ރިޕޯޓް

ސިޔާސީ އެތައް ކަމެއް، ބޭރުގެ ސުވާލު އެންމެ ކަމަކަށް!

ކުރީގެ ރައީސްލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި އެ ކުށް ސާބިތުވުމުން 13 އަހަރަށް ޖަލަށްލުމާ ގުޅިގެންނާއި މައްސަލައިގެ ޝަރީއަތާ ގުޅިގެން އެންމެ ގިނަ ސުވާލު އަމާޒުވާނީ ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީނަށެވެ. ހަމައެހެންމެ އެ ސުވާލަތަކަށް އެންމެ ފަސޭހައިން ޖަވާބު ދެވޭނެ ފަރާތަކީ ވެސް ސަރުކާރާއި ރައީސް ޔާމީނެވެ. ދައުވާ ރިވިއުކޮށް އަލުން ދައުވާކޮށް ޝަރީއަތް ގެންދިޔަ ގޮތުން އެތެރެއިންނާއި ބޭރުން ވެސް ދެކެނީ ސަރުކާރުން އެކަން ކޮށްފައިވަނީ ސިޔާސީ ނިޔަތެއްގައި ނޫފުޒު ފޯރުވައިގެން ކަމަށެވެ. އެ ވާހަކަތަކަށް ދެވޭ ރައްދެއްގެ ގޮތުގައި ސަރުކާރުން ވެސް އަދި ރައީސް ޔާމީން ވެސް ވިދާޅުވާނީ ދައުވާ ކުރުމަކީ އަދި ދައުވާއެއް ރިވިއު ކުރުމަކީ ސަރުކާރާބެހޭ ކަމެއް ނޫނޭ އެވެ. ޝަރުއީ ނިޒާމަކީ ވަކި ބާރަކަށްވާއިރު ޝަރުއީ ނިޒާމުގެ ތެރެއަށް ސަރުކާރަކުން ނުވަންނާނެއޭ އެވެ. އެއީ ސަރުކާރާއި ރައީސާ ބެހޭ ކަމެއް ނޫނޭ އެވެ. މިއަށް ދެން އިތުރަށް ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ މިއީ ވަރަށް ރަނގަޅު ގާނޫނީ ހުއްޖަތެކެވެ.

ރައީސް ނަޝީދު ހައްޔަރު ކުރުމާއި ދައުވާ ރިވިއުކޮށް އުފުލައި ޝަރީއަތް ހިންގައި ކުށް ސާބިތުކޮށް ވަނީ ނިންމާފަ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއެކު އެކަން ވެސް ޝަރުއީ ދާއިރާގެ ތެރެއިން ވަނީ ކުށް ސާބިތުވެގެން ނިމިފައެވެ. މިނޫނަސް މިދިއަ މަދު ދުވަސްކޮޅުގެ ތެރޭ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެތައް ކަމެއް ވަނީ ހިނގާފައެވެ. އެ ފުރޮޅު މިވަގުތުވެސް ދަނީ އެނބުރެމުންނެވެ. މިހުރިހާ ކަމަކާ ގުޅިގެން ބޭރުގެ ގައުމުތަކާއި ޖަމާއަތްތަކުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. އޭރުގެ ޕްރެޝަރެއް ނެތޭ ސަރުކާރުން ބުންޏަސް އެއީ އަދި މުޅީން ރަނގަޅު ވާހަކައެއް ހެނެއް ހީއެއް ނުވެއެވެ.

