ހަބަރު

ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބާރުގެ ބޭނުން ކުރެވޭނެ: ކުރީގެ ފޮރިން މިނިސްޓަރު

ރާއްޖެ އިން އިންޑިއާގެ މަސްލަހަތު ހިމާޔަތް ނުކުރާ ނަމަ އިންޑިއާގެ އަސްކަރީ ބާރު ބޭނުންކޮށްގެ އެކަމަށް ހައްލެއް ހޯދިދާނެ ކަމަށާއި މިހާރު މި ވަނީ އެފަދަ ހާލަތެއް މެދުވެރިިވެފައި ކަމަށް ކުރީގެ ފޮރިިން މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ނަސީމް މިހެން ވިދާޅުވެފައި ވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ ފަސްޓްޕޯސްޓް އަށް ދެއްވާފައިވާ އިންޓަވިއުއެއްގަ އެވެ. އޭނާ 2007 ވަނަ އަހަރު ލަންކާ އިން ބައްލަވައިގެންފައިވާ ގެއެއްގައި އިންނަވައިގެން ދެއްވި ކަމަށް ބުނާ އިންޓަވިއުގައި ވިދާޅުވެފައި ވަނީ އިންޑިއާގެ މަސްލަހަތު ހިމާޔަތް ކުރުމަށް އިންޑިއާ އަށް ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަދެވޭނެ ކަމަށް ބުނާ އެއްބަސްވުމެއް އޮންނަ ކަމަށެވެ.

"މިކަމުގައި ގޮތެއް ނިންމާނީ އިންޑިއާ އިން. އިންޑިއާގެ މުހިންމު މަސްލަހަތުތަކަށް އިހުމާލުވެ އަޅާނުލައި ނަމަ އެކަމުގެ ތެރެއަށް ވަނުމުުގެ ބާރު ލިބިދޭ އެއްބަސްވުމެއް އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމުކޮށްފައި އޮވޭ. އަޅުގަނޑު އަމިއްލަ ވިސްނުމަކީ އިންޑިއާގެ ގައުމީ މަސްލަހަތަށް ރާއްޖޭގައި މިހާރު ވަނީ ނުރައްކާ ވެފައި ކަމަށް،" ނަސީމް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ނަސީމް ވިދާޅުވެފައި ވަނީ އިންޑިއާ އަށް ނުރައްކާވެއްޖެތޯ ނިންމާނީ އިންޑިއާ އިން ކަމަށެވެ.

ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އިންޑިއާ ވަނުމަށް ބާރުއަޅާފައި ހުންނަ ލިޔުންތައް ވަރަށް ގިނައިން ޝާއިއުކުރާ ނޫހަށް ދެއްވި އިންޓަވިއުގައި ނަސީމް މި ޖަވާބު ދެއްވާފައި ވަނީ އިންޑިއާ އިން ރާއްޖޭގައި އަސްކަރީ ބާރުގެ ބޭނުންކޮށްފާނެތޯ ކުރި ސުވާލާ ގުޅިގެންނެވެ.

ނަޝީދުގެ ވެރިކަން ވެއްޓުމާ ގުޅިގެން ލަންކާގައި ދިރިއުޅުއްވާ ނަސީމް ވިދާޅުވެފައި ވަނީ ޗައިނާގެ ސިޔާސަތުގެ ސަބަބުން އިންޑިއާގެ މަސްލަހަތަށް ނުރައްކާވަމުން އަންނަ ކަމަށާއި އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.

"ޗައިނާ އިން ގާއިމުކުރާ ސިލްކު ރޫޓަކީ ވެސް ހީލަތެއް. އެއީ މުޅިން އެހެން ނިޔަތެއްގައި ކުރާ ކަމެއް. އޭގައި ރާއްޖެއިން ބައިވެރިވާންވީ ކީއްވެ؟ ރާއްޖެ އަކީ އެއް އިރެއްގައި ވެސް ސިލްކް ރޫޓުގައި ބައިވެރިވި ގައުމެއް ނުން،" ޗައިނާގެ ވިޔަފާރި ފުޅާކުރާ ސިލްކް ރޫޓާ ބެހޭ ގޮތުން ނަސީމް ވިދާޅުވެފައިވެ އެވެ.

ލަންކާގެ ވެރިކަމުުގަައި މަހިންދަ ރާޖަޕަކްސަ ހުންނެވި އިރު ޗައިނާއާ ބޭއްވި ގުޅުންތަކުގެ ސަބަބުން ރާޖަޕަކްސަގެ ވެރިކަން ބަދަލުކޮށްލަން އިންޑިއާގެ ޖާސޫސީ އިދާރާ އިން ކޮށްފައިވާ ކަމަށް ބެލެވޭ މަސައްކަތްތައް ރާއްޖޭގައި ތަކުރާރު ކުރުމާ ބެހޭ ގޮތުން ފަސްޓްޕޯސްޓްގެ ރިޕޯޓްގައި ހިޔާލު ފާޅުކޮށްފައިވެ އެވެ.