ލައިފްސްޓައިލް

ޝައިލާގެ ކަނަމަދު ކޭކް ފެތުރެނީ ސާލެއްހެން!

ސްކޫލްގައި އުޅުނު އިރު ބޭނުންވި ގޮތަށް ސައިކޮލޮޖިސްޓަކަށްވުމުގެ ހުވަފެނުގައި ކުލަޖެއްސި އެވެ. ނަމަވެސް ދިރިއުޅުމެއް ފަށައި ދަރިން ލިބުނު ހިސާބުން ސައިކޮލޮޖިސްޓެއްގެ ވަޒީފާ އަދާ ކުރަން ބޭނުން ނުވީ އެވެ. ތިން ވަނަ ދަރިފުޅު ލިބުމުން ވަޒީފާއިން ވަކިވެ ދަރިންގެ ހިދުމަތަށް ގޭގައި ހުންނަން ނިންމީ އެވެ.

މި ދުވަސްތަކުގައި ވެސް އެކި ވައްތަރުގެ ކޭކު އެޅުމަކީ އާމިނަތު ޝައިލާގެ ހޮބީ އެވެ. ކެއްކުމާއި ކޭކު އެޅުން އެއީ ޝައިލާގެ ހޮބީ ލިސްޓުގައި އެންމެ ކުރީގައި ހިމެނޭ ކަންކަމެވެ. ރައްޓެހިންނާއި އާއިލާގެ މީހުންނަށް ހިލޭ ކޮށްދޭ ކަމެކެވެ. އެހެންވެ އިންޓަނެޓުން ހޯދައި ތަފާތު މީހުންގެ ރެސިޕީތައް ދިޔައީ ޓްރައި ކުރަމުންނެވެ. ކޮންމެ ރެސިޕީއެއް ބަލައިގެން ކެއްކި ނަމަވެސް އަމިއްލަ ގޮތްތަކެއް އޭނާ ގެންގުޅެ އެވެ. ކޭކުގައިވެސް ޝައިލާ އިހުތިޔާރު ކުރީ އެގޮތެެވެ. އޭނާ ބޭނުންވީ ތަފާތު ވައްތަރެއްގެ ކޭކެއް އަޅާށެވެ.

ކަނަމަަދު ކޭކު އަދި އަލްމަންޑް ކޭކާ ދިމާލަށް ޝައިލާގެ ޝައުގުވެރިކަން ދަމައިގަތް ސަބަބަކީ އެއީ ކަމަށް ވެދާނެ އެވެ. ކަނަމަދު ކޭކު އަދި އަލްމަންޑް ކޭކަކީ މިއަދު ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް ވައިގަ ހިފާފައިވާ ދޭއްޗެވެ. ދިވެހިންގެ ކޮފީ ތަށީގެ ބައިވެރިންނަކީ މިހާރު އެއެވެ. ހާއްސަކޮށް ޒުވާނުންނެވެ. ކަނަމަދު ކޭކު ނުވަތަ އަލްމަންޑު ކޭކު ކޮޅަކާއި ނުލާ ކޮފީ ފުރިހަމައެއް ނުވެ އެވެ.

"ވަކި އުމުރެއްގެ މީހުންނެއް ނޫން. ހުރިހާ އުމުރެއްގެ މީހުންގެ މެދުގައިވެސް މި ދޭތި ވަރަށް މަގުބޫލް. ވަރަށް ބޮޑު ތަރުހީބެއް އެއަށް ލިބޭ." ކެފޭ ހިރިމީން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޖުވޭސް ކެފޭ އިންވެސް ބުނަނީ ޒުވާނުންގެ މެދުގައި މި ކޭކުތައް މަގުބޫލެވެ.