ރާއްޖެއާ ސްރީލަންކާއަށް ކަނޑައަޅާފައިވާ ގިނަ ސަފީރުން ތިއްބަވަނީ ސްރީލަންކާގަ އެވެ. އެފަދަ 29 ސަފީރަކު ސްރީލަންކާގައި ތިއްބަވަ އެވެ. މި މައްސަލަތަކާ ގުޅިގެން ރާއްޖޭގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރުގެ ޕްރެޝަރު ގްރޫޕްތަކާއި ވަފުދުތައް ވެސް ލަންކާއަށް ދަތުރުކޮށްފި އެވެ. ލައްކަ ގިނަ ކަންކަން ރާއްޖޭގެ މަޝްރަހާ ގުޅިގެން ލަންކާގައި ވެސް ހިނގައިފި އެވެ. އެހެންކަމުން ހިނގައިދާ ކަންކަމާ ގުޅިގެން ބޭރުގެ ފަރާތްތައް "ކެކޭ" މިންވަރު އެންމެ ބޮޑަށް ވަޒަން ކޮށްލެވޭނެ އެއް ބޭފުޅަކަށް ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު ޒާހިޔާ ޒަރީރު ވާނެ އެވެ. އަދި ލަންކާގެ ނޫސްވެރިންނަށް އެކަން އެނގޭނެ އެވެ.

"ގައިމުވެސް 2008 ގައި ހުރިހާ ދިމާއަކުން ރައީސް މައުމޫންގެ ސަރުކާރަށް ދިންވަރުގެ ޕްރެޝަރެއް މިވަގުތަކު ނެތް. އޭގެ ބަދަލުގައި ގައުމުތައް ތަމްސީލްކުރާ ޑިޕްލޮމޭޓުންގެ އޮތީ އެމީހުން ކަންބޮޑުވާ އެންމެ ސުވާލެއް،" ޒާހިޔާ ވިދާޅުވި އެވެ.

ބައެއް މީހުން ގަބޫލު ކުރިޔަސް ނުކުރިޔަސް ރައީސް ނަޝީދަކީ ސިޔާސީ ގޮތުން، ދުނިޔޭގައި ވަރަށް ހައި ޕްރޮފައިލް ބޭފުޅެކެވެ. އެމަނިކުފާނާ ގުޅުން ހުރި ކޮންމެ ކަމެއްގައި ސަރުކާރަށް ވެސް އަދި ދައުލަތަށް ވެސް ގޯހެއް ހެދިފައިވާނަމަ އެކަމަކާ ގުޅިގެން ގައުމުތަކާއި ބައިނައިލްއަގުވާމީ ޖަމާއަތްތަކުގެ ކަންބޮޑުވުން އޮންނާނެ އެވެ. އޭގެ ސަބަބުން ދައްޗާ ކުރިމަތިވާނެ އެވެ. މި ހަގީގަތް ގަބޫލު ކުރަންޖެހެ އެވެ. އެއީ މިވެނި ބާރެއްގެ ނޫނީ އެވެނި މުއައްސަސާއެއްގެ ކަމެކޭ ބުނެ ބޭރަށް ފެންނަ ގާނޫނީ ނަޒަރިއްޔާއަކުން ހަމައެކެނި ނިންމައެއް ނުލެވޭނެ އެވެ.

މިދާ ދުވަސްތަކުގައި ސްރީލަންކާގެ ބައެއް ނޫސްތަކަށް ބަލާލާއިރު ރާއްޖޭގެ މަސްރަހާ ބެހޭ ގޮތުން ބައެއް ޑިޕްލޮމޭޓުން ދައްކަވާފައިވާ ވާހަކަތައް މަތިމަތީން ނަމަވެސް ގެނެސްފައިވެއެވެ. އެފަދަ ހުރިހާ ލިޔުމެއްގައިވެސް ރާއްޖޭގެ މުޅި ސިޔާސީ މަސްރަހުގައި އެތައްކަމެއް އެއްފަހަރާ ހިނގަމުންދާ މިނދަނޑިވަޅުވެސް ސުވާލު އުފައްދަނީ އެންމެ ކަމެއްގެ މައްޗަށް ކަމަށް ބުނެ އެވެ. އެއީ ކީއްވެގެންތޯ ވެސް އަހަ އެވެ. އެއީ ހަމައެނި ރައީސް ނަޝީދުގެ ޝަރީއަތާ މެދު އުފައްދާ ސުވާލެވެ. އެނޫން ވާހަކައެއް ހައިލައިޓްކޮށްފައެއް ނުހުރެ އެވެ. އެކަމަކު ފުނަކަށް ނުދެ އެވެ.

