ދުނިޔެ

ދަރިވަރަކު ދަންޖެހެން އުޅުމުން އިންޑިއާ ދަރިވަރުންތަކެއް ކޮލެޖަށް ހަމަލާދީފި

Apr 12, 2017

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކައްޓަޗިރާ ނަމަަކަށް ކިޔާ ރަށުގައި ހުންނަ އިންޖިނިއަރިން ކޮލެޖެއްގެ ދަރިވަރަކު ދަންޖެހިގެން މަރުވާން އުޅުމުން، އެކަމުގައި ކޮލެޖުން އިހުމާލުވެފައިވާ ކަމަށް ބުނެ ދަރިވަރުން ކުރި މުޒާހަރާއެއްގައި ކޮލެޖްގެ އިމާރާތާއި ތަކެއްޗަށް ގެއްލުންދީފިއެވެ.

ދަ ހިންދޫ ނޫހުން ބުނީ ސްރީ ވެއްލަ ޕައްލީ ނަޓީސަން ކޮލެޖް އޮފް އިންޖިނިއަރިން ގެ މެނޭޖްމަންޓާ ދެކޮޅަށް ސްޓޫޑެންޓް ފެޑެރޭޝަން އޮފް އިންޑިއާއި( އެސްއެފްއައި) އިން އިންތިޒާމްކޮށްގެން ބޭއްވި ހިނގައިލުމެއް ހަމަނުޖެހުމަކަށް ބަދަލުވެ، ދަރިވަރުންތަކެއް ކޮލެޖްގެ ތެރެއަށް ވަދެގަތީ ފުލުހުން ބަހައްޓާފައިވާ ބެރިކޭޑްތައް ގަދަކަމުން ވައްޓާލައިގެން ކަމަށެވެ. އެގޮތުން ވަދެގަތް ދަރިވަރުން ވަނީ ކޮލެޖްގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅާލައި، އިލެކްޓްރޯނިކް ސާމާނުތައް ހަލާކުކޮށްފައިވާ ކަމަށް ނޫހުން ބުންޏެވެ.

އެސްއެފްއައި އިން ތުހުމަތުކުރާ ގޮތުގައި އެކޮލެޖްގައި ކޯހެއްގެ ދެވަނަ އަހަރުގައި ކިޔަވަމުން އައި ދަރިވަރު އަމިއްލައަށް މަރުވާން އުޅުނީ ކޮލެޖްގައި އޭނާއަށް އިހާނެތިކޮށް ހިތުމުން ކަމަށެވެ.

ދަރިވަރުންތައް ކޮލެޖަށް ވަދެގަތުމުގެ ތެރޭގައި ހިންގި ހަމަނުޖެހުމުގައި ފުލުހުންގެ ފަސްމީހަކަށާއި ބައެއް ދަރިވަރުންނަށް ވެސް އަނިޔާވިއެވެ.

މުޒާހަރާ އިންތިޒާމްކުރުމުގައި އިސްކޮށް އުޅުނު، އެސްއެފްއައިގެ ދެލީޑަރަކާ ދެކޮޅަށް ފުލުހުން ވަނީ މައްސަލައެއް ރަޖިސްޓްރީކޮށްފައެވެ.


ސްރީ ވެއްލަ ޕައްލީ ނަޓީސަން ކޮލެޖް އޮފް އިންޖިނިއަރިން އިން ބުނީ ދަރިވަރުން ކޮލެޖަށް ދިން ގެއްލުމުގެ ތަފުސީލުބަލާފައިވާ ކަމަށާއި ގެއްލުމުގެ އަގު ދެ ކްރޯޑް ރުޕީސްއަށް އަރާ ކަމަށެވެ.