އަލްމަންޑް ކޭކު އަދި ކަނަމަދު ކޭކުގެވެސް ދެތިން ރެސިޕީއެއް ޝައިލާ ޓްރައި ކުރި އެވެ. އެތައް ކޭކެއް ހަލާކުވެސްވި އެވެ. އެކަމަކުވެސް ކޭކު އެޅުން ހުއްޓާލަން ބޭނުމެއް ނުވި އެވެ. ފަހަރިއަކަށް އަޅާދިން ކަނަމަދު ކޭކެއް މީރު ވުމުން އާމްދަނީއެއް ލިބޭ ގޮތަށް އެމަސައްކަތް ފަށަން އެންމެ ފަހުން ނިންމީ އެވެ. ކުރިން ކޭކު އަޅައިދެނީ ހަމައެކަނި އޯޑަރަށެވެ. ނަމަވެސް ޝައިލާގެ ކޭކުތައް މިހާރު ޗީބޯ، ޑޯލްފިން، ޖުވޭސް ކެފޭ، ޖޭޑް ބިސްޓްރޯ އަދި ކެފޭ ހިރިމީ އިން ލިބެ އެވެ. މިއިން ކޮންމެ ތަނަކަށް ކޮންމެ ދުވަހަކުވެސް އެއް ކޭކު ޝައިލާ އަޅަ އެވެ. ކަނަމަދު ކޭކެެއް އަޅައިދެނީ 300 ރުފިޔާ އަށެވެ. އަދި އަލްމަންޑް ކޭކެއް 350 ރުފިޔާ އަށެވެ.

މީގެ 15 ވަރަކަށް އަަހަރުއްސުރެ ކޭކު އަޅަން ފެށި ނަމަވެސް އާމްދަނީ ހޯދަން އެމަސައްކަތް ފެށީ މީގެ ހަތަރު އަހަރު ކުރިންނެވެ. ފޭސްބުކް ޕޭޖެއް ހަދާ ވިޔަފާރި ފުޅާކޮށްލީ ދެ އަހަރެއްވަރު ކުރިންނެވެ. ކުރިއަށް އޮތްތަނުގައި މިއަށްވުރެ އިތުރަށް ފުޅާ ކުރަން ޝައިލާ ދަނީ ވިސްނަމުންނެވެ. ކުޑަވަރެއްގެ ކެފޭއެއް ހުޅުވުމަކީ ޝައިލާގެ އެންމެ ބޮޑު އެއް ހުވަފެނެވެ.

"ކުރިން ނެތް ޕޭޖެއް ހަދައިގެން ވިޔަފާރިއެއް ގޮތަށް ކުރުމުގެ ވިސްނުމެއް. ފިރިމީހާ އަބަދުވެސް ބުނާނެ ޕޭޖެއް ހަދާށޭ. އެކަމަކު އޭރި ހިތަށް އަރާ ޕޭޖެއް ހަދައިގެން ކާކުހޭ ގަންނަން އަންނާނީ. ރަހަ ބަލާފައި ހުރި މީހެއް ނޫންހޭ އަންނާނީ. އެކަމަކު ދެން ކިޔާވަރުން ހަދަން ފެށީ. ފްރެންޑްސް ވެސް ކިޔާނެ ހަދާ ބަލާށޭ، ޕޭޖު ހަދައިގެން އޯޑަރު ލިބެން ފެށީމަ ހިތަށް އެރީ ވެއްޖޭ ތަނަކަށް ގެންދަން." ޝައިލާ ބުންޏެވެ.

ޝައިލާ އަކީ ކޭކު އަޅާ އެހެން މީހުނާ ތަންކޮޅެއް ތަފާތުކޮށް ކޭކު އަޅާ މީހެކެވެ. ތިން ދަރިންގެ ކަންކަން އެންމެ ފުރިހަމަށް ބަލަހައްޓަމުންވެސް ދުވަހަކުވެސް ކޭކެއް ނިންމަން ޖެހޭ ވަގުތަށް ނުނިންމައެއް ނެތެވެ. ކޭކު ކުރިން އަޅާފައެއްވެސް ނުބަހައްޓަ އެވެ. ކޭކު އަޅަނީ އޯޑަރު ދިނުމުންނެވެ.

