ރިޕޯޓް

ޗައިނާގެ ހަވާއީ، ރާއްޖެ ފެނި އާޝޯހުވެފައި!

ޗައިނާގެ ހައިނާން ޕްރޮވިންސުން/ އައިމިނަތު އިބްރާހިމް -- ދެކުނު ޗައިނާ ކަނޑުގެ އައްސޭރީގައި ހަތަރު މޫސުމުގެ ބިޔަ ބޮޑު ޗައިނާއާ މާ އެކަހެރިކޮށް އޮންނަ ޗައިނާގެ ހައިނާން ޕްރޮވިންސަކީ އެ ގައުމުގެ ސުވަރުގެ އެވެ. ނުސާފު ވަޔާއި ހަތަރު މޫސުމުގެ ފިނި ހޫނުން ސަލާމަތް ނުވެވިފައި ތިބޭ ޗައިނާގެ ރައްޔިތުންނަށް ހައިނާންގެ ހިތްގައިމުކަމަކީ ބަލައި ފޫހި ނުވާނޭ ގުދުރަތުގެ އަޖައިބެކެވެ. މުޅި އަހަރު ނަވާވީސް ޑިގްރީ އަށްވުރެ މަތި ނޫން ހޫނުމިނެއްގައި އޮންނަ މި ޖަޒީރާ ޕްރޮވިންސަކީ އެގައުމުގެ ރައްޔިތުންގެ ބަހުން ނަމަ "ޗައިނާގެ ހަވާއީ" އެވެ. އެއީ އަންޒަމާނުން ފެށިގެން ވެސް ޗައިނާގެ ރައްޔިތުން "ފިލަން" ދުވާ މައިދާނެވެ. ފާއިތުވި ޒަމާނާއި ހާލަތާއި އެކުވެސް ބަދަލު ނުވެ އޮތީ ހައިނާންގެ އެ ހަގީގަތެވެ.

ރަސްކަލުންގެ ޒަމާނުގައި ހައިނާނަކީ ކުށްވެރިންނާއި އަމުރަށް ކިޔަމަން ނުވާ މީހުން ފޮރުވަން (އަރުވައިލަން) ބޭނުންކުރި ސަހަރެވެ. އޭގެ ފަހުން 1920 އާއި 1930 ގެ އަހަރުތަކުގައި ސިޔާސީ ވެރިންގެ ސިއްރު ސަހަރަށް އެތަން ބަދަލުވެގެންދިޔަ އެވެ. އަދި މިހާރު އެއީ ފިނި މޫސުމުގެ ގަދަ ފިންޏާއި ޗައިނާގެ ހަތަރު ބިތް ވަށާލާފައިވާ ބޯ ދުމުގެ ނުސާފު ވައިން ފިލަން ގައުމުގެ ކުދި ބޮޑު މީހުން ދަތުރުކުރާ ހުވަފެނީ ސަހަރެވެ. ޗައިނާގެ މުއްސަނދި އެތައް ބަޔަކު ހައިނާން އިން އެޕާޓްމަންޓް ގަތުމަށް ސަފު ހަދާލާފައި އޮންނަ ސަބަބަކީވެސް އެއީ އެވެ.

ނުސާފު ވަޔާއި ދުންފިނީގެ ތެރޭގައި މިހާރު އޮތް ޗައިނާގެ ވެރިރަށް ބެއިޖިން އިން ފުރައިގެން ހަތަރުގަޑި އިރުގެ ދަތުރަކަށްފަހު ހައިނާންގެ ވެރިރަށް ހައިކޯގެ "ހައިކޯ އިންޓަނޭޝަނަލް އެއާޕޯޓު"ގައި ފައި ޖެހުމާއެކު ހީވީ ރާއްޖެއަށް އާދެވުނުހެން ނެވެ. އެއާޕޯޓުގެ ރަންވޭ ވަށައިގެންވާ ރުށް ގަސްތަކުގެ ފެހިކަން ފެނި އަހަންނާއެކު ބައިވެރިވި އޭޝިއާއަށް ނިސްބަތްވާ 15 ވަރަކަށް ނޫސްވެރިންނާއި ޗައިނާގެ ފޮރިން މިނިސްޓްރީގެ ޓީމު ގިނަ ސެލްފީތައް ނަގަން ޖެހުނެވެ. ހައިނާންގެ ދަތުރަކީ ވަގުތުގެ ގޮތުން ދަތި ދަތުރެކެވެ. އޭޝިއާ ގައުމުތަކާއި ސިލްކް ރޯޑު ގައުމުތަކުގެ ކުރިމަގާމެދު މަޝްވަރާކުރަން ހައިނާންގެ ޕޯއާއޮ ގައި ބާއްވާ ފޯރަމަކީ ދަތުރުގެ ސީދާ ބޭނުމެވެ. ނަމަވެސް ހައިނާންގެ ތަރައްގީވަމުން އަންނަ ފަތުރުވެރިކަން ދެކި އޭގައި ނުހޭކި އެނބުރި އައުން ވީ ދަތި ކަމަކަށެވެ.

ހައިނާންގެ ދަތުރާ ބެހޭގޮތުން ބޭއްވި ކުރު މައުލޫމާތު ބައްދަލުވުމެއްގައި އަޅުގަނޑަށް މާ ހިތްގައިމު މައުލޫއަކަށް ހައިނާންގެ ފަތުރުވެރިކަން ބަދަލުވެގެންދިޔައީ ސެޝަނުގައި މައުލޫމާތު ދެއްވި އިސް ބޭފުޅަކު ރާއްޖެއާމެދު ފާޅުކުރަމުންދިޔަ އިހުސާސްތައް އަޑުއިވުނު ހިސާބުންނެވެ. ރަސްމީކޮށް ރާއްޖެއަށް ކުރެއްވި ކުރު ދަތުރުފުޅެއްގައި ރާއްޖޭގެ ވަރަށް ކުޑަ މިންވަރެއް ފެނި ރާއްޖެއާމެދު އޭނާގެ ޝައުގުވެރިކަން އެތައް ގުނައެއް އިތުރުވި ސަބަބު އަޅުގަނޑުމެންނާ ހިއްސާކުރި ހިސާބުން އެ މައުލޫއާ ގުޅިގެން އިތުރަށް ސުވާލުކޮށް ވާހަކަ ދައްކާލަން ބޭނުންވި އެވެ. އޭނާ އަކީ ހައިނާންގެ ރިފޯމް އެންޑް ޑިވޮލޮޕްމަންޓް ޑިވިޝަންގެ ޑިރެކްޓަރެވެ. ނަމަކީ ރެން ހުއައި ފެންގް އެވެ.

ރެންގެ ނަޒަރުގައި ރާއްޖެއަކީ ފަތުރުވެރިކަމުގެ ނަމޫނާ މޮޑެލެކެވެ. ހައިނާންގެ ފަތުރުވެރިކަން ތަރައްގީކުރުމަށް ރާއްޖޭގެ އެހީ ވަރަށް ބޮޑަށް ބޭނުންވާކަމަށާއި އެކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހައިނާންގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަހަރެމެންނަށް އެންމެ ކަމުދާ އަދި އެންމެ ފޮލޯކުރަން ބޭނުންވާ މޮޑެލަކީ ރާއްޖެ. ރާއްޖޭގެ ސްޓްރެޓެޖީތައް ބޭނުންކޮށްގެން ވާދަވެރި ފަތުރުވެރިކަމެއް ހައިނާންގައި ގާއިމްކުރެވިދާނެ ކަމަށް ގަބޫލުކުރަން. ހާއްސަކޮށް މޫދުގެ ތިމާވެށި ރައްކާތެރިކުރަން ހަރުދަނާ މަސައްކަތްތަކެއް ގުޅިގެން ކުރެވިދާނެ ކަމަށް ގަބޫލުކުރަން،" ރެން ވިދާޅުވި އެވެ.
"އަހަރެމެން ބޭނުންވަނީ ކައިރި މުސްތަގުބަލެއްގައި ހައިނާން އަކީ ދެވަނަ "ދިވެހި ރާއްޖެ" އަށް ހަދަން،"

