ވިޔަފާރި

މާލީ މުދާ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ހުއްދަ އެމްސީބީއަށް!

Apr 13, 2017

މާލީ މުދާ ރައްކާތެރިކޮށް ބެލެހެއްޓުން ނުވަތަ ކަސްޓޯޑިއަން ހިދުމަތް ދިނުމުގެ ހުއްދަ މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް، ކެޕިޓަލް މާކެޓު ޑިވްލޮޕްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއެމްޑީއޭ) އިން މިއަދު ދީފި އެވެ.

ސީއެމްޑީއޭގައި ބޭއްވި ރަސްމިއްޔާތުގައި އެމްސީބީއަށް "ކަސްޓޯޑިއަން" ނުވަަތަ މާލީ މުދާ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ހުއްދަ ދީފައިވަނީ ކަސްޓޯޑިއަލް ހިދުމަތްދޭ މުއްސަސާތަކުގެ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ. އަދި މިއީ ރާއްޖޭގައި މި ހިދުމަތް ދޭ ދެވަނަ ފަރާތެވެ. މީގެ ކުރިން 2010 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ވެސް ދަނީ މި ހިދުމަތް ދެމުންނެވެ.

ކަސްޓޯޑިއަންއަކީ މީހެއްގެ މާލީ މުދާ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ ނަގާ މާލީ އިދާރާ އެކެވެ. މި ހިދުމަތް އާއްމުކޮށް ހޯދަމުން ގެންދާނީ އިންވެސްޓްމަންޓް ފަންޑުތަކާއި ޕެންޝަން ފަންޑުންނެވެ. މިގޮތުން ރާއްޖޭގައި ކަސްޓޯޑިއަލް ހިދުމަތް ހޯދަމުން އަންނަނީ ހަމައެކަނި، ޕެންޝަން އޮފީހުންނެވެ. މި ހިދުމަތްދޭ ފަރާތުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ އިންވެސްޓްމަންޓް ފަންޑުންދޭ އިރުޝާދުތަކާ އެއްގޮތަށް ފައިސާ ބެލެހެއްޓުމާއި އިންވެސްޓްމަންޓަކުން ލިބޭ ފައިދާ ބަލައި ގަތުމާއި މާލީ މުއާމަލާތްތަކުގެ ކްލިއަރިން އަދި ސެޓްލްމަންޓް އަދި އެސެޓްތައް ރެކޯޑުކޮށް ބެލެހެއްޓުމެވެ.

އެމްސީބީއަކީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭންކިންގެ ހިދުމަތް ދެމުން ގެންދާ ބޭންކް އެކެވެ.