"ޑިޕްލޮމޭޓުން އަޅުގަނޑާ ބައްދަލުކޮށްފައި އަދި ބައްދަލުވެގެން ވެސް ވިދާޅުވޭ ރައީސް ނަޝީދުގެ މައްސަލާގައި ޕޮލިޓިކަލީ ޑިސިޝަންތަކެއް ނަންގާވާފައިވާ ކަމަށް. އެހެން ނަމަވެސް އަޅުގަނޑުމެންމީ ސަރުކާރު، އަޅުގަނޑުމެން މި ބުނަނީ ބާރުތައް ވަކިވެފައިވާ ނިޒާމެއްގައި މި މައްސަލައަށް ސަރުކާރަކުން ޕްރެޝާކޮށް ޕުޝް ކުރުމެއް ނެތޭ. ސަރުކާރުގެ ވާހަކަ ގަބޫލު ކުރަން ޑިޕްލޮމޭޓުންނަށް ދަތިތަކެއް ހުރި ކަމަށް ގިނަ ބޭފުޅުން ވިދާޅުވޭ، ފެންނާން ހުރި ބައެއް ހަގީގަތްވެސް އޭގެތެރެެއިން ބައެއް ބޭފުޅުން ގަބޫލުފުޅެއް ނުކުރައްވާ،" މިދިއަ ބުރާސްފަތި ދުވަހު އަަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ޒާހިޔާ ވިދާޅުވި އެވެ.

ބޭރުގެ ބައެއް ޖަމާއަތްތަަކުން ބުނާ ގޮތުގައި ރާއްޖޭގެ ޓެރަރިޒަމް ގާނޫނަނީކީ މިއަދުގެ ދުނިޔެއާ ބީރައްޓެހި ގާނޫނެކެވެ. "އެބްޑަކްޝަން" ފަދަ ކަންކަން އެ ގާނޫނުގެ ތެރެއަށް ފައްތާފައިވާއިރު އެހެން ގިނަ ގައުމުތައް ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުގެ ޓެރަރިޒަމް ގާނޫނުތަކުގައި އެބައެއް ނުހިމެނެ އެވެ.

"ރައީސް ނަޝީދުގެ މައްސަލައި މިދަނީ އެބްޑަކްޓް ކުރުމާއި 'އުފުރާލައިގެނ'ް މިލިޓަރީގެ އެހީގައި ގެންދިއުން. އެކަން ފައްތާފައި މިއޮންނަނީ ޓެރަރިޒަމްގެ ތެރެއަށް އެހެންވީމާ އެއީ ވަރަށް ބޮޑު ކަންބޮޑުވުމަކަށްވޭ" ސްރީލަންކާގައި ނޫހެއްގައި ބޭރުގެ ޑިޕްލޮމޭޓަކާ ހަވާލާދީ ލިޔެފައި ވެއެވެ.

މިގޮތަށް ބައެއް ފަރާތްތައް ދުށް ނަމަވެސް ރާއްޖޭގެ ޕްރޮސެކިއުޝަންގެ ތެރެއިން އެކަން މާނަ ކުރަނީ މުޅީން އެހެނެއް ނޫނެވެ. ސަބަބަކީ މިލިޓަރީގެ އެހީގައި މީހަކު "އުފުރާލައިގެން" ގެންގޮސް ތަނެއްގައި ފޮރުވުމަކީ "އެރެސްޓެއް" ކަމަށް ނުބެލެވޭނެތީ އެވެ. ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގެ މައްސަލައަކީ "އެރެސްޓެއް" ކަމަށް ނުބެލެވޭ ގާނޫނީ ހުއްޖަަތުގެ ތެރޭގައި "އެރެސްޓް" އެއީ ފުލުހުންނަށް ހާއްސަ އަދި އެރެސްޓް ކުރެވޭ މީހުނަށް ހާއްސަ، ދޫނިދޫކަހަލަ ރިމާންޑް، ނޫނީ ޑިޓެންޝަން ތަނަކަށް ލުން ކަމަށްވާއިރު ގާޒީ ގެންދިއުމުގެ އެ ޕްރޮސެސް ފުރިހަމަކޮށްފައި ނުވުން ހިމެނެ އެވެ.

