ދުނިޔެ

ޓްރަމްޕް ހޮވުނު ފަހުން އެމެރިކާއާ އޮންނަ ގުޅުން ގޯސްވެއްޖެ: ޕުޓިން

Apr 13, 2017
1

އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޖޭ ޓްރަމްޕް ވަޑައިގެންނެވި ފަހުން އެގައުމާ ރަޝިޔާއާ ދެމެދު އޮތް ގުޅުން ގޯޯސްވެފައިވާ ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ވިދާޅުވެއްޖެެއެވެ.

ޓްރަމްޕަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން އިންތިހާބުގެ ދުވަސްވަރު ހެކް ކުރުމުގެ ހަމަލާތައް ދޭން އަމުރުކުރެއްވި ކަމުގެ ތުހުމަތު އެޅިފައިވާ ޕުޓިން ރަޝިޔާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދެގައުމުގެ ގުޅުން ބޮޑަށް ގޯސްވެފައި ވަނީ އަސްކަރީ ދާއިރާއިން ކަމަށެވެ. އޭނާ މިމޭރުމުން ވާހަކަ ދެެއްކެވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ރަޝިޔާއަށް ވަޑައިގެން އެގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވި ވަގުތާ ދިމާކޮށެވެ.

" ބުނެވިދާނެ މަސައްކަތް ކުރުމުގައި ހާއްސަކޮށް، އަސްކަރީ މަސައްކަތްކުރުމުގައި އިތުބާރު އިތުރެއް ނުވެޔޭ. އޭގެ ބަދަލުގައި ވީ ގޯސް،" އެމެރިކާއާ ރަޝިޔާއާ ދެމެދު އޮތް ގުޅުމާ ބެހޭ ގޮތުން ޕުޓިން ވިދާޅުވެފައި ވެއެވެ.

އެމެރިކާއާ ރަޝިޔާއާ ދެމެދު ޒުވާބެއް އުފެދުނީ ސޫރިޔާ ސަރުކާރުން އެގައުމުގެ އާއްމުންނާ ދެކޮޅަށް ދިން ކެމިކަލް ހަމަލާއާ ގުޅިގެން އެމެރިކާއިން ސޫރިޔާގެ ވައިގެ މަރުކަޒަކަށް ހަމަލާ ދިނުމުންނެވެ. ސޫރިޔާ ހަނގުރާމައިގައި އެގައުމުގެ ރައީސް ބައްޝާރުލް އަސަދަށް މަދަދުކުރަމުން އަންނަ ރަޝިޔާއިން ދެކޭ ގޮތުގައި ކެމިކަލް ހަމަލާ ދިނީ އަސަދުގެ ސިފައިންނެއް ނޫނެވެ. އެމެރިކާއިން އެ ހަމަލާގެ ޒިންމާ ސޫރިޔާ ސަރުކާރުގެ ބޮލުގައި އެޅުވުމަކީ 2003 ވަނަ އަަހަރު އިރާގުގެ އޭރުގެ ރައީސް ސައްދާމް ޙުސައިންނާ ދެކޮޅަށް އެމެރިކާއިން ކުރި ފަދަ ތުހުމަތެއް ކަމަށް ރަޝިޔާއިން ވަނީ ސިފަކޮށްފައެވެ. އަނެއް ކޮޅުން އެމެރިކާއިން ދަނީ އަސަދަށް ތާއީދު ކުރުން ހުއްޓައިލުމަށް ރަޝިޔާ ސަރުކާރަށް ބާރު އަޅަމުންނެވެ.

ސޫރިޔާގެ އިދުލީބު ޕްރޮވިންސްގެ ޚާން ޝައިޚޫން އަށް މިހިނގާ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ހެނދުނު ދިން ކެމިކަލް ހަމަލާގައި މަރުވިމީހުންގެ އަދަދު މިހާރު ވަނީ 70 އަށް އަރާފައެވެ. އެހަމަލާފައި 500 އަށް ވުރެ ގިނަ މީހުން ޒަހަމްވެސް ވިއެވެ. ކުރީ ފަހަރު ތަކެކޭ އެއްގޮތަށް އެހަމަލާގެ ޒިންމާއިން ވެސް އަސަދުގެ ސަރުކާރު ވަނީ ރެކިގަނެފައެވެ. އެހަމަލާއަކީ ވެރިރަށް ދިމިޝްގުގެ ކައިރީގައިވާ ޣޫތާގައި 2013 ވަނަ އަހަރު ދިން ގޭސް ހަމަލާގެ ފަހުން ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާ އެވެ. ކުރީ ފަހަރުގެ ހަމަލާގައި އެތައް ސަތޭކަ އާއްމުންނެެއް މަރުވި އެވެ.