ކުޅިވަރު

ހަމަ މަގަށް އެޅެން ވިކްޓަރީ ބޭނުން ވަނީ މޮޅެއް

Apr 12, 2017

ޓީމުގައި ހުރި މައްސަލަތައް ރަނގަޅުވެ ކުރި އެރުން އައިސްފައިވާ ކަމަށާއި، ރަނގަޅު މަގަށް އެޅެން ވިކްޓަރީއަށް ބޭނުން ވަނީ މޮޅެއް ކަމަށް، ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ޓީސީއާ ދެކޮޅަށް މިރޭ ކުޅެ މެޗުގެ ކުރިން، ސުޒޭން ބުނީ ޓީމަށް ދިމާވެފައިވާ ފިޓްނަސް މައްސަލައަށްވެސް ކުރިއެރުން ލިބިފައިވާ ކަމަށާއި އަދި ކުޅުންތެރިނަށް މެދުވެރިވެފައި އޮތް ހާލަތު ރަނގަޅު ވެގެން ދިއުމުން ކުޅުންތެރިންގެ މޯޓިވޭޝަނަށް ވެސް ކުރި އެރުން އައިސް ފައިވާ ކަމަށެވެ.

"މިހާރު ވަރަށް ބޮޑުބައި ހަމަގައިމުވެސް ރަނގަޅުވާނެ، ފުދޭވަރެއްގެ ބޮޑު ފުރުސަތެއް ލިބިފައި އޮތީ ޓްރޭނިންތައްވެސް ރަނގަޅަށް ކުރިއަށް ގެންދަން،" ގައުމީ ޓީމަށް އައި ބްރޭކާއި މާލޭގައި ފެތުރުނު ސްވައިން ފުލޫއާ ގުޅިގެން، މެޗުތައް މެދުކަނޑާލުމަށްފަހު ލިބުނު ބްރޭކްގައި ކުރިއަށް ގެންދިޔަ ޕްރެކްޓިސްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.

މި ސީޒަނަށް ވިކްޓަރީ ގެ ކޯޗަކަށް ފުރަތަމަ ހަމަޖެއްސި، ޝާޒްލީ މުހައްމަދު ކޯޗް ކަމުން ދުރު ކުރުމުން، ސީޒަން ފެށެން ކުޑަތަން ވެފައި ވަނިކޮށް ކޯޗް ކަމާ ހަވާލުވި ސުޒޭން ވަނީ ވިކްޓާރީގެ ކުޅުންތެރިންނަށް އެންމެ އެދެވޭ ޓްރެއިނިން ލިބިފައި ނެތުމުން ފިޓްނަސް ދަށްވުމުގެ މައްސަލަ ކުރިމަތި ވެފައިވާ ކަން ފާހަގަ ކޮށްފަ އެވެ.

"އޭރުގައި ހުރި ފިޓްނަސް މައްސަލަތައް ހަމަ ގައިމުވެސް ދެން ދިމައެއް ނުވާނެ، އަދި ކުލަބު ތަކުގެ (މާލީ) ހާލަތު ބަދަލު ކޮށްލީމަ ކުޅުންތެރިންގެ މޯޓިވޭޝަންވެސް އިތުރު ވެގެންދާނެ، ވިކްޓަރީއަށް އެކަން ވަރަށް ބޮޑަށް ބަދަލު ކޮށްލަން ފުރުސަތު ލިބިގެން ގޮސްފައި މިއޮތީ، އެހެންވީމަ އުންމީދީ މެޗެއް [ކުރިއަށް] މިއޮތީ،"

އޭނާ ބުނީ އެފްއޭއެމް މެދުވެރިކޮށް ކުލަބު ތަކުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ފޯރުކޮށްދޭ އެހީ ގެ ސަބަބުން ކުޅުންތެރިންގެ ކަންކަން ހަމަޖައްސައިދޭން ފުރުސަތު ތަނަވަސް ވެ ކުޅުންތެރިންގެ މޯޓިވޭޝަން ވަރަށް ބޮޑުތަން ރަނގަޅު ވެގެން ހިނގައްޖެ ކަމަށެވެ.

މިރޭ އިދިކޮޅަށް ނިކުންނަ ޓީސީއާ ބެހޭގޮތުން ސުޒޭން ބުނީ އެ ޓީމު މިއަހަރު ގިނަ މެޗުތަކެއް ކުޅެ، ބަނގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބަރާތް ކާމިޔާބު ކޮށްފައި އޮތުމުން އެޓީމުގެ ފެންވަރު ވަރަށް ބޮޑުތަން ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް، ޓީސީ އޮތް ހާލަތަށް ވިސްނުމަށް ވުރެ ވިކްޓަރީ ވިސްނަންވީ ޕޮއިންޓް ތަކެއް ހޯދައި މިހާރު އޮތް ހާލަތުން އަރައިގަތުން ކަމަށެވެ.

"ހަމަ ރަނގަޅު އެއް މޮޅު ވިކްޓަރީ އަށް ބޭނުން ވަނީ، އިރާދަކުރެއްވިއްޔާ އެހިސާބުން ވިކްޓާރީ ރަނގަޅު މަގަށް އެޅިގެންދާނެ،"

ވިކްޓަރީ ލީގްގައި ކުޅުނު ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. ސުޒޭން ބުނީ މިހާރު އޮތް ގޮތުން ފުރަތަމަ ބުރުގައި ވިކްޓާރީއިން މަދުވެގެން 10 ޕޮއިންޓް ހޯދައިގެން މެނުވީ ދެ ވަނަ ބުރުގައި ރަނގަޅު ހިސާބަކަށް ނުދެވޭނެ ކަމަށެވެ.