ރާއްޖޭގެ އެންމެ މޮޅު ޒުވާޏް ކުޅުންތެރިޔާ އަހްމަދު ރިޒްވާން (ރިޒޭ) އާއި އީގަލްސް އަށް މިއަހަރު ގުޅުނު، އަހްމަދު ނާޝިދު (ނާއްޓޭ) ފުރަތަމަ ފަހަރަށް މިސީޒަންގައި ކުޅުނު މެޗުން ވެލެންސިއާ އަތުން 3-0 ގެ ނަތީޖާ އަކުން ރަނގަޅު މޮޅެއް ހޯދައި ދީފި އެވެ.
މިއަދު އީގަލްސްއިން ޖެހި ދެ ވަނަ ލަނޑު ކާމިޔާބު ކުރީވެސް ނާއްޓޭ އެވެ. އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ ސާންތީ ބުނީ، ނާއްޓޭ އާއި ރިޒޭ އައުމުން ޓީމަށް އިތުބާރުވެސް ބޮޑުވެއްޖެ ކަމަށެވެ.
"ނާއްޓޭ އާއި ރިޒޭ އައި ހިސާބުން ތަންކޮޅެއް ވަރުގަދަ ކޮށް އީގަލްސް މިފެނުނީ އަޅުގަނޑުމެންގެ މެދުތެރޭގައި މިތިބަ ކުޅުންތެރިންނަށް އިތުބާރުވެސް ބޮޑު ވެގެން ހިނގައްޖެ،" ސާންތީ ބުންޏެވެ.
މެޗުގައި އީގަލްސްގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަންސަރު އިބްރާހިމް (އަންކޮ) އެވެ. އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ، އަހްމަދު ނައުފަލް (ނާއްޕެ) އެވެ.
ވެލެންސިއާގެ ކޯޗް އަހްމަދު މުޖުތަބާ (ފެސްކޯ) ބުނީ ވެލެންސިއާ އަށް ކުރިމަތިވި މައްސަލަ އަކީ މެޗުގެ ތެރެއަށް ރަނގަޅަށް ނުވަދެވުން ކަމަށެވެ. އަދި މެޗުގެ ކުރީ ކޮޅު ގޯލެއް ވަނުމުންވެސް އީގަލްސް އަތުލަން އުނދގޫވި ކަމަށް ފެސްކޯ ބުންޏެވެ.
މެޗުގެ ކުރިން ސާންތީ ބުނެފައިވަނީ، ވެލެންސިއާ އަކީ އީގަލްސްއާ އެއްގޮތަށް ބޯޅަ ހިފައްހައްޓައިގެން ޕާސްކޮށްގެން ކުޅޭ ޓީމަކަށް ވުމުން އެޓީމާ ދެކޮޅަށް ކުޅެން ފަސޭހަ ވާނެ ކަމަށެވެ. އެހެންވެ މިއަދު ތިން ލަނޑުގެ ތަފާތަކުން މޮޅުވުމުން ސާންތީ އަށް ވަނީ ބޮޑު ހިތްހަމަ ޖެހުމެއް ލިބިފަ އެވެ. ނަމަވެސް އެއަށްވުރެ ބޮޑު އެހެން ހިތްހަމަޖެހުމެއް ސާންތީއަށް އެބައޮތެވެ.
"އަބަދުވެސް ހިތްހަމަޖެހުން ލިބޭ އެއްކަމެއް އަޅުގަނޑަށް އިނދޭ، އަޅުގަނޑުމެން ބޭނުންވާ ގޮތަށް މިއަދު މުޅި ޓީމު ކުޅެފި ބޯޅަ ހިފައިގެން ބޯޅަ ބާއްވައިގެން ކުޅެފި އެހިތްހަމަ ޖެހުން މިއަދު މޮޅަށްވުރެ އަޅުގަނޑަށް ލިބުނު،"
އީގަލްސްއަށް ވަނީ މެޗުގައި ލނޑު ޖަހާނެ، ފަހި ފުރުސަތުތައް ތަނަވަސް ވެފައެވެ. ތިން ލަނޑު ޖެހުނު ނަމަވެސް ލިބުނު ގިނަ ފުރުސަތުތަކެއް ބޭނުން ނުކުރެވި ދިޔަކަން ފާހަގަ ކުރެވެއެވެ. ސާންތީ ބުނީ އެކަން ހައްލު ކުރުމަށް ބޭނުން ވަނީ ބިދޭސީ ރަނގަޅު ސްޓައިކަރެއް ކަމަށެވެ.
މިފަހަރު އެޓީމަށް ގެނައި ހޮލެންޑް ސްޓާއިކަރުގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފަ އެއް ނުވެއެވެ. ސާންތީ ބުނީ ދިވެހި އެންމެ އާދައިގެ ކުޅުންތެރިޔެއްގެ ފަރާތުންވެސް ފެންނަ ކުޅުންވެސް އޭނާގެ ފަރާތުން ނުފެންނަ ކަމަށެވެ.
ވެލެންސިއާގެ ކުޅުންތެރިންގެ މޯޓިވޭޝަން ދަށް ވެފައިވާ މައްސަލައާ ބެހޭގޮތުން ސުވާލު ކުރުމުން ފެސްކޯ ބުނީ އެވާހަކަ މިވަގުތު ދައްކަން ބޭނުން ނުވާ ކަމަށެވެ.
މެޗުގެ އެންމެ ފަހު ވަގުތުގައި ވެލެންސިއާގެ ޑިފެންޑަރު މުހައްމަދު ޝިފާންއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާވެސް ލާފަ އެވެ.