ކުޅިވަރު

ފުޓްބޯޅައިގެ ފުރަތަމަ ސްޓްރެޓެޖިކް ޕްލޭން 20 އަހަރުގެ އަމާޒެއް

Apr 11, 2017

ރާއްޖޭގެ ފުޓްބޯޅައިގެ ހަޔާތުގައި ފުރަތަމަ ފަހަރަށް އެކުލަވާލާ ސްޓްރެޓެޖިކް ޕްލޭން، އަމާޒު ކުރެވިފައި ވަނީ 20 އަހަރު ދުވަހަށް ބަހާލައިގެން އަމާޒުތައް ހާސިލު ކުރާ ގޮތަށް ކަަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލިލް ވިދާޅުވެއްޖެ އެވެ.

މީޑިއާގައި ވާހަކަ ދައްކަވަމުން ބައްސާމް ވިސްނުން ހުރީ 20 އަހަރު ތެރޭ ކޮންމެ ފަސް އަހަރަކުން، ބޮޑެތި އަމާޒުތައް ހާސިލު ކުރާ ގޮތަށް ކަމަށެވެ.

"ފައިވް އިއާ ފައިވް އިއާ ޓާގެޓްތަކެއް ކަނޑައެޅިގެން، ޓާގެޓްސްތަކަށް ރީޗް ކުރަން، އެއްފަހަރަކުން ނުދެވޭނެ ކަންނޭންގެ އެންމެ ބޭނުންވާ ހިސާބަކަށް، އެހެން ނަމަވެސް ބައިބަޔަށް ޓާގެޓްސްތަކެއް ކަނޑައެޅިގެން، އެ ޓާގެޓްތަކަށް ރީޗް ވެގެން ޖުމުލަކޮށް، 20 އަހަރު ނިމޭއިރު އަޅުގަނޑުމެން އެންމެ ބޭނުންވާ ހިސާބަށް ދެވޭ ވަރަށް،"

"މިހެދެނީ 20 އަހަރުގެ ޕްލޭނެއް ނަމަވެސް ކުރު އަދި މެދު، އަދި ދުރު ރާސްތާ ޕްލޭން ތަކެއް އެކުލެވިގެން ދާނެ،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސްޓްރެޓެޖިކް ޕްލޭންގެ އޮނިގަނޑު އެކުލަވާލުމަށް ޓެކްނިކަލް ޑައިރެކްޓާ ކޭން ވަންލީގެ ބެލުމުގެ ދަށުން ކުރިއަށް ހަވާލު ކޮށްފައި ވާނެ ކަމަށެވެ.

ބާއްސާމް ވިދާޅުވެފައި ވަނީ ރާއްޖޭގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލާނީ ދިވެހިން ކަމަށެވެ. މީގެ ކުރިން އަވަސްއަށް ދެއްވި އިންޓަވިއުގައި ބައްސާމް ވިދާޅުވީ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގެ މަރުހަލާގެ ތެރެއިން ފުޓްބޯޅައިގެ ހުރިހާ ސްޓޭކް ހޯލްޑަރުންގެ ބައިވެރިވުމުން ހޯދާނެ ކަމަށެވެ.

ޓެކްނިކަލް ޑައިރެކްޓާ ވަންލީ ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ އަށް އޭނާގެ ވިސްނުން ހުރީވެސް ދުރުރާސްތާއަށް އަމާޒު ކޮށްގެން ކަންތައްތަކެއް ހާސިލު ކުރުމަށް ކަމަށެވެ.

"އަހަރެންގެ އޮތީ ދުރު ރާސްތާގެ ޕްލޭނެއް، އެހެންވެ އެހާ އަވަހަށް މި މަސައްކަތުގެ ފޮނި މޭވާ ނުލިބިދާނެ، މިއަދު މުޅި ދުނިޔޭގައިވެސް ފުޓްބޯޅައިގެ ކާމިޔާބާ ހަމަޔަށް ދެވެނީ ދުރު ރާސްތާ އަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތުން، އަހަރެން އެދެން ހުރިހާ ފަރާތްތަކުން ކެތްތެރިވެ މި މަސައްކަތުގައި އެއްބާރުލުން ދިނުން." ވަންލީ ވިދާޅުވެފައިވެ އެވެ.