ކުޅިވަރު

ލަތީފަށް ގޯސް ހެދިއްޖެ، ގޮތް ނިންމާނީ އޭވީސީ: ޝަވީދު

Apr 10, 2017
1

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފަށް ގޯސްތައް ހެދިފައި އެބަހުރި ކަމަށާއި، ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގައި މިހާރު ފެންމަތިވެފައިވާ މައްސަލަތަކާ މެދު ގޮތެއް ނިންމާނީ އޭޝިއާގެ ވޮލީބޯޅަ ކޮންފެޑްރޭޝަން (އޭވީސީ) އިން ކަމަށް، އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.

'އަވަސް' އިން ކުރިމަތި ކުރި ސުވާލަކަށް ޖަވާބު ދެމުން، ޝަވީދު ވިދާޅުވީ، ވީއޭއެމްގައި ދިމާވެފައިވާ މައްސަލައިގެ ތަފްސީލެއް ދިނުމަށް، އޭވީސީއިން އެމްއޯސީއަށް ހުށަހަޅާފައިވާ ކަމަށާއި، ފެންމަތިވެފައި ހުރި މައްސަލަތަކާ ބެހޭގޮތުން، އެމްއޯސީގެ އެތިކްސް ކޮމިޝަނުން ރިޕޯޓެއް އެކުލަވާލައި، އޭވީސީއަށް ހުށަހަޅާނެ ކަމަށެވެ.

އިންތިހާބަށް ލަތީފަށް އެންޑޯސްމެންޓް ދިން، ޔޫތު ސްޕޯޓްސް ކުލަބުން، އޭނާ ވަކި ކުރުމުން ލަތީފުގެ މަގާމު ގެއްލޭނެ ކަމަށް އެކުލަބާއި ވީއޭއެމްގެ އެކްސްކޯގައި ތިއްބެވި ބައެއް އޮފިޝަލުން، ވިދަޅުވާ މައްސަލައާ މެދު، ޝަވީދު ވަނީ ސުވާލު އުފައްދާފަ އެވެ.

"ދެން ހަމަ ދުނިޔަވީ ހަމަތަކުން ވެސް، އަމިއްލަ ސިކުނޑިން ގަބޫލު ކުރީމަވެސް އެބަ އިނގޭ ވޮލީ އަށް މިއަންނަނީ މުޅި ވޮލީއަށް ޚިދުމަތް ކޮށްދޭން، ދެ ވަނަ ކަމަކީ މަގާމު ގެއްލޭނެ ކަމަށް ބުނާ ކަމަށްވަންޏާ އެކުލަބަކަށް ދޭ ޕޮޒިޝަނެއް ނޫން ރައީސް ކަމަކީ އިންޑަވިޖުއަލް ނަން ތަކެއް ލައިގެން ދޭ ނަންތަކެއް ޕޮޒިޝަނަކީ ދެން އަނެއްކާ އެބޭފުޅުން (ކުލަބުން) ލަތީފު ބޭރު ކޮށްލާފަ ބޭނުން މީހަކު ލުމަކުން އެމީހަކު ނުވޭ ރައީސް ކަމަކަށްވެސް، އަސްލު ހަގީގަތުގައި އޮލިމްޕިކް ޗާޓަރާ އިންޓަނަޝާނަލް ރޫލް ތަކާ ހިލާފް މާއްދާއެއް މި މާއްދާއަކީ،" ޝަވީދު ވިދަލުވި އެވެ.

އޭނާ ވިދާޅުވީ، ލަތީފު އިސް ނަގައިގެން ވީއޭއެމްގެ މެންބާޝިޕުން ގިނަ ކުލަބުތައް ބާތިލުކޮށް، ކޮންގްރެސް ބާއްވައި އޭނާގެ މަގާމު ދިފާއު ކުރުމަށްޓަކައި އަސާސީ ގަވައިދަށް ގެނައި ބަދަލުތައް، ކުޅިވަރުގެ އިންޓަނޭޝަނަލް އެސޯސިއޭޝަން ތަކުން ގަބޫލު ނުކުރާނެ ކަމަށެވެ.

ލަތީފުގެ މަގާމު ގެއްލުނު ކަމަށް ޔޫތު ސްޕޯޓްސް ކުލަބުން އިއުލާން ކުރި ހިސާބުން، އޭނާ ވަނީ ވީއޭއެމްގެ މެންބާޝިޕާ ކުޅޭ، މެންބާޝިޕުން ތިން ކުލަބު ފިޔަވައި ދެން ހުރި ހުރިހާ ކުލަބެއް ބާތިލު ކޮށްފަ އެވެ. އަދި އޭގެ ފަހުން އަސާސީ ގަވައިދަށް ބަދަލު ގެނައީ، ކޮންގްރެސްއެއް ބާއްވައި ކޮންގްރެސްގެ ޝަރުތު ހަމަވާ ކަމަށް، ލަތީފު ވިދާޅުވާ ތިން ކުލަބުގެ ތެރެއިން ދެ ކުލަބުގެ ހާޒިރުގައި އަގްލަބިއްޔަތުން ނެވެ.

