ދުނިޔެ

މިސްރުގެ ފައްޅިތަކަށް ދިން ހަމަލާ ސައުދީ އިލްމުވެރިން ކުށްވެރިކޮށްފި

Apr 11, 2017
1

މިސްރުގެ އިސްކަންދަރިއްޔާއާއި ތަންތާގައިވާ ނަސާރާއިންގެ ދެ ފައްޅިއަކަށް އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތައް ސައުދީ އަރަބިއްޔާގެ އިސް އިލްމުވެރިންގެ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ އަލް އަރަބް ނޫހުން މިއަދު ބުނީ ބޮމުގެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރީ ސައުދީ އިސް އިލްމުވެރިންގެ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ކަމަށެވެ. ބަޔާނުގައި ބުނެފައި ވަނީ އެފަދަ ހަމަލާތައް ދިނުމަކީ " ހަރާމް ކަމެއް ކަމަށް " އިސްލާމްދީނުގައި އިޖުމާއުވެފައިވާ ކަމަށެވެ.

"ބޮމުގެ މިހަމަލާތަކަކީ އިސްލާމްދީނުގެ އެތައް އަސްލުތަކަކާ ހިލާފު ހަަމަލާތަކެއް،" ސައުދީ އިލްމުވެރިން ނެެރުއްވި ބަޔާނުގައި ބުނެފައި ވެއެވެ.

ޓެރަރިޒްމް ނައްތައިލެވޭނީ ގުޅިގެން ކަމަށާއި ޓެރަރިޒަމަކީ އެއްވެސް ގައުމަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ކަމެއް ނޫން ކަމަށް ވެސް ސައުދީ އިލްމުވެރިންގެ ބަޔާނުގައި ބުނެފައި ވެއެވެ.

"މިކަން ކުށްވެރި ކުރުމުގައި މުސްލިމުން ދުނިޔޭގެ އެންމެންނާ ބައިވެރިވޭ. އެކަމުގެ ( ޓެރަރިޒަމް)ގެ މަސްދަރުތައް ނައްތާލައި އެކަމުގެ ފަހަތުގައިވާ ގްރޫޕްތަކާ ހަނގުރާމަ ކުރުމަށް ބައިނަލް އަގުވާމީ ގޮތުން އިޚުލާސްތެރި އެއްބާރުލުން އަހަރެމެން ބޭނުން،" ސައުދީ އިލްމުވެރިންގެ ބަޔާނުގައި ބުނެފައިވާ ކަމަށް ނޫހުގައި ވެއެވެ.

މިސްރުގެ ބައިމަދު ނަސާރާއިންނާ ދެކޮޅަށް ތަންތާއާއި އިސްކަންދަރިއްޔާގައި ދިން ބޮމުގެ ހަމަލާތަކުގައި 44 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވިއެވެ. އެހަމަލާތަކުގެ ޒިންމާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ( އައިއެސް) އިން ވަނީ އުފުލާފައެވެ. އިއްޔެގެ ހަމަލާތައް ދިނީ ނަސާރާއިން ފާހަގަ ކުރާ ހާއްސަ އިހުތިފާލެއް ކަމަށްވާ "ޕާމް ސަންޑޭ" ފާހަގަކުރުމަށް ޗާޗްތަކަށް މީހުން ޖަމާވެފައި ވަނިކޮށެވެ.