ކުޅިވަރު

ވެލެންސިއާ އާއި އީގަލްސް އެއްގޮތް، ކުޅެން ފަސޭހަ ވާނެ

Apr 11, 2017

ވެލެންސިއާ އާއި އީގަލްސް އަކީ ކުޅުމުގެ ސްޓައިލްގައި އެއްގޮތް ދެ ޓީމު ކަމަށާއި އެހެންވެ، އީގަލްސްއަށް ވެލެންސިއާ ދެކޮޅަށް ކުޅެން ފަސޭހަ ވާނެ ކަމަށް، އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

އެސްޓީއޯ މާލޭ ލީގްގައި މާދަމާ ހަވީރު، ވެލެންސިއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން، މީޑިއާގައި ވާހަކަ ދައްކަމުން ސާންތީ ބުނީ، ވެލެންސިއާ އަކީވެސް އީގަލްސް ކުޅޭހެން، ތިރިން ޕާސްކޮށްގެން ކުޅޭ ޓިމެއް ކަމަށައި އެހެންވެ ވެލެންސިއާ ދެކޮޅަށް ކުޅެން ފަސޭހަ ވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިދިޔަ އަހަރު ތަކުގައި ކުޅެފައި ހުރި މެޗުތަކަށް ބެލިޔަސް، ވެލެންސިއާއާ ދެކޮޅަށް ކުޅޭކަށް އަޅުގަނޑުމެންނަށް އުނދަގުލެއް ނޫން، ފަސޭހަ ހަމަ ކުޅެލަން،"

ގާތްގަނޑަކަށް 20 ދުވަހުގެ ބްރޭކަކަށް ފަހު، ލީގް މެޗުތަކާ ކުރިމަތިލާއިރު، އީގަލްސް އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، މިސީޒަންގައި އަދި މިހާތަނަށް މެޗެއް ނުކުޅެ ހުރި، މުހިންމު ދެ ކުޅުންތެރިން ކަމަށްވާ، އަހްމަދު ރިޒްވާން (ރިޒޭ) އާއި މިދިޔަ ތިން އަހަރު މާޒިޔާގައި ހޭދަ ކުރުމަށް ފަހު މިއަހަރު އީގަލްސްއަށް އަލުން ބަދަލުވި އަހްމަދު ނާޝިދު (ނާއްޓޭ) އެވެ. ސާންތީ ބުނީ އެ ދެކުޅުންތެރިންވެސް މާދަމާ ފުރަތަމަ އެގާރައިން ފެންނާނެ ކަމަށެވެ.

ނަމަވެސް ސާންތީ ބުނީ ގިނަ ދުވަސްތަކެއްގެ ބްރޭކަކަށް ފަހު، މެޗާ ކުރިމަތިލާން ޖެހުމަކީ ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި ގިނަ މެޗުތަކެއް އީގަލްސްއަށް ހަވީރު ކުޅެން ހުރުމުން ސާންތީ ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އޭނާ ބުނީ، މިދުވަސް ކޮޅު ހަވީރުވެސް ވަރަށް ހޫނު ކަމަށާއި އީގަލްސްގެ އިތުރުން އެހެން ޓީމުތަކަށްވެސް، ހަވީރު ކުޅެން ޖެހުމުން އުނދަގޫވާނެ ކަމަށެވެ.

އީގަލްސްއަށް އަދި އެހެން މައްސަލައެއްވެސް އެބައޮތެވެ. އެއީ އެ ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ބޭނުން އެންމެ އެދެވޭ ގޮތަށް ހިފިފައި ނުވުމެވެ. ގޯލްކީޕަރު ލަންކާގެ ސޫޖަން ޕެރޭރާ ފިޔަވައި، މި ސީޒަންގައި، އީގަލްސްއަށް އެދެވޭ ގޮތުގައި ބޭނުން ހިފޭ ބިދޭސީ ކުޅުންތެރިޔެއް ނެތެވެ. ސާންތީ ބުނީ ސޫޖަން ފިޔަވައި އެހެން ބިދޭސީ ކުޅުންތެރިޔެއް މާދަމާގެ ފުރަތަމަ 11 އިން ނުފެންނާނެ ކަމަށެވެ.

"މި އަހަރު އީގަލްސްގެ ވަރަށް ބޮޑު މައްސަލައެއް މިއީ ބިދޭސީ ކުޅުންތެރިންގެ މައްސަލަ، ގެނައި ދެކުޅުންތެރިންގެ ވެސް މައްސަލަ އެބަ ހުރި، މިސްރު ޑިފެންޑަރާއި ހޮލެންޑްގެ ފޯވަޑަކީ ޓީމުގައި މިހާރު ތިބި ކުޅުންތެރިންނަށް ވުރެ މާ ތަފާތު ކުޅުންތެރިންނަށް ނުވާތީ އެހެން ވިސްނުމަކަށް ދާން އެބަޖެހޭ، ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެންނަށްކަށް ނެތް އެހެން ކުޅުންތެރިންތަކެއް ޖެހޭކަށް،"

"ފުރަތަމަ ޑިވިޝަންގެ އެހެން ޓީމުތަކަށް ވަރަށް ބޮޑު ތަފާތެއް ގެނުވާ ބިދޭސީ ކުޅުންތެރިން، އެހެންނަމަވެސް އީގަލްސްއަށް މިހާރު އޮތް އެންމެ ބޮޑު ޗެލެންޖަކީ ބިދޭސީ ކުޅުންތެރިންގެ ފެންވަރު ނެތުން،" ސާންތީ ބުންޏެވެ.

ނަމަވެސް އީގަލްސްގެ ކުލުންތެރިންނަކީ ޓީމެއްގެ ގޮތުގައި ވޭތުވެދިޔަ ތިން އަހަރު އެއްކޮށް ކުޅެފައިވާ ކުޅުންތެރިން ކަަމަށް ވުމުން، ޓީމު ވޯކް އިންނާތީ އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.