"އަޅުގަނޑު ކޭކު އަޅަނީ އޯޑަރު ލިބުނީމަ. ބައެއް މީހުން ބުނާނެ ކުރިން އަޅާފަ ބަހައްޓާނަމަ ފަސޭހައެއް ނޫންހޭ. އެކަމަކު އެއީ އަޅުގަނޑު އެހާ ހިތްހަމަ ޖެހޭ ގޮތެއް ނޫން. އެއް ދުވަސް ކުރިން އޯޑަރު ދިނަސް ކޭކު އެޅޭނެ. ކަނަމަދު ކޭކެއް އަޅައިދޭނަން ދެ ގަޑިއިރު ކުރިން އޯޑަރު ކޮށްފިއްޔާ." ޝައިލާ ބުންޏެވެ.

ކޭކު އެޅުމުގެ މަސައްކަތް ޝައިލާ ފަށަނީ ފަތިސް ނަމާދާ އެކީގަ އެވެ. ނަމާދަށްފަހު އެންމެ ފުރަތަމަވެސް ކުރަނީ ކޭކުގެ މަސައްކަތެވެ. އެއަށްފަހު ސައި ހަދައި ކުދިން ސްކޫލަށް ފޮނުވުމަށްފަހު ގޭގެ ހުރިހާ މަސައްކަތަކާއެކު ކޭކުތައް އަޅާ ނިންމަން ކަނޑައަޅާފައިވާ ޑެޑް ލައިނަކީ ހެނދުނު 10:30 އެވެ. އެއަށްފަހު އެއީ އެންމެ ހަގު ދަރިފުޅަށް ހާއްސަ ވަގުތުތަކެވެ. އެ ދަރިފުޅުގެ ފިލާވަޅުތަކާއި ސްކޫލަށް ފޮނުވުމުގެ ކަންކަން ކުރާ ވަގުތެވެ. މެންދުރު ފަހުން އޯޑަރެއް އަތުވެއްޖެނަމަ އަނެއްކާވެސް ކޭކު މަސައްކަތް ފަށަނީ އެވެ.

ކޭކު އެޅުމަށް އެންމެ ގިނަ އޯޑަރު ލިބެނީ ހަފުތާ ބަންދަށެވެ. އާންމުންގެ ގިނަ އޯޑަރުތައް ހަފުތާ ބަންދަށް ލިބެ އެވެ. ޑިމާންޑް ބޮޑީ ކަނަމަދު ކޭކަށެވެ.

ކޮންމެ ކޭކަކަށް އެންމެ މަދުވެގެން 200 އެއްހާ ރުފިޔާ ހަރަދުވާއިރު ކޭކުގެ ވިޔަފާރިން ކޮންމެ މަހަކުވެސް ޝައިލާއަށް ފައިދާގެ ގޮތުގައި 25،000 ރުފިޔާ ލިބެ އެވެ. އެ އާމްދަނީއަކީ ޓިއުޝަން ދިން އިރުވެސް އަދި އޮންލައިން ވިޔަފާރިކޮށްގެންވެސް ލިބުނު އާމްދަނީއަށްވުރެ އެތައް ގުނައެއް އިތުރު އާމްދަނީ އެކެވެ.

ކޭކު އެޅުމުގެ ވިޔަފާރި އިތުރަށް ފުޅާކުރަން ވިސްނާއިރު ޝައިލާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ފިރިމީހާގެ ފަރާތުންނެވެ. ޑެލިވަރީ ކޮށްދޭން ޖެހޭ ހުރިހާ ކޭކެއް ޑެލިވަރީ ކުރަނީ ޝައިލާގެ ފިރިމީހާ އެވެ. ޑެލިވަރީ ކުރަން ޖެހުނު ނަމަވެސް އަގަކަށް ބަދަލެއް ނާދެ އެވެ. ފިރި މީހާގެ އިތުރުން އެ މަސައްކަތުގައި ދެން އެންމެ ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށް ޝައިލާއަށް އެހީތެރިވަނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅެވެ.