ވިޔަފާރި

ދަސްވާރު ޕްރޮގްރާމަށް 23 ދަރިވަރުން ތަމްރީން ކުރަން އެސްޓީއޯއާ ހަވާލުކޮށްފި

Mar 29, 2015

"ދަސްވާރު ޕްރޮގްރާމް" އަށް 23 ދަރިވަރުން ތަމްރީން ކުރަން އެޑިއުކޭޝަން މިނިސްޓްރީން އެސްޓީއޯއާ މިއަދު ހަވާލުކޮށްފި އެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ "ދަސްވާރު" ޕްރޮގްރާމުގެ ކޯޑިނޭޓަރު ޝާފިޔާ ރަޝީދެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ފަސް ދާއިރާއަކުން އެސްޓީއޯގައި ދަރިވަރުންނަށް ތަމްރީން ދޭނެ ކަމަށެވެ.

"އެސްޓީއޯ އިން މިދިޔަ އަހަރުވެސް ވަނީ ދަސްވާރު 2014ގެ ދަށުން ގިނަ ކުދިން ތަމްރީން ކޮށްފަ. މައުލޫމާތު ލިބޭ ގޮތުގައި އެތަނުން އެއް ކުއްޖަކު މިހާރު ދަނީ ހޯމް އިމްޕްރޫވްމަންޓުގައި މަސައްކަތް ކުރަމުން. މި ކުދިން މަސައްކަތް ކުރަމުން ދާއިރު ރީޒަނަބަލް ޕޮކެޓްމަނީއެއް ވެސް ދެވޭނެ،" ޝަހީރު ވިދާޅުވި އެވެ.

އެމްޑީ ވިދާޅުވީ ދަސްވާރު ޕްރޮގްރާމުގެ ދަށުން އެސްޓީއޯގައި މުވައްޒަފުން ފުރިހަމަކުރާ ހަ މަހުގެ ތަމްރީން ޕްރޮގްރާމް ނިމޭއިރު ތިބޭނީ ފުރިހަމައަށް ތަމްރީން ލިބިފައި ކަމަށެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު އެޑްވައިޒަކީ މަސައްކަތް އޮންނަ ގަޑިތަކަށް ކުދިން ގެނެސް ދިނުން. އެސްޓީއޯއަކީވެސް ވޯކް ޑިސިޕްލިން ހިފަހައްޓާ ކުންފުންޏެއް،" ޝަހީރު ވިދާޅުވި އެވެ.

"ދަސްވާރު ޕްރޮގްރާމު" ގެ ކޯޑިނޭޓަރު ޝާފިޔާ ރަޝީދު ވިދާޅުވީ "އެންމެ ކުއްޖަކު ވެސް ބާކީ ނުކުރާނަން" މި ޝިޔާރުގެ ދަށުން ފެށި ދަސްވާރު ޕްރޮގްރާމުގެ ދަށުން މިދިޔަ އަހަރުވެސް ތަމްރީން ދެވިފައިވާ ކަމަށެވެ.

"މިދިޔަ އަހަރު ވެސް އެސްޓީއޯއިން 30 ކުދިންނަށް ތަމްރީން ދެވިފައިވަނީ. އެ ބޭފުޅުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު،" ޝާފިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަސްވާރު ޕްރޮގްރާމުގައި 234 ކުދިން އެބަތިބި ކަމަށާއި، މި ކުދިންނަށް އެކި މުއްސަސާތަކުގައި ތަމްރީން ދެވޭނެ ކަމަށެވެ.