ސަރަހައްދުގެ މަޝްރަހު ދިރާސާ ކުރާ ސްރީލަންކާގެ ނޫސްވެރިޔަކު ބުނި ގޮތުގައި "މިލިޓަރީންގެ އެހީގައި ދިވެހި ރާއްޖޭގެ ރައީސްގެ އަމުރަށް ގާޒީއަކު ގަދަކަމުން އާމީ ޓްރޭނިން ކޭމްޕަކަށް ގެންދިޔަ ގެންދިއުމަކީ ހައިރާން ކުރުވި ކަމެކެވެ.

"އަހަންނަކަށް ނޭނގޭ އެއީ ލޯފްލް ކަމެކޭ ބުނާކަށް އެކަމަކު އަހަންނަށް އިނގޭ އެއީ އަންލޯފްލް ކަމެކޭ ބުނަން. އެއީ 'އެބްޑަކްޝަން ކިޑނެޕިން' އެއް. އެވަރުގެ ކަމެއްގައި ކިހިނެއް ރައީސަކަށް ވެސް ސަލާމަތްވާނީ. އެކަމަކު އެފަދަ ކަމެއްގެ ޝަރީއަތްވެސް އިންސާފުވެރިވާންޖެހޭނެ، ގާނޫނީ ހައްގުތައް ލިބެންޖެހޭނެ، އަހަރެމެނަށް އަޑު އިވެނީ ރާއްޖޭގައި ކަލޭމެންގެ ކުރީގެ ރައީސްގެ ޝަރީއަތް އެކޮޅުކޮޅުން ހިންގި ކަމަށް، ޑިފެންސަށް ފުރުސަތެއް ނެތް ކަމަށް،" އޭނާ ބުންޏެވެ.

މިހެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޒާހިޔާ ވިދާޅުވީ ރައީސް ނަޝީދުގެ ކޭސް ރިވިއު ކުރަން ޖެހުނީ ވެސް ނަޝީދުގެ ފަރާތްޕުޅުން އައި ޝަކުވާތަކާ ވެސް ގުޅިގެންނެވެ. އަދި އެއީ ޕްރޮސެކިއުޝަނަށް ކުރެވޭނެ ކަމަކަށްވެސް ވާތީ އެވެ.

"ކަންބޮޑުވުންތަކާއި ސުވާލު އުފައްދާފައި ބޭރުގެ ފަރާތްތައްވެސް އެއްބަސްވޭ އެއީ އަންލޯފްލް އެރެސްޓެއް ކަމަށް. އަނެއްކޮޅުން އަޅުގަނޑުމެނަށް ބުނެވޭ މިއީ ތިން އަހަރުވީ މައްސަލައެއް ކަމަށް ހުދު ނަޝީދު ވެސް އެބަ ވިދާޅުވޭ އެއީ އަންލޯފުލް އެރެސްޓެކޭ. ކުރެއްވީ ވަރަށް ސީރިއަސް ކުށެކޭ، އެކަމަކު ދައުވާ ކުރަނީ ބައްތި ނުދިއްލީމާ އަދަބުދޭ މާއްދާއިންނޭ. އަނެއްކާ މައްސަލައަށް އެހާ ދުވަސްވެފައިމެ ރައީސް ކަމަށް ވާދަ ކުރެއްވުމުގެ ފުރުސަތު ވެސް ލިބި ވަޑައިގެންނެވި. ނަޝީދު ކުރައްވާފައި ވަނީ ކުށެއް ނޫން ކަމަކަށް އަދަބު ލިބެން ނުޖެހޭނެ ކަމަކަށް ޝަރީއަތް ނުހިންގޭނެ ކަމަކަށް އެއްވެސް ޑިޕްލޮމޭޓަކު ވިދާޅެއް ނުވޭ. އެކަމަކު ޝަރީއަތުގެ ޕްރޮސެސް ގެންދިޔަ ގޮތުގެ އިންސާފުވެރި ކަމާމެދު ސުވާލު އުފައްދާ،" ޒާހިޔާ ވިދާޅުވި އެވެ.