ދަނޑުވެރިކަމުގެ މުއްސަނދި މާޒީއެއް އޮތް ހައިނާން އަކީ ޗައިނާގެ އެންމެ ވަރުގަދަ އެއް އިގްތިސޯދީ ޒޯނެވެ. ނަވާރަސަތޭކަ ނުވަދިހައިގެ ކުރީކޮޅު ފަތުރުވެރިކަން ފުޅާވެގެން އައި ހައިނާންއަށް 2010 ވަނަ އަހަރު ބައިނަލްއަގުވާމީ ފަތުރުވެރި ރަށެއްގެ ދަރަޖަ ލިބި، ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އާ ޕްލޭންތަކެއް އެކުލަވާލައި އެއަށް އަމަލުކުރަން ފެށި ހިސާބުން ދާއިރާއަށް ލިބެމުންދިޔަ ނަފާ އެތައް ގުނައެއް އިތުރުވި އެވެ. އެގޮތުން ނިމުނު 2016 ވަނަ އަހަރު އެކަނިވެސް ހައިނާނަށް އެތެރެވި ފަތުރުވެރިންގެ އަދަދު 60 މިލިއަނަށް އަރައެވެ. އޭގެ ތެރޭން ފަސްސާސް ހާސް ފަތުރުވެރިންނަކީ ބޭރުގެ ޓޫރިސްޓުންނެވެ. ފަތުރުވެރިކަމުން ލިބުނު އާމްދަނީ 67.2 ބިލިއަން ޔުއާން އަށް އަރައެވެ. ޕްރޮވިންސްގެ ޖީޑީޕީގެ ފަސްދޮޅަހަށްވުރެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ އެވެ.

"ކުރިއަށް އޮތް އޮތް ފަސް އަހަރުގެ ތެރޭގައި ހައިނާންގެ ފަތުރުވެރިކަމުގެ ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުވެގެންދާނެ. މިސާލަކަށް ހައިނާން ބޭރު ދުނިޔެއަށް ވިއްކަން މި ބޭނުންކުރާ ޝިއާރަކީ "އޯލް ދަ ސަން، އޯލް ދަ ފަން"، މިއާ އެކު ޕްރޮމޯޓްކުރުމުގެ އާ ސްޓްރެޓެޖީތައް ވެސް ވުޖޫދަށް އަންނާނެ. ހައިނާން އަށް ބޭނުން ވަރަށް ވަރުގަދަ މާކެޓިން ކޮމްޕޮނެންޓްތަކެއް. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ދަސްކުރަން ބޭނުންވާ ބައިވަރު ކަންތައްތަކެއް އެބަހުރި. އަދި މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދިރާސާ ކުރަން ރަސްމީ މަސައްކަތެއް ނުކުރޭ. ނަމަވެސް ކުރިއަށް ދާއިރާގެ ޕްލޭންތައް ހަދާއިރު، ރާއްޖޭގެ ވަރަށް ގިނަ ކަންތައްތަކަކަށް ބަލައިގެން އެކަން ކުރާނީ،" ރެން ވިދާޅުވި އެވެ.

ޗައިނާ ފަދަ ވަރުގަދަ އިގްތިސޯދެއް އޮތް ގައުމަކުން ރާއްޖޭގެ ފަތުރުވެރިކަން ނަމޫނާއަކަށް ބަލާކަމަށް ބުނުމަކީ ފަހުރުވެރިވާ ވަރުގެ ކަމެކެވެ. ނަމަވެސް، ރާއްޖެއަށް ލިބިފައިވާ ވަސީލަތްތަކާއެކު ރާއްޖޭގެ ފަތުރުވެރިކަން މިހާރަށްވުރެ އެތައް ގުނައެއް ރަނގަޅުކުރެވޭނެކަމީ ވެސް ދެބަސް ވެވޭނެ ކަމެއް ނޫނެވެ.

ހައިނާންގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު ޝައުގުވެރި އެތަކެއް ކަމެއް ފެންނަން އެބަހުއްޓެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް މިދިޔަ އަހަރު 63.75 ބިލިއަން ޗައިނާ ރުފިޔާ ކަނޑައެޅިއިރު، 60 މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައިވަނީ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށެވެ. ޒުވާނުންނާއި އަލަށް ދާއިރާއަށް ނިކުންނަ ފަރާތްތައް ތަމްރީންކުރުމަށް ބޮޑު ހޭދައެއް ކުރާއިރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 350 ހާސް މުވައްޒަފުންގެ 70 ޕަސެންޓަކީ ތިރީސް އަހަރުން ދަށުގެ ޒުވާނުންނެވެ. ދަތުރުފަތުރުގެ ދާއިރާ އަށް ބަލާއިރު، އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ފާއިތުވި ދެ އަހަރުގެ ތެރޭގައި ހައިނާން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަން ރެން ވަނީ ފާހަގަކުރައްވާފަ އެވެ.

ހައިނާން ޕްރޮވިންސްގެ ފަތުރުވެރިކަމުގެ އެންމެ މައި މަރުކަޒަކީ ޕްރޮވިންސްގެ އެންމެ ދެކުނަށް އޮންނަ ސަންޔާ ސިޓީ އެވެ. ސަންޔާ އަކީ ރީތި ދިގު ގޮޑުދޮށްތަކެއް ލިބިފައިވާ ހިތްގައިމު ފެހި ސިޓީއެކެވެ. ސަންޔާގެ މުޅި އިންފްރާސްޓްރަކްޗާއަށް ނަޒަރެއް ހިންގާލާއިރު ފަތުރުވެރިންނަށް އެ ސަހަރު ހާއްސަކުރަން ކުރާ މަސައްކަތް ފާހަގަ ނުވެ ނުދާނެ އެވެ. ވީރާނާވާން ފަށާފައިވާ ފަރުބަދަތައް މަރާމާތުކޮށް ގަސް އިންދައި ފެހިކޮށް، ކޯރުތަކުގެ ސާފުކަން އިތުރުކުރުމަށް ކުރެވުނު މަސައްކަތުން އެ ސިޓީގެ ރީތިކަން ވަނީ އިތުރުވެފަ އެވެ.

ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2015 ވަނަ އަހަރުގެ ފަހުކޮޅު ސަންޔާއިން ވަނީ "ޓޫރިސްޓް ޕޮލިސް" ނަމުގައި ހާއްސަ ވަސީލަތްތަކާއެކު ޓީމެއް ތައާރަފްކޮށްފަ އެވެ. އެ ޓީމަކީ ސައުވީސް ގަޑިއިރު ފަތުރުވެރިންނަށް އެހީތެރިވުމަށް ތައްޔާރަށް އޮންނަ ޓީމެކެވެ. ސަންޔާގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ނަވާވީހަކަށް މަންޒިލް އޮންނައިރު، އެންމެ ބާރުބޮޑު ސައިޓްތަކުގައި ސީސީޓީވީ ހަރުކޮށް، އެ ކެމެރާތަކުން އެތަންތަން ޕެޓްރޯލްކުރުމަށް ސައުވީސްގަޑި އިރު މަސައްކަތް ކުރާ ޓާސްކްފޯހެއް ވެސް އެ ސިޓީގެ ޕަބްލިކް ސެކިއުރިޓީ ބިއުރޯގައި ވަނީ ގާއިމްކޮށްފަ އެވެ.

ޑިރެކްޓާ ރެންގެ ވިސްނުންފުޅާ އެއްގޮތަށް ޗައިނާ-ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ގުޅުން ބަދަހިވެއްޖެ ނަމަ އޭގެ ފައިދާ ދެ ގައުމަށްވެސް ކުރާނެ އެވެ. އެކަން އެގޮތަށް ވެއްޖެނަމަ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ގިނަ ބަދަލުތަކެއް އަންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.