ވޭތުވެދި ދެތިން އަހަރެއް ކުރިން ސުރެވެސް ވެލެންސިއާއިން ކެނޑިނޭޅި މަސައްކަތް ކުރަނީ، ޕާސިންގޭމެއް ކުޅެން ކަމަށް އެޓީމުގެ ހެޑްކޯޗްގެ މަސްއޫލިއްޔަތު އުފުލަމުންދާ އަހްމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
މިއަހަރު ވެލެންސިއާގެ ހެޑް ކޯޗްގެ މަގާމާ ހަވާލުވި ފެސްކޯ ބުނީ އޭނާ ވެލެންސިއާއަށް އައުމުގެ ކުރިންވެސް، ވެލެންސިއާގައި ބައްޓަން ކުރަމުން ދަނީ، ޕާސިން ގޭމެއް ފައްކާކޮށްގެން ކުޅުމަށް ކަމަށެވެ.
"ވެލެންސިއާ ޓިމަކީ ވަރަށް ޕާސިން ގޭމަށް ލޯބި ކުރާ ޓީމެއް، ވެލެންސިއާ ހުރިހާ ކުޅުންތެރިންނަކީވެސް އެކަހަލަ ގޮތަކަށް ކުޅެމުން އަންނަ ޓީމެއް، އަދި ހާއްސަކޮށް ވެލެންސިއާގެ ކޯޗިން ޓީމު ބޭނުންވާ އެންމެ މުހިންމު ކަމަކީ ރީތި ފުޓްބޯޅައެއް ބެލެންތެރިންނާ ހަމަޔަށް ފޯރުކޮށް ދިނުން،"
އަޅުގަނޑުމެން އެއްވެސް އިރަކު ބޯޅަ ޖަހާފަ ބޯޅަ ފަހަތުން ދުވެފައި ނުވަތަ އެކަކު އަތަށް ބޯޅަ ދީފައި ދެންތިބި މީހުން ފެން ބޯންދާ އުސޫލެއް ނޫން މި ގެންގުޅެނީކީ، އަބަދުވެސް މަސައްކަތް މިކުރަނީ ޓީމެއްގެ ގޮތުގައި ކުޅެގެން އެކަން ކުރެވޭތޯ އެ މަސައްކަތް ކެނޑިނޭޅި ކުރަމުން މިގެންދަނީ،"
ފެސްކޯ ބުނީ ޓެކްނިކަލް ޑައިރެކްޓާ އިސްމާއިލް އާސިފް (ކުޑަ ހީނާ) އާއި އެސިސްޓެންޓް ކޯޗް މުހައްމަދު އިގްބާލް (އައިކިޔު) ގެ ބެލުމުގެ ދަށުން މީގެ ދެންތިން އަހަރު ކުރިންވެސް ވެލެންސިއާ މަސައްކަތް ކޮށްފައިވާނީ ޕާސިން ގޭމެއް ކުޅޭ ޓީމެއްގެ ގޮތުގައި ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ނިއުރޭޑިއަންޓާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގައި އެޓީމު ވަނީ، ނިއުއާ ދެކޮޅަށް ރަނގަޅު ފައިޓެއް ދީ ގޯލް ޖަހަން ފުރުސަތު ތަނަވަސް ކޮށްފަ އެވެ. ތަނަވަސް ގިނަ ފުރުސަތުތަކެއް ވެލެންސިއާ ލިބުނު އިރު އެއްވެސް ފުރުސަތެއް ގޯލް ރޮނގު އެތެރެ ކޮށްލެވިފައެއް ނުވެ އެވެ.
ފެސްކޯ ބުނީ ނިންމާ ނުލެވުމުގެ މައްސަލަ އެއް ދުވަހުން ރަނގަޅު ނުކުރެވުނު ނަމަވެސް، ކުރިއަށް ތަނުގައި އެކަން ވަރަށް ބޮޑުންތަން ރަނގަޅު ކުރެވޭނެ ކަމަށެވެ.