ހުރިހާ ދުވަހެއްގައި ރެފްރީންގެ ފަރާތުން އެއް މައްސަލަ ތަކެއް ތަކުރާރު ވާނަމަ، ކޯޗުންގެ ކެތްތެރިކަން ކޮޅުންލީ އެވެ. މިއީ މިސީޒަން ފެށީ މިހަތަނަށް 15 މެޗު ކުޅެފައިވާއިރު ގަލަޅު ދަނޑުން ފެންނަ މަންޒަރެވެ. ކޮންމެ މެޗެއް ކަހަލަ ގޮތަކަށް ކޯޗުންގެ ފަރާތުން ރެފްރީންގެ ނިންމުމާމެދު ތަކުރާރު ވެއެވެ. އެހެން އަހަރުތަކަށް ވުރެ ރެފްރީންގެ މައްސަލަތަކާ މެދު އޮތް ޝަކުވާތައް ފުނިޖެހޭލެ ގިނަ އެވެ. ބައެއް ކޯޗުން ނަކީ މިޒާޖު ހުންނަ ގޮތުން މެޗުގައި ރެފްރީއާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރިޔަސް، އެކަމާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކަން ބޭނުން ނުވާ ކޯޗުން ނެވެ.
ރޭ ވިކްޓަރީ އާއި ޓީސީ ބައްދަލު ކުރި މެޗުގައި ރެފްރީންގެ ނިންމުމާމެދު ވިކްޓަރީގެ ކޯޗް އަލީ ސުޒޭން އާއި ޓީސީގެ މުހައްމަދު ނިޒާމް ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. މުޅި މެޗުގައިވެސް، ނިޒާމްގެ ފަރާތުން ރެފްރީންގެ ނިންމުމާމެދު ހިތްހަމަ ނުޖެހުން ފާޅު ކުރި އެވެ. މެޗަށް ފަހުވެސް ނިޒާމް ވަނީ ހިތްހަމަ ނުޖެހި ހުރެ ރެފްރީންގެ ކަންކަމާ ބެހޭގޮތުން ވަހަކަ ދައްކާފަ އެވެ. ރޭގެ މެޗުގެ ރެފްރީކަން ކުރި ރެފްރީ އަބްދުﷲ ޝާތިރާ ބެހޭގޮތުން ނިޒަމް ބުނީ، އޭނާ އަކީ އެ ފެންވަރުގެ މެޗަކަށް އިންސާފު ކުރަން ފުރުސަތު ދޭވެރުގެ ރެފްރީއެއް ނޫން ކަމަށެވެ.
ނިޒާމް ގަބޫލު ކުރާ ގޮތުގައި ދަނޑަށް ސަޕޯޓަރުން ވައްދައި، ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދާނަމަ އެންމެ ފުރަތަމަ ރަނގަޅު ކުރަންވީ ރެފްރީންގެ ފެންވަރެވެ. ޓީމުތަކާއި ކުޅުންތެރިންވެސް އެއްހަރުފަތުން އެއަށްވުރެ ރަނގަޅު ހަރުފަތަކަށް ދާން މަސައްކަތް ކުރާ ފަދައިން ރެފްރީންގެ ކަންކަމުގައިވެސް އެގޮތަށް މަސައްކަތް ކުރަން ޖެހެ އެވެ.
"ކަންކަން ރަނގަޅު ކުރަން ބޭނުންކަމަށްވަންޏާ ދަނޑަށް ސަޕޯޓަރުން ވައްދަން ބޭނުން ކަމަށް ވަންޏާ ފުޓްބޯޅަ ރަނގަޅު ކުރަން ބޭނުން ކަމަށް ވަންޏާ އެންމެ ފުރަތަމަ ކަމަކަށް ރެފްރީން ހިންގަން ތިބި މީހުން އެބަޖެހޭ ތަންކޮޅެއް ސީރިއަސް ވާން. މިނޫން ލެވަލެއްގައި މިކަން ކުރަން އެބަޖެހޭ،" ނިޒާމް ބުންޏެވެ.
އޭނާ ބުނީ ރޭގެ މެޗަކީ ދެޓީމަށް ވެސް ރެފްރީން ޖޯކަކަށްވި މެޗެއް ކަމަށާއި މުޅި މެޗު ގައިވެސް ރެފްރީންގެ ފެންވަރު ހުރީ ވަރަށް ދަށް ކޮށް ކަމަށެވެ.
އަދި މިދޔަ ހަފުތާގެ މެޗެއްގައި މެޗަށް ނިކުތް ހަތަރު ރެފްރީން ހަތަރު ކުލައެއްގެ ޔުނީފޯމްގައި ތިބުމުން ރެފްރީންގެ ސީރިއަސްކަމާމެދު ނިޒާމް ވަނީ ސުވާލު އުފައްދާފަ އެވެ.
"ކުޅުންތެރިން އެވަރަށް ސީރިއަސް ވެގެން، ކުލަބުތަކުން އެވަރަށް ސީރިއަސް ވެގެން، ދެންތިބި ބަޔަކު އެވަރަށް ސިރިއަސް ވެގެން މިއަށް އެތަށް ބައިވަރު ލާރި ތަކެއް ހަރަދު ކޮށްގެން ކުރިއަށްދާއިރު، ރެފްރީންގެ ފަރާތުން މިއީ ޖޯކަކަށް ހެދީމަ ރަނގަޅެއް ނުކުރެވޭނެ، މިރޭ (ރޭ) ގެ މެޗުގައި ރެފްރީންގެ (ނިންމުން ތަކުގައި) ސައްތައިން ސައްތަ މުޅި މެޗު ދިޔައީ ނުބައިކޮށް، މުޅި މެޗުގެ އޮއިވަރު ނުބައި ވެގެން ދިޔައީ ފުރަތަމަ ޑިސިޝަނުން ފެށިގެން މުޅި މެޗު ނިމެން ދެން (ރެފްރީއަށް) ގޭމް ކޮންޓްރޯލް ނުވެދިޔަ މަންޒަރު ފެނިގެން ދިޔައީ،" ނިޒާމް ބުންޏެވެ.
ރެފްރީންގެ ކަންކަން ރަނގަޅު ކުރުމުގައި އެފްއޭއެމްގެ ޕްލޭނެއް އޮތްކަން އެ އިދާރާގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިހާބު ވެވަޑައިގެންނެވި ދުވަހު ވިދާޅުވެފައި ވަނީ އެފްއޭއެމް އަށް ބޭރުގެ ރެފްރީސް ޑައިރެކްޓަރެއް ގެންނާނެ ކަމަށެވެ.
ރެފްރީންގެ ޑިވްލަޕްމެންޓް ޕްރޮގްރާމާ ބެހޭގޮތުން ސުވާލުކުރުމުން ޖަވާ ވިދާޅުވި، މީގެ ތިން ހަފުތާއެއް ކުރިން، އޭއެފްސީގެ ރެފްރީސް ޑިޕާޓްމެންޓްގެ ވަފުދެއް އައިސް ރާއްޖޭގެ ރެފްރީންގެ ހާލަތާއި އެފްއޭއެމްގެ ރެފްރީސް ޑިޕާޓްމެންޓް ދިރާސާ ކޮށްފައިވާ ކަމަށެވެ. އަދި އެ ވަފުދުން ރާއްޖެއަށް ރިޕޯޓް ފޮނުވައި ރެފްރީންގެ ކަންކަމަށް ރާއްޖެއިން އެޅަންޖެހޭ ފިޔަވަޅުތައްވެސް ހުށަހަޅާނެ އޭނަ ވިދާޅުވި އެވެ.
"އޭއެފްސީގެ ޓީމެއް އައިސް ރެފްރީންގެ ކަންކަމުގައި މިވަނީ އިޏީޝިއަލް މަސައްކަތް ފެށިފައި، އޭއެފްސީން އެކަމުގައި ސަޖެސްޓް ކުރަނީ ރެފްރީސް ޑައިރެކްޓަރެއްތޯ ރާއްޖެއަށް ނަގާނީ ނުވަތަ ޓެކްނިކަލީ އެކްސްޕާޓް ރެފްރީއެއްތޯ ފޮނުވާނީ، އެރިޕޯޓަށް ބޭސް ކޮށްފައި އަންނާނީ އަލުގަނޑުެމން އަޅަން ޖެހޭ ފިޔަވަޅަކީ ކޮބައިކަން،" ޖަވާ ވިދާޅުވި އެވެ.