ލައިފްސްޓައިލް

ހުކުރު ވެސް ސިއްހީ ދުވަހަކަށް ހެދިދާނެ!

ހުކުރު ދުވަހުގެ މެންދުރު ކެއުމަކީ އާންމު ގޮތެއްގައި ނުކައި ދޫކޮށްލެވޭ ވަރުގެ ކެއުމެއް ނޫނެވެ. އެންމެ ސިއްހަތަށް ބަލައިގެން އުޅޭ، ގަވާއިދުން ކަސްރަތު ކުރާ، ޑައިޓުގައި އުޅޭ މީހާ ވެސް ހުކުރު ދުވަހުގެ މެންދުރުގެ ކެއުން ދޫކޮށެއް ނުލާނެ އެވެ. އާންމު ބަހުރުވައިން ނަމަ ހުކުރު ދުވަކީ ކެއުމުގައި "ޗީޓް ޑޭ" އެވެ.

ހުކުރު ދުވަހު ސިއްހަތަށް ފައިދާ ހުރި ކާނާ ނުކެޔަސް އެންމެ ރަނގަޅު ވާނެ އެވެ. ތެލުގެ ބާވަތްތައް އެކުލެވޭ ކާނާ ވެސް ހުކުރު ދުވަހު ހަމަ އޯކޭ އެވެ. މިކަން ބަދަލު ކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟ ޗީޓް ޑޭ ވެސް ހެލްތީ ޑޭ އަކަށް ހަދާލުމަށް މި ގޮތަށް މެންދުރުގެ ކެއުން ތައްޔާރު ކޮށްލާށެވެ.

މި ރެސިޕީގައިވާ މިންތަކަކީ ހަތަރު މީހުންގެ ކެއުމެވެ.

ފުރަތަމަ މިތަކެތި ހޯދާ!

2 މޭޒުމަތީ ސަމުސާ ސެސިމޭ އޮއިލް ނުވަތަ އޮލިވް އޮއިލް
3 ލޮނުމެދު (ގާނާފައި)
2 ބޯންލެސް ކުކުޅު (ކޮށާފައި)
ލޮނު (ހެޔޮވަރު ވަރަކަށް)
އަސޭމިރުސް
1 ޖޯޑު ކެރެޓް (ކޮށާފައި)
1 ޖޯޑު ބޮރޮކޮލީ (ކޮށާފައި)
3 ޖޯޑު ރަތް ހަނޑޫ (ކައްކާފައި)
1/2 ޖޯޑު ގްރީން ޕީޒް
3 ސައި ސަމުސާ ލައިޓް ސޯއީ ސޯސް

ދެން އުނދުން ދޮށަށް!

ފުރަތަމަ ތެލީގައި ތެޔޮކޮޅު ހޫނުކޮށްލާށެވެ. އެއަށްފަހު ލޮނުމެދު މަޑުވަންދެން ތެޔޮކޮޅުގައި ކައްކާލާށެވެ. ދެން، ކުކުޅު އަޅާ ލޮނާ އަސޭމިރުސް އަޅާ ކުކުޅު ރޯ ފިލަންދެން ކައްކާލާށެވެ. ކެކެންދެން ފަސް ވަރަކަށް މިނެޓު މަތި ޖަހާފައި ބަހައްޓާށެވެ. ކުކުޅު ރޯ ފިލުމުން ތަރުކާރީ އަޅާލާށެވެ. އަދި މަޑު ވަންދެން އަލުން ވެސް މަތި ޖަހާލާށެވެ. މަތި ޖަހާލަނީ، މަސް ރޯ ފިލުވުން އަވަސް ކުރުމަށާއި، ތަރުކާރީ އަވަހަށް މަޑު ކުރުމަށްޓަކަ އެވެ. ތަރުކާރީ އެޅުމަށް ފަހު ވެސް ފަސް ވަރަކަށް މިނެޓު މަޑު ކޮށްލާށެވެ. ހުރިހާ އެއްޗެއް ރަގަޅަށް ރޯ ފިލުމުން ބަތާއި، ސޯއީ ސޯސް އަޅާ އެއްކޮށްލާށެވެ. އޭރުން ތައްޔާރުކޮށް ނިމުނީ އެވެ.

މިގޮތަށް ތައްޔާރު ކޮށްލެވޭ ބަތަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި ގޮތަކަށް ތައްޔާރު ކޮށްލެވޭ ބަތެކެވެ. ތެލުގެ ބާވަތްތައް މަދު، ސިއްހަތަށް ފައިދާ ކުރާ ގިނަ ބާވަތްތަކެއްގެ ތަރުކާރީ ވެސް އެކުލެވޭ ގޮތަކަށް ތައްޔާރު ކުރާ ބަތެކެވެ. މި ބަތާ އެކު "ޗީޓް ޑޭ" ވެސް "ހެލްތީ ޑޭ" އަކަށް ހަދާލާށެވެ!