ބޮލީވުޑް

އަވަށްޓެރިންގެ ޝަކުވާއާ ހެދި ސަންޖޭ ފިލްމުގެ ޝޫޓިން ހުއްޓުމަކަށް

Apr 15, 2017

ޒުވާން އެކްޓަރު ރަންބީރު ކަޕޫރުގެ ފިލްމީ ކެރިއަރުގައި އޭނާ ކުޅޭ އެންމެ ޗެލެންޖިން ފިލްމަކަށް މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅެމުން އަންނަ ފިލްމު ހިމެނެ އެވެ.

ސަންޖޭގެ ފިލްމު ކުޅެން ރަންބީރު ވަނީ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް ބަރުދަން ވެސް 13 ކިލޯ އިތުރުކޮށްފަ އެވެ.

މުމްބާއިގައި ހުންނަ ސަންޖޭގެ ގެ، ޕަލީ ހިލް ރެސިޑެންސްގައި ފިލްމުގެ ބައެއް މަންޒަރުތައް އަންނަނީ ނަގަމުންނެވެ. ސަންޖޭގެ ގޭގައި ނަގަމުން އައި މަންޒަރުތަކުގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ރަންބީރުގެ ސިފަ ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ސަންޖޭގެ މިހާރު

ސަންޖޭގެ މިހާރުގެ ދިރިއުޅުމުގެ ބައެއް މަންޒަރުތައް ފިލްމުގައި ނަގަމުން އަންނައިރު، ރަންބީރުގެ މި ފިލްމުގެ ޝޫޓިންގައި ސަންޖޭގެ ގޭގައި އުޅެމުން އަންނަކަން އެނގުމާއެކު އޭނާގެ ފޭނުންވަނީ އެ ގެ ކައިރިއަށް އެއްވެފަ އެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ، މުޅި ސަރަހައްދުގެ ޓްރެފިކް ވަނީ ތޮއްޖެހިފަ އެވެ. ދެތިން ގަޑިއިރު ވީއިރު ވެސް މަގުގެ ޓްރެފިިކް ކުޑަނުވެ، ބާރުބޮޑުވެ ބަރުގޯނު އަޅަން ފެށުމުން އެ ސަރަހައްދުގައި ދިރިއުޅެން ދިޔަ ފަރާތްތަކުން ޝަކުވާ ކުރުމުން ފިލްމުގެ ޝޫޓިން ކުރިއަށް ނުގެން ގޮސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

މަގުތައް ތޮށްޖެހުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ސަންޖޭގެ ގޭގެ ކުރިމަތީގައި ކާރުތައް ޕާކުކޮށް، ވަނީ ޝޫޓިން އަށް ހުރަސްއަޅާފަ އެވެ. ސަންޖޭގެ އަވަށްޓެރިން ހިތްހަމަނުޖެހި ހަޅުތާލުކުރަން ފެށުމުން މައްސަލަ އިތުރަށް ގޯސްވުމުގެ ކުރިން ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ ވަނީ ވަގުތުން ޝޫޓިން މެދުކަނޑާލާފަ އެވެ.

ޓްރެފިކް އެ ސަރަހައްދުގައި ބާރުބޮޑުވީ ރަންބީރު ފިލްމެއްގެ މަންޒަރަކަށް ފެރާރީއެއްގައި އައިސް ސަންޖޭގެ ގެއަށް ވަންނަ މަންޒަރު ނަގަން އެސަރަހައްދުގެ މަގު ބަންދު ކުރުމުންނެވެ.

މީގެ އިތުރުން ވެސް ފިލްމުގެ ޔުނިޓްގައި ހަރަކާތްތެރި ކްރޫއިން މަގު މައްޗަށް އެމީހުން ކާން ބޭނުންކުރި ކަރުދާސް ތައްޓާއި ކުނިފަދަ ތަކެތި އަޅާފަ އެވެ. އެކަމާ ހިތްހަމަނުޖެހިގެން ޕާލީ ހިލް ރެސިޑެންސްގެ ސެކްރެޓަރީ މަދޫ ޕޮޕްލާއީ ވަނީ އެ ސަރަހައްދުގައި ފިލްމުގެ ޝޫޓިން ކުރިއަށްދާކަން ވެސްް އެމީހުންނަށް އެނގިފައި ނެތް ކަމަށާއި އަދި އެ ޝޫޓިންއެއްގެ ހުއްދައެއް ވެސް ނަގާފައިނުވާ ކަމަށް ބުނެފަ އެވެ.

އަވަށްޓެރިންގެ ޝަކުވާ އާއެކު ހިރާނީ ވަނީ އޭނާގެ ޓީމުގެ ސަބަބުން ކުރިމަތިވި ދަތިތަކަށް މާފަށް އެދިފަ އެވެ. އަދި އެ ފިލްމުގެ ޓީމުން އެޅި ކުނިތައް ނަގައި އެތަންތަން ސާފުވެސް ކޮށްފަ އެވެ.

ސަންޖޭގެ ގޭގައި ނަގަން ހަމަޖެހިފައި ހުރި މަންޒަރުތައް ފަހުން ނަގާގޮތަށް ލަސް ކުރިއިރު، ބައެއް މަންޒަރުތައް ނެގުމަށް އިމްޕީރިއަލް ހައިޓްސްގައި ސެޓެއް ވެސް އަންނަނީ ތައްޔާރު ކުރަމުންނެވެ.

ބޮލީވުޑްގެ ތަރިއެއްގެ ހަޔާތުގެ މައްޗަށް އުފައްދާ ފުރަތަމަ ފިލްމަކީ ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމެވެ. މި ފިލްމުގައި ސަންޖޭގެ މަންމަގެ ރޯލުން މަނީޝާ ކޮއިރަލާ ފެނިގެންދާއިރު، ބައްޕަގެ ރޯލުން ފެނިގެންދަނީ ޕަރޭޝް ރާވަލް އެވެ. އަދި މިހާރުގެ އަންހެނުން މާނިޔަތާގެ ރޯލުން ފެނިގެންދަނީ ދީއާ މިރްޒާ އެވެ.