ޒާހިޔާ ވިދާޅުވި ގޮތުގައި އިނގިރޭސި ހައިކޮމިޝަނާ އެކަމާމެދު ވާހަކަ ދެއްކެވި އިރު އެވަރުގެ ކަމެއް ރައީސް ނަޝީދު ކުރެއްވީ ކީއްކުރަންބާވައޭ ހިތްޕުޅަށް ފުރަތަމަ ވަގުތުވެސް އަރާވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

"ވިދާޅުވީ މިވަރުގެ ކަމެއް ކުރެއްވީ ގާޒީއާމެދު ކުރާ ތުހުމަތަކަށް ލޯފްލީ އެޅޭނެ ފިޔަވަޅުތައްވެސް ހުއްޓާ ނޫން ހެއްޔޭ. އެގޮތަށް އަމަލު ކުރެއްވުމުން ހައިރާންވެ ވަޑައިގެންނެވިއޭ، މި ނޫނަސް ދެން އެކި ދިމަ ދިމާއިން ތަފާތު ވާހަކަ އާދޭ ޕޮޒިޓިވް ކޮށާއި ނެގެޓިވްކޮށް ވެސް،"

ރާއްޖޭގެ މަސްރަހާ ގުޅިގެން ސަރުކާރާއި އަދި އިދިކޮޅު ފަރާތްތައްވެސް ވަނީ ސްރީލަންކާގައި ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ޕްރެޝަރު ކުޑަކުރަން ސްރީލަންކާ ސަރުކާރުގެ އެހީއަށްވެސް އެދުނެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މިހާތަނަށް ސްރީލަންކާގެ އާ ސަރުކާރުން މަސައްކަތެއް ކޮށްދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި މަޝްވަރާ އިސްކުރަން އެދޭ ކަހަލަ ލުއި ވާހަކައަކުން ކޮންސާނެއް ވަނީ ފާޅުކޮށްފަ އެވެ. މިއީ ރާއްޖެއާ ގުޅޭ ކަމެއްގައި ސްރީލަންކާ ސަރުކާރުން މިފަދަ ގޮތަކަށް ވެސް މިފަހަކުން އަމަލު ކުރި ފުރަތަމަ ފަހަރެވެ. ހަގީގަތުގައި ބޭރުގެ އެހެން ގައުމުތަކުން ކުރާ ސުވާލަށްވުރެ މިކަންވެފައި ވަނީ ދިވެހި ސަރުކާރު މާ ބޮޑަށް ހިތުޖެހުނު ކަމެއްހެން ހީވެއެވެ. ލަންކާ – ރާއްޖެއަކީ އެއްބަނޑު އެއްބަފާ ދެބެން ކަމަށް ދެކެގެން އުޅޭތީ އެވެ.

