުޒު މަގުންނެވެ.

މިފަހަކަށް އައިސް މާލޭގައި މި ވަނީ އަނެއްކާ ވެސް މާލޭގައި މާރާމާރީތައް ގިނަވެފަ އެވެ. އެގޮތުން މިދޔަ ހަފްތާ ތެރޭގައި ގްރޫޕަކުން ވަނީ ކެފޭއެއްގެ ތެރެއަށް ވަދެ ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފަ އެވެ. އަދި އޭގެ ފަހުން ވެސް އެތައް ބިދޭސީއަކަށް ހަމަލާދީފައިވެ އެވެ. ފުލުހުން ބުނަނީ އެކަން ކުރަނީ ބަޔަކު ދުރާލައި ރާވައިގެން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.