ޔުނައިޓަޑް ވިކްޓަރީގެ ކޯޗަކަށް، ކުރިންވެސް އެޓީމަށް ކޮޗް ކޮށްދިން މުހައްމަދު ނަޒީހް ހަމަޖައްސައިފި އެވެ.
ޔޫވީގެ މެނޭޖްމެންޓްގައި މިއަހަރު ކާމިޔާބު ހޯދަން މަސައްކަތް ކުރުމުގެ އަމާޒެއް ނެތް ކަމަށް ބުނެ، އެޓީމުގެ ކޯޗް ކަމުގައި ހުރި މުހައްމަދު އާތިފް އިސްތިއުފާ ދިނުމުން، އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗެވެ.
ނަޒީހް ޔޫވީއާ ހަވާލުވީ މިސީޒަންގެ ނިޔަލަށެވެ. ދެހާސް ފަނަރަ ވަނަ އަހަރު ޔޫވީއަށް ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައިދީ އެޓީމު ފުރަތަމަ ޑިވިޝަނަށް ގެންގޮސް ދިނީ ނަޒީހްގެ ކޯޗް ކަމުގެ ދަށުން ނެވެ.
އަވަސްއާ ވާހަކަ ދައްކަމުން ނަޒީހް ބުނީ، އޭނާއާ ޓީމުގެ މެނޭޖްމެންޓުން ހަވާލު ކުރީ ޓީމު މިހާރު އޮތް ހަލަތުން ނެގުން ކަމަށެވެ.
"އަޅުގަނޑުގެ ބެލުމުގެ ދަށުން ޕްރެކްޓިސް ކުރާތާ ތިން ދުވަސް ވެއްޖެ، އަޅުގަނޑު ބޭނުންވާ ޕްލޭނަށް ޓީމު ބަދަލު ކޮށްލުން އޮތީ އެގޮތުން ޖޫން ޓްރާންސްފާ ޕީރިއަޑްގައި ބައެއް ބަދަލުތައް ގެންނާނަން،" ނަޒީހް ބުންޏެވެ.
އޭނާ ބުނީ ޔޫވީއާ ހަވާލުވީ ޖޫން މަހު ޓްރާންސްފާ ޕީރިއަޑްގައި އޭނާ ބޭނުންވާ ބަދަލުތައް ގެނައުމަށް މެނޭޖްމެންޓުން އެއްބާރުލުން ދޭނެ ކަމަށް ބުނެފައި ވުމުން ކަމަށެވެ.
މިދިޔަ އަހަރު، ލީގްގެ ގަދަ ހަތަރެއްގައި ޔޫވީ ހިމެނުނު އިރު އެޓީމުގެ ބިދޭސީ ކުޅުންތެރިން މުހިންމު ދައުރެއް އަދާ ކުރި އެވެ. ނަމަވެސް، މިއަހަރު އެ ޓީމުގެ ތިބި ބިދޭސީ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް އަދި މިހާތަނަށް ނުފެނެ އެވެ.
"ޖޫންއާ ހަމަޔަށް ދާއިރު މިހާރު ތިބި ބިދޭސީ ކުޅުންތެރިންވެސް ރަނގަޅަށް ޕާފޯމް ނުކުރެވެންޏާ، އެކުޅުންތެރިން ފޮނުވާލައި ރަނގަޅު އެހެން ބިދޭސީ ކުޅުންތެރިން ތަކެއް ގެންނާނަން،" ނަޒީހް ބުންޏެވެ.
ނަޒީހް އަކީ، ވިކްޓާރީގެ ކޯޗް އަލީ ސުޒޭންގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ. ނަޒީހް ވަނީ މިދިޔަ ސީޒަނުން ބައެއްގައި ވިކްޓަރީގެ ކޯޗް ކަންވެސް ކޮށްފަ އެވެ.