ވިޔަފާރި

ކޮންސްޓެންސް ކުންފުނީގެ ރާއްޖޭގެ ރިސޯޓުތަކަށް ފެހި ސެޓްފިކެޓް!

ރާއްޖޭގައި ރިސޯޓު ހިންގަމުން ގެންދާ ކޮންސްޓެންސް ހޮޓެލް އެންޑް ރިސޯޓު ކުންފުނިން އިންޑިޔާ ކަނޑުގައި ހިންގަމުން ގެންދާ ރިސޯޓުތަކަށް "ގްރީން ގްލޯބް" ސެޓްފިކެޓް ލިބިއްޖެ އެވެ.

ތިމާވެއްޓާއި ރަހުމަތްތެރި ރިސޯޓުތަކަށް ދޭ މި ސެޓްފިކެޓް ލިބިފައިވަނީ ކޮންސްޓެންސް ހޮޓެލް އެންޑް ރިސޯޓް ކުންފުނިން ސީޝެލްސް އާއި މޮރިޝަސް އަދި ރާއްޖޭގައި ހިންގާ ރިސޯޓު ތަކަށެވެ.

ކޮންސްޓެންސް ހޮޓެލް އެންޑް ރިސޯޓުގެ ސީއީއޯ ޖެން ޖެކުއެސް ވެލެޓް ވިދާޅުވީ މި ރިސޯޓުތަކަށް ގްރީން ގްލޯބް ސެޓްފިކެޓް ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ވަރަށް އުފާކުރަން އިންޑިޔާ ކަނޑުގައި ހިންގަމުން ގެންދާ ހަ ރިސޯޓަކަށް ގްރީން ގްލޯބް ސެޓްފިކެޓް ލިބުމުން،" ޖެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ރިސޯޓުތަކަށް ގްރީން ސެޓްފިކެޓް ލިބުނީ ތިމާވެޓާއި ރަހުމަތްތެރި ރިސޯޓަކަށް ބަދަލު ކުރުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. ކުނި ނައްތާލުމާއި ރިސޯޓުން ޖައްވަށް ބޭރުކުރާ މާއްދާތައް މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ޖެން ވިދާޅުވި އެވެ.

ކޮންސްޓެންސް ކުންފުނިން ރާއްޖޭގައި ހިންގަނީ ކޮންސްޓެންސް ހަލަވެލި ރިސޯޓާއި ކޮންސްޓެންސް މޫފުށި ރިސޯޓެވެ.