ރޭ ޓީސީއާ ދެކޮޅަށް 2-2 އިން ވިކްޓަރީ އެއްވަރުވި މެޗުގައި އެޓީމުގެ ގޯލް ކީޕަރު މަހްމޫދު އަލް ޔޫސުފްގެ އަމަލުތަކުން ވަރަށް ބޮޑަށް މާޔުސްވެ ލަދު ގަނެއްޖެ ކަމަށް ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
ވިކްޓަރީ ލީޑްގައި އޮތުމުން، ސީރިޔާއަށް ނިސްބަތްވާ ކީޕަރު ވަނީ ދަނޑު މަތީގައި ދެ ފަހަރަށް ފަރުވާއަށް އެދިފަ އެވެ. އެއިން ކޮންމެ ފަހަރަކު ވިކްޓަރީގެ ކެޕްޓަން އިސްމާއިލް އީސަ (މެސީ) އާއި ވިކްޓަރީގެ ބެންޗުން ވަނީ އެކަން ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
މެޗަށްފަހު، ސުޒޭންގެ ބަހާ ދެކޮޅު ހެދުމުން، އޭނާ ވަނީ މަހްމޫދު ޓީމުގެ މީޓިންއިންވެސް ބޭރު ކޮށްފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން، ސުޒޭން ބުނީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި އެންމެ ބޮޑަށް ލަދު ގަތް މެޗަކީ ރޭ މެޗު ކަމަށެވެ.
"ކުޅި ބައްލަވަން ވަޑައިގެންނެވި ހުރިހާ ބޭފުޅުން ކިބައިން ވިކްޓަރީގެ ފަރާތުން އަޅުގަނޑު މާފަށް އެދެން، ފުޓްބޯޅާގައި މަސައްކަތް ކުރި މިހުރިހާ ދުވަހު ނުގަތްވަރުގެ ލަދެއް ގަނެއްޖެ، އެއީ ވިކްޓަރީ ކީޕަރު ދެފަހަރު ވެއްޓި އޮވެގެން ވި ލަހުން،" މެޗާ ބެހޭގޮތުން ސުވާލު ކުރުމުން ސުޒޭން ފުރަތަމަވެސް ބުނީ މިހެންނެވެ.
މަހްމޫދުގެ އަމަލުތަކަށް އިޝާރާތްކޮށް އޭނާ ބުނީ "ފުޓްބޯޅަ ކުޅޭކަށް ނޫން އަންނަނީކީ، މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ކަމަށެވެ.
"އެވަރުގެ ޑިލޭއަކަށް ދަންޏާ ޖެހޭނީ ބަދަލު ކުރަން،" ސުޒޭން ބުންޏެވެ.
ކުރިން ދިޔަ ތިން މެޗާ ހިލާފަށް ވިކްޓަރީން ވަނީ ރޭ ގެމެޗުގައި ކުޅުން ރަނގަޅު ކޮށް ގިނަ ހަމަލާ ތަކެއް އުފައްދާފަ އެވެ. ވިކްޓަރީގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ކެރިޗް އެންޑްރިޖް އެވެ. މެޗުގެ ފަހު ވަގުތުގައި އޭނާ އަަށް ވަނީ ގޯލްޖަހަނެ ރަނގަޅު ފުރުސަތެއްވެސް ލިބިފަ އެވެ. ނަމަވެސް އަމިއްލަ އަށް ޖަހަން އުޅުމުން އެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
އިސްމާއީލް އީސަ (މެސީ) އާއި ހަސަން އަދުހަމްގެ ކޮމްބިނޭޝަންނާ އެކު ތަނަވަސް ކުރި ބޯޅަ މެސީ ވަނީ ބާރު ހަމަލާއެއް އުފައްދާފަ އެވެ. ނަމަވެސް އެބޯޅަ އަމާޒުވީ ހުރަސް ދަނޑި އަށެވެ. އެފުރުސަތު ތައް ބޭނުން ނުކުރެވުނު ސަބަބާ ބެހޭގޮތުން ސުވަލުކުރުމުން ސުޒޭން ބުނީ މެޗު ޕްރެޝަރަށް ވެއްޓުނީ ބޮޑު ޑިލޭ އެއް އެއުމުން ކަމަށެވެ.
"ފުރަތަމަ ކަމަކަށް މުޅި މެޗު ޕްރަޝަރަށް ވެއްޓިގެން ދިޔައީ ދެފަހަރު ވަރަށް ބޮޑުތަން ހުއްޓާލަން ޖެހިގެން، މެޗު މެދުކެނޑިފަ ކޮންމެ ފަހަރަކު ވިކްޓާރީ ޑިފެންޑަރެއް ކޮންމެވެސް މިސްޓޭކެއް ހަދައިގެން، ޑިފެންސް ކުރަން ޖެހުނަސް ފަހަތަށް ފައިބަން ޖެހުނަސް މޮމެންޓަމް ގެއްލުވާ ނުލާ ކުޅެންޏާ ކުޅުންތެރިން ތިބޭނީ ވަރަށް ފޯމުގައި،"
ސުޒޭން ބުނީ މަހްމޫދުއާ މެދު ފިޔަވަޅު އެޅުމުގެ ކުރިން އޭނާއާ ވެސް ވާހަކަ ދައްކާނެ ކަމަށާއި ބަދަލު ކުރަން ޖެހެންޏާ ބަދަލު ކުރާނެ ކަމަށެވެ.
"މިއީ މިކަހަލަ ކީޕަރަކާ އަޅުގަނޑާ ދިމަވި ފުރަތަމަ ފަހަރު، މިއީ ފުޓުބޯޅައިގައި އަޅުގަނޑު ގަބޫލު ކުރަ ކަމެއް ނޫން، މިތަނަށް ކުޅިބަލާ މީހުން އަންނަނީ މިޑްރާމާ ބަލާކަށް ނޫން، ނޫނީ އޭނާގެ ޝޯއެއް ނުވަތަ އެހެން މީހެއްގެ ޝޯއެއް ބަލާކަށް ނޫން، އެހެންވީމަ އެއަށް ބަލާއިރު ވަރަށް ބޮޑު މައްސަލަ އެއް،" ސުޒޭން ބުންޏެވެ.
ރޭގެ މެޗުގައި ޓީސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ހަސަން ނާއިޒު (ދާދު) އެވެ. ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ސްޓޭވާޓް ކްލޯނިއަސް އެވެ. މެޗުގައި ޓީސީ އަށް ވަނީ އެހެން ޕެނަލްޓީއެއް ވެސް ލިބިފައި، އެޕެނަލްޓީ ބިދޭސީ ޑިފެންޑަރު އީސަ ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ބޭރަށެވެ.