ހަބަރު

އައްޑޫގެ މިސްކިތްތަކާއި ގަބުރުސްތާނުތައް ބަލަހައްޓަން އެމްއާރުޑީސީއަށް

އައްޑޫގެ 39 މިސްކިތަކާއި، ހަ ގަބުރުސްތާނެއް ބެލެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާ މިއަދު ހަވާލު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ. އަދި އެމްއާރުޑިސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ނިމާލެވެ.

އެމްއާރުޑީސީއާ އެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި ހުންނަ މިސްކިތްތަކާއި، ގަބުރުސްތާނުތައް ސާފު ތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ އެވެ.

ހަފްލާގައި މިނިސްޓަރު ވިދާޅުވީ އެ ތަންތަން ބެލެހެއްޓުމުގެ މަސައްކަތް އެމްއާރުޑީސީ އިން ކުރި ނަމަވެސް މިސްކިތްތައް ހުންނާނީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ. މި އެއްބަސް ވުމަކީ، މިސްކިތްތަކުގެ އިމާމުން އެކަމާ ކަންބޮޑު ވާންޖެހޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެއްބަސް ވުމުގެ ދަށުން އެމްއާރުޑީސީގެ ޒިންމާއަކީ، މިސްކިތްތައް ސާފުކުރުމާއި، މަރާމާތު ކުރުމާއި، ގަބުރުސްތާނުތައް ކުނި ކަހައި، ސަާފުކޮށް ބެލެހެއްޓުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އެއްބަސްވުމަކީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

މި ރަސްމިއްޔާތުގައި އެމްއާރުޑީސީގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ނިމާލް ވިދާޅުވީ، މިއީ، 6.5 މިލިއަން ރުފިޔާގެ އެއްބަސް ވުމެއް ކަމަށާއި، މިއެއްބަސް ވުމުގެ ދަށުން އައްޑޫގެ މިސްކިތްތައް ޒީނަތްތެރި ކުރުމުގެ މަސައްކަތް ވީ އެންމެ ފުރިހަމަ އަކަށް ކުރެވޭތޯ މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. އަދި މިއަދުން މިއަދަށް މި މަސައްކަތްތައް ފަށާނެ ކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.

އައްޑުގައި މުޅި އެކު 61 މިސްކިތް ހުންނަ އިރު، މިއީ، ރާއްޖޭގައި އެއް ސަރަހައްދެއްގައި އެންމެ ގިނަ މިސްކިތް ހުންނަ ސަރަހައްދެވެ.