އޭގެ ބަދަލުގައި، އޮލިމްޕިކް ކޮމިޓީން ނުވަތަ، އޭވީސީ މެދުވެރިކޮށް އެ މާއްދާއާ މެދު ގޮތެއް ނިންމަން މަސައްކަތް ކުރިނަމަ އެ މާއްދާ ބާތިލު ކުރާނެ ކަމަށް ޝަވީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަސާސީ ގަވައިދަށް ބަދަލު ގެނެސް ނުވަތަ، މާއްދާއެއް އުނި ކުރާނީ ހަމަ އެކަނި ކޮންގްރެސްއަކުން ނުން ކަމަށާއި ނަމަވެސް ސްޕޯޓްސް މެނޭޖްމެންޓްގެ މައުލޫމާތު އެންމެ ފުރިހަމައަށް ލަތީފު ނޭންގުމުން، މައްސަލަތައް އިތުރަށް ފެންމަތިވީ ކަމަށެވެ.

"އަސާދީ ގަވާއިދުގައި އޮންނަ މާއްދާއެއް ބަދަލު ކުރާނީ ހަމަ އެކަނި ކޮންގްރެސް އަކުން ނޫން، އެއީ އިންޓަނޭޝަނަލް އެސޯސިއޭޝަންތަކާއި އޮލިމްޕިކް ޗާޓަރާ ހިލާފު މައްދާއެއް ނަމަ، އެފަރާތުން އަންގާނެ އެމާއްދާއެއް ރިމޫވް ކުރާނެ. އަޅުގަނޑަށް ހީވަނީ މިއީ ލަތީފަށް އަންޑަސްޓޭންޑް ނުވެ އޮތް ކަމެއް ހެން،"

އޮލިމްޕިކް ޗާޓާރާ ހިލާފު ވެގެން، މާއްދާ އެއް އުނި ކުރި ކަމުގެ މިސާލެއްގެ ގޮތަށް ދެއްކެވީ، އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމުގެ ދައުރުގައި އަސާސީ ގަވައިދަށް އިތުރު ކުރި މާއްދާއެއް ކަމަށްވާ، އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތި ލެވޭނީ 35 އަހަރު ފުރިފައިވާ މީހަކަށް ކަމަށް އެކަށައެޅި މާއްދާ، ފީފާއިން ބާތިލު ކުރި ކަމަށް ނިންމި ނިންމުމެވެ.

ޝަވީދު ވިދާޅުވީ، އެތުލީޓުން ތަރައްގީވެ ކުރިއަރައިގެންދާ ފަދައިން، އެސޯސިއޭޝަންތަކުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުންވެސް ތަރައްގީވެ ކުޅިވަރުގެ އުސޫލުތަކަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ.

"ކުލަބުން ލަތީފު ރިމޫވް ކުރުމަކުން، ލަތީފު މަގާމު ނުގެއްލޭނެ ކަމަށް ވަރަށް ކްލިއާ ކޮށް ބުނަން ކެރޭ، ދަންނަވާނީ އެ މާއްދާ އިން ކަމުގައި ވިޔަސް، ލަތީފަކީ ރައީސް،"

ނަމަވެސް ޝަވީދު ވިދާޅުވީ މިހާރު އެންމެ ބޮޑު މައްސަލައަކީ، ވީއޭއެމްގެ މެންބާޝިޕާ ކުޅެ، އެންމެ ދެ ކުލަބުގެ ހާޒިރުގައި އަސާސީ ގަވާއިދުގެ އެކަކުން 50 ހާ ދެމެދުގެ މާއްދާތަކަށް ގެނެސްފައިވާ ބަދަލު ކަމަށެވެ. އަދި އެކަން އޭވީސީއިން ގަބޫލު ނުކުރާނެ ކަމަށެވެ.

އެބަދަލަކީ ސްޕޯޓްސް ޕޮލިޓިކްސްގައި ވަރަށް ބޮޑުތަން ހީނަރު ވެގެން ދިޔަ ބަދަލެއް ކަމަށް ޝަވީދު ވިދާޅުވި އެވެ.

"މެންބާޝިޕާ ކުޅުމަކީ ދުނިޔޭގެ ކުޅިވަރު އެއްވެސް ފަރާތަކުން ގަބޫލު ކުރާނެ އެއްޗެއް ނޫން، މިސާލަކަށް އެފްއޭއެމްގައި މިއަދުވެސް ކުލަބެއްގެ މެންބާޝިޕް ނަގައި ލުމަކީ، ފީފާއިން އެކަމުގެ ފިޔަވަޅު އަޅާނެ ކަމެއް، ފީފާއިން އެ މައްސަލަ ބަލާނެ،

ޝަވީދު ވިދާޅުވީ، ކުލަބެއްގެ މެންބާޝިޕް ފީ ނުދައްކައިގެން، އެ ކުލަބެއްގެ މެންބާޝިޕް އުވާލެވިގެން ވާނެ ކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހަފުތާ ތެރޭ، އެތިކްސް ކޮމިޝަނުން އެރިޕޯޓް އެކުލަވާލައި ނިންމާލެވޭނެ ކަމަށާއި، އެއަށްފަހު ސްޕޯޓްސް ކޮމިޝަނަރާއި އޭވީސީއަށް އެ ރިޕޮޓް ފޮނުވާނެ ކަމަށާއި، އެއަށްފަހު މައްސަލައިގައި އޭވީސީއިން ވަކި ގޮޕތެއް ނިންމާނެ ކަމަށެވެ.