"އެހީއަށް އެދުނަސް އެއްޗެކޭ ނުބުނި. އަޅުގަނޑުމެން އެކަމާ ދެރަވޭ. އަސް ސްރީލަންކާ ސަރުކާރަކުން ދުވަހަކ ުވެސް ރާއްޖޭގެ އެތެރޭގެ ކަމަކަށް ސްޓޭޓްމަންޓެއް ނުނެރޭ އަނެއްކޮޅުން ސްރީލަންކާގައި ހިނގައިދިޔަ ހުރިހާ ކަމެއްގެ ތެރޭގައިވެސް ރާއްޖެއިން އެއްޗެއް ބުނެފައެއް ނެތް. އެއަށްވުރެ އެކުވެރިވެފައި ގާތް. އަނެއްކާ ހިއުމަންރައިޓްސް މައްސަލާގައި ސްރީލަންކާއަށް ރައްޓެއްސަކު ނެތް އިރުވެސް އަޅުގަނޑުމެން ތިބީ ސްރީލަންކާއާއެކުގައި. އެހެންވީމާ ކޮންސާންވެެއޭ ބުނުމުން ދެރަވޭ،" ޒާހިޔާ ވިދާޅުވި އެވެ. "އިހަށް ދުވަހު ފީލްޑް މާޝަލްކަން ސަރަަތު ފޮންސޭކާއަށް ދެއްވުމުން ބޭއްވި ރަސްމިއްޔާތާއި ރިޝެޕްޝަން ވެސް ވެސްޓަން ހުރިހާ ގައުމެއްގެ ސަފީރުން ބޮއިކޮޓް ކުރި. އެއީ ތަމަޅައިންގެ ކަންކަމުގައި ފޮންސޭކާ އިސްވެ އުޅުއްވާފައިވާތީ. އިޓަލީވެސް އޮސްޓްރޭލިޔާވެސް އިނގިރޭސި ވިލާތްވެސް އަދި ނެދަލަންޑްވެސްގެ ބޭފުޅުންވެސް ވަޑައެއް ނުގެންނެވި. އީޔޫއަކުން ވެސް ނުދިޔަ އެކަމަކު އަޅުގަނޑުމެން ދިޔައިމު،"

ނަން ނުޖެހުމަށް އެދިވަޑައިގެންނެވި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެއީ އެކަންވާނެ ގޮތެވެ. ސަބަބަކީ ސްރީލަންކާގެ މިހާރުގެ ސަރުކާރަކީ އިންޑިއާގެ މަދަދާއި އެމެރިކާގެ މަދަދު އޮތް ސަރުކާރަކަށްވުމާއި ރާއްޖެ އާއި އިންޑިޔާގެ ފޮރިން ޕޮލިސީގައި ތަފާތެއް ހުރުމެވެ. އިންޑިޔާ ބޭނުން ނުވާ ގޮތެއް ހެދުމަކީ ލަންކާއަށް މިހާރު ފަސޭހަވާނެ ކަމެއް ކަމަށް ނުބެލެވެ އެވެ.

އަނެއްކޮޅުން ސްރީލަންކާގައި ރާއްޖޭގެ އޮޕަޒިޝަން ވަރަށް ގިނަ ބޭފުޅުން ހަރަކާތްތެރިވެ އެވެ. ލަންކާ ސަރުކާރާއި އެހެން ދިމަދިމާގައި ވެސް އެބޭފުޅުންގެ ގާތް ބޭފުޅުން ތިބެ އެވެ. މިހާރު ދިމާވެފައިވާ މައްސަލަތަކުގައި އޭބޭފުޅުންގެ މަސައްކަތުން އުފައްދާ ސުވާލުތައް ވެސް ގިނަވެގެން ދިއުމުގެ އެއް ސަބަބަކީ އެއީ އެވެ. މީގެ ތެރެއިން ބައެއް ބޭފުޅުންނަކީ ހާރިޖީ ގުޅުންތަކުގެ ތެރޭގައި އުޅުއްވި ތަޖުރިބާކާރު އަދި ރަހުމަތްތެރީން ގިނަ ބޭފުޅުންނެވެ. އަދި މިހާރު ރާއްޖޭގެ ވަރަށް ގިނަ ޕާޓީ އިދިކޮޅުގައި އޮތުމުން ވެސް އެ ވާހަކަތައް ޕްރެޝަރުގެ ގޮތުގައި ސަރުކާރަށް ދައްކާނެ ޖާގަ ހުޅުވޭ ގޮތް ވެއެވެ.

ރާއްޖޭގެ ސިޔާސި މަސްރަހުގެ އެހެން ކަންކަން ބޭރުގެ ދުރުމިއަށް ނުފެނި ހަމައެކަނި ރައީސް ނަޝީދުގެ ޝަރީއަތާމެދު ސުވާލު އުފައްދާއިރު އެ މައްސަލައިގެ އެޕީލް ނުކުރައްވާ ސިޔާސީ ހައްލަކަށް ނަޝީދު އެދިވަޑައިގަތުމުން ދެން ކަން ހިނގާ ގޮތުން ވެސް އަންނާނީ ނަޝީދުގެ ސުވާލެވެ. އެކަން ވެސް އޮތީ ސަރުކާރުގެ އަތްމަތީގައެވެ.

ބޭރުގެ ކޮންސާންތައް އުފުލިގެން އަންނަ ގޮތާމެދު ވެސް ސުވާލު އުފެދެ އެވެ. އަނެއްކޮޅުން ސަރުކާރުގެ ބައެއްކަންކަން ހުންނަ ގޮތުން އެ ފުރުސަތުވެސް ލިބިގެންދާކަން ގަބޫލުވެސް ކުރަންޖެހޭނެ އެވެ. އަޑުއަހާ އަދި ޒިންމާދާރު ކަމާއެކު ޖަވާބުދޭ ސަރުކާރަކުން ކަން ކުރާނީ އެހެނެވެ.

ވަރަށް ގިނަ ޑިޕްލޮމޭޓުންނަށް ސަރުކާރުން ރައީސް ނަޝީދުގެ މައްސަލައާ ގުޅޭ ގޮތުން ކަންކަން އޮޅުން ފިލުވައިދެ އެވެ. ގިނަ ބޭފުޅުން ގަބޫލުފުޅުވެސް ކުރައްވަ އެވެ. މިސާލަކަށް ފްރެންޗް އެންމެބެސަޑަރު، ނަޝީދަށް ނިސްބަތް ކުރައްވާ "ވީ ބީލިވް ހީ ޑިޑޓް އިޓް" އޭ ވިދާޅުވި އެވެ. އެކަމަކު މީހުން ދެކޭ ގޮތާއި ދުނިޔެ ދެކޭ ގޮތް ބައެއް ސިޔާސީ ކަންކަމުގައި އަބަދުވެސް އޮންނާނީ ފާޑަކަށް ކައްޗަށެވެ. ސަރުކާރުން ވިސްނަންޖެހޭ ހިސާބަކީ އެއީ އެވެ.

"ކީއްތޯވާނީ ގާނޫނީ ޓީމަށް ފުރުސަތެއް ދިނިއްޔާ ކޯންޗެއްތޯ ގެއްލެނީ. ގައިމުވެސް އިންސާފުވެރިވީމޭ ބުނެވޭނެ، އެކަމަކު އަހަންނަށް އިވުނު ގޮތުގައި 10 ދުވަސް ވެސް ވަކީލުންނަށް ނުދިން. އެހެވީމާ ސުވާލު އުފައްދަން ބޭނުންވި ދިމަ ދިމާއަށް އެ ފުރުސަތު އޮތީ ދެވިފައި،" ލަންކާގެ ނޫސްވެރިޔާ ވިދާޅުވި އެވެ.

ހުރިހާ ކަމެއްގައި އެންމެ ފަސޭހަ ގާނޫނީ ހުއްޖަތް، "ތިންބާރު އޮތީ ވަކިވެފައޭ" ބުނުމަކީ ސުވާލަށް އޮތް ފަސޭހަ ޖަވާބެކެވެ. އެކަމަކު އެއީ މޮޅު ޖަވާބަކަށްވުރެ ޕްރެޝަރުގައުި ކެކޭ ޖަވާބެކެވެ.